ލިޔުނީ: މަމްދޫޙު އިބްރާހީމް (ސޯޅަވަނަ ބައި / 25 އޭޕްރީލް 2023ގެ އަދަދާގުޅޭ)

ޝަބީބާ ކަމަނާގެ އެއްވެސް ޖަވާބެއް ލިބިވަޑައި ނުގެންނެވުންވީ ތުއްތުސީދީ ރުޅިގަނޑު އިންތިހާއަށް ދިޔަކަމެވެ. ޝަބީބާ ކަމަނާ ބަސްފުޅެއް ވިދާޅުވެ ނުލައްވާނެ ކަން އެނގުމުން ތުއްތުސީދީ ރުޅިއަރައިގެން އޭނާ ގާތުގައި ހުރި ފޮށީގައި ހުރި ފުޅިތަކުގެ ތެރެއިން ޝަރީފާގެ ގަބުރު ކޮނެނަގައިގެން ނެއްޓި ދަތްތަކުން މުގުރައިގެން ހަދާފައިވާ ކުނޑިފުޅި ނެގިއެވެ.

އެއިން ކުނޑިމުށެއް ނަގައި އަނެއްކާ ވެސް ޝަބީބާ ކަމަނާ އާ ސުވާލުކޮއް އިންޒާރެއް ދީފިއެވެ. ހަމަ ކުރިއެކޭ އެއްފަދައިން ޝަބީބާ ކަމަނާ އެއްވެސް ޖަވާބެއް ވިދާޅުވެނުލެއްވިއެވެ. ތުއްތުސީދީ ކިޔެވެއްޔެއް ކިޔަވައި އެއަށް ފުމެލާފައި އެދިޔަ ގޮތަށް ގޮސް އަތުގައި ހުރި ކުނޑި ޝަބީބާ ކަމަނާ ގެ ފިޔަނގަނޑު ފުޅަށް ޖަހައިފިއެވެ. ހަމަޖެހުމާއެކު ޝަބީބާ ކަމަނާ ވޭންހުރި އަޑުފުޅަކުން ހަޅޭފުޅު ލަވައިގަނެވިއްޖެއެވެ.

ޝަބީބާ ކަމަނާ ގެ ވަރަފުޅު އެހުރިގޮތަށް ހުރެ ބޮޑު ބިއްލޫރި ގަނޑަކަށް ބަދަލު ވެއްޖެއެވެ. ތުއްތުސީދީ ދިޔައީ ތަކުރާރު ކޮށް އެއްސުވާލެއް ކުރަމުންނެވެ. ޝަބީބާ ކަމަނާ ހުންނެވީ ލިބުނު ބޮޑު ވޭންފުޅުގައި ގުޑައިވެސް ނުލެވިފައެވެ.

ތުއްތުސީދީ އެވަރުން ނުވެގެން ދެވަނަ ފަހަރަށް ކޮންމެ ވެސް ކިޔެވެއްޔެއް ކިޔަވާ ފުމެފައި ޕަރީގެ ފިޔަނގަނޑަށް ދަތުގެ ކުނޑި މުށެއް ޖެހިއެވެ. ދެވަނަ ފަހަރަށް ޖެހުމުން ޝަބީބާ ކަމަނާ އަށް ތެޅި ގަނެވުނެވެ.

އެކަމަނާ ގެ ފިޔަގަނޑުފުޅުން ގަދަ ނޫކުލައިގެ އަލިފާން ކަނި ބުރައިގެން ގޮސް ކޮންމެ ވެސް ވަރަކަށް ބިއްލޫރި ވެފައިހުރި ފިޔަގަނޑުފުޅު ގައި ރެނދު އަޅަން ފެށިއެވެ. ދެން ޝަބީބާ ކަމަނާ ގެ ެފިޔަގަނޑުފުޅުން އެއްބައި އެހުރިގޮތަށް ހުރެ ގާ ވެއްޖެއެވެ. ޝަބީބާ ކަމަނާގެ މުޅި ހަށިކޮޅުން ބާރުގަދަ އަލިގަނޑެއް މުޅި ހިސާބުގަނޑަށް ފެތުރިގެން ދިޔައެވެ. މި މަންޒަރު ހީވަނީ ވިއްސާރަ ދުނީގެ އެކި ކުލަތައް އަރައިގެން ގޮސް ފަޅަފަޅައިގެން ދާހެންނެވެ.

މުޅި ހިސާބުގަނޑު އެކި ކުލަކުލައިން ވިދައި ބަބުޅާ ހެންނެވެ. އެ ބެބުޅުމުގެ އަލި ގަދަކަމުން ތުއްތުސީދީ އަށް ވެސް ބަލަން އުނދަގޫވިއެވެ.

