ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓްތަކުގެ މަހު ފީ 5،300ރ. އަށް ކުޑަކޮށްދިނުމަށާއި ފްލެޓްގެ ފިނިޝިން މަސައްކަތަށް ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހިޔާފްލެޓުތަކުގެ މަހުފީއަށް ބަދަލުގެނައުމާއި އިންސްޓޯލްމަންޓްގެ މުއްދަތު އިތުރުކުރަން ނިންމީ ބުރާސްފަތީ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އަދި ރަސްމީކޮށް މިވާހަަކަ އަދި އިޢުލާނެއް ނުކުރެއެވެ.

ފްލެޓްތައް ލިބުނު މީހުން ކުލި ކުޑަކޮށްދިނުމަށް އެދި މުޒާހަރާކޮށް، އާދޭސް ކުރާތާ ދުވަސްތަކެއް ފަހުން ސަރުކާރުން މިވަނީ ހިޔާފްލެޓްތަކަށް ނަގާ ކުލި އަގުހެޔޮ ކޮށްފައެވެ. ނަމަވެސް ސަރުކާރުން އޭރު ބުނަމުން ދިޔައީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތް ކަމަށެވެ. ރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ވަރަށް އަވަހަށް ކުޑަ ކުރައްވާނެ ކަމަށާއި، ކުޑަވާނެ މިންވަރު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ.

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓްގެ ވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ބަލައި، އެ ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަށް ސަރުކާރުން އިތުރު ކޮށްދިނީ ހަތް އަހަރުގެ މުއްދަތެކެވެ. ލޯނު އަނބުރާ ދައްކަން ކަނޑައަޅާފައި އޮތީ 25 އަހަރަށް ހަތް އަހަރު އިތުރު ކޮށްދިނީ ކަމަށް ނިންމާފައިވާކަމަށްވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުގެ ކުއްޔަކީ 7،500ރ. އެވެ. އެކަމަކު މެއިންޓަނެންސް ފީއާ އެކު ޖުމްލަ8،500ރ. ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެއެވެ.