68ވަނަ ފިލްމުފެއާ އެވޯޑްސްގެ 10 އެވޯޑަކަށް ނޮމިނޭޓްވެ، އެ ހުރިހާ އެވޯޑެއް ވެސް ހާސިލު ކުރީ ސަންޖޭ ލީލާ ބާންސާލީގެ "ގަންގޫބާއީ ކާތިއާވަޑީ" އެވެ.

68 ވަނަ ފިލްމުފެއާ އެވޯޑްސްގައި ފިލްމު "ގަންގޫބާއީ ކާތިއާވަޑީ" ނޮމިނޭޓްވެ ހާސިލުކުރި 10 އެވޯޑަކީ:

  1. އެންމެ މޮޅު ފިލްމުގެ ޝަރަފްވެރި އެވޯޑު "ގަންގޫބާއީ ކާތިއާވަޑީ"
  2. އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް: ސަންޖޭ ލީލާ ބާންސާލީ
  3. އެންމެ މޮޅު އަންހެން ލީޑް އެކްޓަރުގެ އެވޯޑް: އާލިއާ ބަޓް
  4. އެންމެ މޮޅު ޑައިލޮގް އެވޯޑް: ޕްރަކާޝް ކަޕާޅިއާ އާއި އުތުކަރްޝިނީ ވަޝީޝްތާ
  5. ބެސްޓް ބެކްގްރައުންޑް ސްކޯ އެވޯޑް: ސަންޗިތު ބަލްހަރާ އާއި އަންކިތު ބަލްހަރާ
  6. ބެސްޓް ސިނެމަޓޯގްރަޕީ އެވޯޑް: ސުދީޕް ޗައްތަރޖީ
  7. ބެސްޓް ޕްރޮޑަކްޝަން ޑިޒައިން އެވޯޑް: ސުބްރަތާ ޗަކްރަބަރތީ އާއި އަމިތުރެއި
  8. ބެސްޓް ކޮސްޓިއުމް އެވޯޑް: ޝީތަލް އިގްބާލް ޝަރުމާ
  9. (އާރްޑީ ބާރމަން)އަރަމުން އަންނަ މިއުޒިކް ޓެލެންޓްގެ އެވޯޑު: ޖާންވީ ޝްރިމާންކަރް (ލަވަ ދޯލީޑާ)
  10. ބެސްޓް ކޮރިއޮގްރަފީ އެވޯޑް: ކްރުތީ މަހޭޝް (ލަވަ ދޯލީޑާ)

ގަންގޫބާއީ ކާތިއާވަޑީ

އިންޑިޔާގެ މުމްބާއީގެ ރެޑްލައިޓް އޭރިއާ ކަމަށް މަޝްހޫރު މަގެއްގެމަތިން ގަދަކަމުން ކުޑަ އަންހެންކުއްޖަކު ކަޅުވިޔަފާރިއާ ނުރުހިގެން އަނިޔާކޮށް ހިލިހިލާ ޖަހާފައި ހުރުމުން ސަލާމަތްކޮށްދޭ މަންޒަރު ފެނެއެވެ. އަންހެންކުއްޖާގެ ލޯބިވެރިޔާ އޭނާ އެތަނަށް ވިއްކާލާފައި ދިޔައީއެވެ. އެނބުރި ގެއަށް ދިޔައިއްޔާ އޮންނާނީ ދެގޮތެވެ. އަނެއްކާވެސް އެހެން ކޯޓޭ އަކަށް ވިއްކާލުމެެވެ. ނޫނީ މަރާލުމެވެ. އެހެންވިޔަސް އެކުއްޖާ ދާން ބޭނުން ވާތީ ގަންގޫބާއީ ކުއްޖާ އެތަނުން ގެންދަނީ ކޯޓޭގެ މާމަސާނަށް އަގުބަލާ އައުމަށް ބުނެފައެވެ. މިއީ އިންޑިޔާގެ މުމްބާއީގެ ކަމާޓީޕުރާގައި ގަންގޫބާއީގެ ދިރިއުޅުން އޮތްގޮތުގެ ވާހަކައެވެ.

ކަމާޓީޕުރާ އަށް ރޭގަނޑު ނާދެއެވެ. ސަބަބަކީ އެތަނުގައި ގަންގޫ އުޅޭތީއެވެ. ކަމާޓީޕުރާގެ ހަނދު ގަންގޫ، އެންމެންގެ ގަންގޫބާއީ....އޭނާއަކީވެސް ކޮންމެވެސް އާއިލާއެއްގެ އިއްޒަތެކެވެ. މަންމައެއްގެ ދަރިއެކެވެ. ބައެެއްގެ ކޮއްކޮއެކެވެ. އުންމީދުތަކާއި ހުވަފެންތައް އޭނާގެ ލޮލުގައި ވިދާބެބުޅި ދުވަހެއް ދިޔައެވެ.

"އެއްފަހަރު ކަމާޓީޕުރާގެ ދޮރުން ވަނުމަށްފަހު ދެން ނުކުންނާނެ އެއްވެސް ދޮރެއް ނުހުރެއެވެ."

ކާޓިއާވާޑްގެ ބެރިސްޓަރގެ އަންހެންދަރިފުޅު، ގަންގާ ޖަގްޖީވަންދާސް ކާޓިޔާވަޑީގެ އާއިލާގެ ހައިބަތު ބޮޑެވެ. ހަވޭލީގެ އުޖާލާކަމަކީ ގަންގާއެވެ. އެންމެންގެ އުންމީދު ގުޅިފައި ވަނީ ގަންގާއާއެވެ. އެކަމަކު ގަންގާގެ ހުވަފެންތައް އޮތީ ކާޓިއާވާޑަކު ނޫނެވެ. މާދުރު ބޮމްބޭގައެވެ. ހިންދުސްތާނުގެ ފިލްމީދުނިޔޭގައެވެ. ބޮމްބޭއިން ގަންގާއަށް ފިލްމު ޕްރޮޑިއުސަރެއްގެ ދައުވަތު ހިފައިގެން އަންނަ އޭނާގެ ލޯބިވެރިޔާއާއެކު ގެދޫކޮށް ފިލްމީ ދުނިޔެއަށް ނުކުތުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ކުރުމަށް ގަންގާ ފުރައިގެން ބޮމްބޭއަށް ދެއެވެ. ގެއިން ގަހަނާއާއި ފައިސާވެސް ހިފައިގެން ދާއިރު އެއާއެކު މަންމަގެ ބޮޑު އަލަމާރި ތަޅުދަނޑި ގަންގާއަށް ގެނެވެއެވެ. އެތަޅުދަނޑި އޭނާ ރައްކާކުރަނީ އަމިއްލަ އަތުގައެވެ. މަންމަގެ އަލަމާރީގެ ތަޅުދަނޑި އެއްވެސް މީހެއްގެ އަތަށް ދޭން ބޭނުން ނުވާތީއެވެ. އެކަމަކު މަންމަގެ އެންމެ އަގުބޮޑު ހަޒާނާ އެވަގުތު އެދަނީ ގެއާ އަބަދަށް ވަކިވެގެން ކަމެއް ގަންގާއަކަށް ނޭނގެއެވެ.

ކަމާޓީޕުރާގެ ރެޑްލައިޓްއޭރިއާގެ ކޯޓޭއަކަށް ގަންގާ ވިއްކާލެވެއެވެ. މައުސޫމު ގަންގާއަށް ވީ ކީއްކަން އެނގޭއިރު އޭނާގެ މުޅި ދުނިޔެ އޮތީ އެންމެ އެއްހާސް ރުޕީސްއަށް ޝީލާބާއީގެ މުށުތެރެއަށް ވިއްކާލެވިފައެވެ. ހަދާނެ ގޮތެއް ކުރާނެ ކަމެއް ނެތެވެ. އެއްފަހަރު ކަމާޓީޕުރާގެ ދޮރުން ވަދެވިއްޖެނަމަ ދެނެއް ނުނިކުމެވޭނެއެވެ.

ޝީލާބާއީގެ ކޯޓޭގައި ގަންގާ މަރުވެ ގަންގޫ އުފަންވެއެވެ. އަދި އިންތިހާ ވޭންދެނިވި ގޮތަކަށް އެއްރޭ ގަންގޫއަށް އަނިޔާކުރެވެއެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ ހާލުގައި އޮވެފައި އަނބުރާ ގެނައުމާއެކުވެސް ފައިސާ ހޯދަން ޝީލާބާއީ ގަންގޫ ގާތަށް މީހުން ފޮނުވައެވެ. ލިބުނު ވޭނާއި އަނިޔާއަށް އިންސާފު ހޯދުމަށް ކަރީމްލާލާ(މާފިއާ)އާ ހަމައަށް ގަންގޫ ދެއެވެ. އަދި ދެން ލާލާ ގެ ބާރުގައި ގަންގޫ ކުރިއަރަމުން ދަނިކޮށް ޝީލާ މަރުވެއެވެ. ހުރިހާ އަންހެނުންނާއެކު ގަންގޫ ޝީލާގެ މަގާމަށް ހަވާލުވެއެވެ. އެހިސާބުން އޭގެ ކުރިއާ ތަފާތުކޮށް އެމީހުންގެ ވިޔަފާރި ހިންގައެވެ. ގަންގޫ އިން ގަންގޫބާއީ އަށް ވީއެެވެ. ގަދަކަމުން އެއްވެސް އަންހެންކުއްޖަކު އޭރިއާގައި ވިޔަފާރިއަށް ނެރުން މަނާކުރެއެވެ. ގޭގޭގެ އަންހެންކުދިން ކިޔެވުމުގެ ބަދަލުގައި އޭރިޔާ ލައިޓަށް ނެރުމާ ދެކޮޅު ހަދައެވެ. އަދި ގަންގޫއަށްޓަކައި ޖާނުދޭ، އޭނާގެ ސާޅީތައް ފަރުމާ ކުރަން އަންނަ ލޯބިވެރިޔާއާ އެފަދަ ކުއްޖަކުގެ ކައިވެނިކުރުވައެވެ.

އޭރުގެ ބޮޑު ވަޒީރާ ބައްދަލުކުރަން ދާދުވަހު ޖަވާހިރުލާލް ނެހެރޫ ގަންގޫބާއީ އަށް އެދިރިއުޅުން ދޫކޮށް ކައިވެންޏެއް ކޮށްގެން ދިރިއުޅުމަށް ނަސޭހަތް ދިނުމުން ގަންގޫބާއީ ތިމަންނާއާ އިންނަން ކެރޭނެހޭ ސީދާ ނެހެރޫ ގާތު އަހައެވެ. އަދި ބުނެއެވެ. "ބުނެލަން ފަސޭހަވިޔަސް ކުރަން ފަސޭހަކަމެއް ނޫން."

ގަންގޫބާއީއަކީ ކަމާޓީޕުރާގެ ރާނީއެވެ. ރެޑްލައިންސިޓީގެ ވެރިޔާއެވެ. އެތަނުގައި އުޅޭ އަންހެނުންނާއި ޔަތީމުކުދިންނަށްޓަކައި އެއީ މަންމައެކެވެ. އެހީތެރިއެކެވެ.

ބުނެވޭ ގޮތުގައި ގަންގޫގެ ތަސްވީރެއް ކޮންމެ އެފަދަ އަންހެނެއްގެ ގޭގައި ހުރެއެވެ. ކަމާޓީޕުރާގެ ހަނދަކީ ހަގީގަތުގައިވެސް ގަންގޫބާއީ ކާތިއާވަޑީއެވެ."