އިއްޔެ ކަނޑައެޅި ކަނޑައެޅުމަކީ ރާއްޖޭން ބައެެއް ގެއްލުން ކަމަށް ސިފަ ކުރައްވައި، ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އެކަމާ ހިތާމަ ފާޅުކުރައްވައިފިއެވެ.

ޑރ. މުނައްވަރު މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައަޅާފައިވާ މައްސަލައަށް އިޝާރަތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ގާނޫނަކުން ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބެއް ނޫނެވެ. ހިތާމައެކެވެ. މިކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާކުރުވަން ޖެހޭނެއެވެ.– ޓްވީޓްގައި މުނައްވަރު ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ވަނީ ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

ޗާގޯސް މައްސަލައާ ގުޅިގެން ސަރުކާރާއި ދެކޮޅު ސިޔާސީ ފަރާތްތަކުން އިޓްލޮސްއިން ނިންމި ނިންމުމާއި ދެކޮޅަށް ވާހަކަދައްކަމުން އަންނައިރު މި ނިންމުމަށް ތައުރީފްކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އެއީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށާއި އަދި ސަރުކާރަށް ލިބުނު ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.