ތުއްތުސީދީ ޖިންނި އަންހެނަކު ދިރިހުއްޓައި ވޭންދެނިވި ގޮތަކަށް އަނިޔާ ކުރަނީއެވެ. އޭނާ އަށް ނުކިޔަމަންތެރި ވެއްޖިއްޔާ އޭނާ ބަދަލު ހިފާކަށް ފަހެއް ނުޖެހޭނެއެވެ. ސަބަބަކީ ތުއްތުސީދީ އެހިސާބަށްއައީ ހުރިހާ ހުވަފެންތަކެއް ވަޅުޖެހި ހަލާކުވުމުގެ ތެރޭގައި ވާތީއެވެ. ތުއްތުސީދީ ކުޑައިރު ކޮޅަކުން ހުރެފައި އޭނާ ގެނައި ފޮށި ހުޅުވިއެވެ. އޭގެތެރެއިން ކަށްވަޅު ކޮނެގެން ނެގި ގަބުރުގެ ދެލޯ ލާފައި އޮތްފުޅި ނަގައި ޝަބީބާ ކަމަނާ ކުރި ފުޅު މައްޗަށް ވާގޮތަށް ބެހެއްޓެވިއެވެ. އޭގެ ވަށައިގެން ހުވަނދުމާތައް އަޅައި ކިޔެވެލިތަކެއް ކިޔަވަން ފެށިއެވެ. ދެން ކަން ވަމުންދިޔައީ ވަރަށް ވެސް ހައިރާން ކުރުވާގޮތަކަށެވެ. ޝަބީބާ ކަމަނާގެ ރީތި ދެލޯފުޅު އެހެރީ ބިއްލޫރިހެން މުޅިން ގަނޑު ވެފައެވެ. ހުރީ ގަދަނޫކުލައިން ދިއްލިފައެވެ. ބިންމަތީގައި ބެހެއްޓި ފުޅީގައިވާ ގަބުރުގެ ދެލޯ ވެސް ހުރީ ދިއްލިފައެވެ. އަދި ފުޅި ތެރޭގައި އޮވެގެން އެ އެނބުރެނީއެވެ.

ހަމަ އެހެންމެ ތުއްތުސީދީގެ ކަޅި މައްޗަށް އަރައި ދެލޯ ވެސް ހުރީ ހުދުވެފައެވެ.

މިހާރު ތުއްތުސީދީ އަށް އެފެންނަނީ މުޅިން އެހެން ދުނިިޔެއެކެވެ. ވަރަށް ބޮޑެތި ބިނާ ތަކެކެވެ. މުޅި ދުނިޔޭގައި ވެސް އިންސާނުން ދިރިއުޅެމުންދާ އެހެން މަންޒަރުތަކެއްގެ ހުވަފެނީ އާލަމެކެވެ. މިހާތަނަށް ބަޔަކުމީހުން ދުވަހަކު ވެސް ދެކިފައިނުވާފަދަ ދުނިޔެއެކެވެ.

ހަގީގަތުގައި ތުއްތުސީދީ އަށް މިފެންނަނީ މީގެ އެތަކެއްހާސް އަހަރެއްގެ ކުރީގައި މާޒީވެ ގޮސްފައިވާ އަދި ޚިޔާލުން ވެސް ފޮހެވިފައިވާ ބައެއްގެ ދިރިއުޅުމެވެ. ޖިންނީންނާއި އިންސީން އެކުގައި ދުނިޔޭގައި އުޅެމުން އައި ދުވަސްވަރެއްގެ މަންޒަރުތަކެކެވެ. ހީވަނީ ބޮޑުހުވަފެނެއްގެ ތެރޭގައި ހުރެވޭ ހެންނެވެ. ޝަބީބާ ކަމަނާގެ ގަދަ ނޫކުލައިގެ ދެލޯފުޅު ވަނީ ދިއްލިފައެވެ. ސިހުރު ހަދާފައިވާ ފުޅީގެ ތެރޭގައި އޮތް ގަބުރުގެ ދެލޯ ވެސް ވަނީ ދިއްލިގެން ގޮސް ނުހުއްޓި އެނބުރިއެނބުރިއެވެ. ދެން ތުއްތުސީދީގެ ދެލޯ ހުދުވެ މިއިން ކޮންމެ ލޯތަކަކަށް އެކައްޗެއްގެ ބާރުގައި އަނެކަްއްޗައްގެ އެހީގައި އެފެންނަމުންދަނީ މާޒީގައި ހިނގާދިޔަ ހާދިސާތަކެކެވެ.

މާޒީވިކަންތައް ތަކެކެވެ.

އެތަކެއްހާސް ސުވާލުތަކެއްގެ ޖަވާބެވެ.

************* *********** ***************

އަލްއަބީރުލް ވަރްދާ ގަނޑުވަރުގެ ހަގީގީކުލަތައް އަދި އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ

ރާނީ "ޒަދްރާ ރަނިކަމަނާ"އާ ބައްދަލުވުން

ދުވަހުގެ ރީތި ރަން އިރު އަރައިފިއެވެ. ރީތި ހިތްގައިމު ވައިރޯޅިތައް ވެސް އެއްވެސް ހުއްޓުމެއް ނެތި ދައުރުކުރެއެވެ. ވިލާތައް ރަން ކަފަކޮޅުތަކެއް ފަދައިން ދިއްލިލައިފައި އުޑުގެ އަލިކަން ވަނީ ފެތުރިފައެވެ. އެތަކެއް ހާސް ތަރިތަކަށް ދުވާލެއް ވިޔަސް އަދި ރޭގަނޑެއް ވިޔަސް އޭގެ ވިދުން އަރައަރައެވެ. މަޑިކިލަނބުގައިވާ ހުރިހައި ގުރަހައެއްގެ ރީތިކަން ވަނީ ވެސް އެތަކެއް ހާސް ބިލިއަން ދުރުމިނެއްގައި އެއިން ކޮންމެ އެއްޗެއްގެ ޒާތުގައި ވިިދާލަވިދާލައެވެ.

ޖައްވުގައި ހުރި ބޮޑު ހުދު ވިލާގަނޑެއްގެ މަތީގައި އަޖައިބުން ފުރިފައިވާ ގަނޑުވަރެއް ބިނާވެފައިވާ ތަން ފެންނަން ހުއްޓެވެ. ގަނޑުވަރުގެ ވަށައިގެން އެތައް ބައިވަރު ގަސްތަކާއި ފެންހިނގާ ކޯރުތަކާއި ފެންއާރުތަކުން މުއްސަނދިވެފައިވާ ބޮޑެތި ފަރުބަދަތަކެއް ހުއްޓެވެ.

މި ރީތި ގަނޑުވަރުގެ ވަށައިގެން ހެދިފައިވާ ބިނާތަކަކީ އަޖައިބު ކުރުވާ ފަދަ ރީތި ބިނާ ތަކެކެވެ. މުޅި ގަނޑުވަރު ވަނީ ސަންގުމަރުމަރުންނާއި ރަނުން ބިނާ ކުރެވިފައެވެ. ގަނޑުވަރުގެ ބޮޑެތި ބިޔަ ގުއްބުތައް ބިނާ ކޮށްފައި ވަނީ ބޮޑެތި ޖަވާހިރުތަކުންނެވެ. މި ގަނޑުވަރުގެ ބޭރު ފަރާތް ޒީނަތްތެރި ކުރެވިފައިވަނީ އެކި ކުލަކުލައިގެ ހައިބަތުން ފުރިގެންވާ ބޮޑެތި ބިޔަ ފިނިފެންމަލުންނެވެ.

މި ތަފާތު ފުރިހަމަކަން ލިބިގެންވާ ގަނޑުވަރަކީ ޕަރިސްތާނުގެ ގޯއްޗެވެ. މިއީ ޕަރީންގެ ގަނޑުވަރެވެ. މިގަނޑުވަރުގެ ނަމަކީ އަލްއަބީރުލް ވަރްދާއެވެ.

މިއީ ޕަރީން ވެރިކަން ކުރަމުން އަންނަ ޕަރިސްތާނެވެ. މިއަދު މި ގަނޑުވަރުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ފެންނަނީ ވަރަށް ހަލަބޮލި ކަންމަތީގައި ހޭލަމޭލަވެ އުޅޭ މަންޒަރެވެ. ގަނޑުވަރުގެ އެކި ބައްދަލުވުންތަައް ބޭއްވެމުން އެބަދެއެވެ.

ޕަރިސްތާނުގެ ރަސްގެފާނު އަލްއަބީރުލްމާލިކް މިއަދު ހުންނެވީ ވަރަށް ވެސް އުފާފުޅާއެކުއެވެ. މިއަދަކީ އެ މަނިކުފާނަށް ބިމުން ބޮޑު ދަޢުވަތެއް ލިބިވަޑައިގެންނެވި ދުވަހެކެވެ. އެއީ އާދައިގެ ދަޢުވަތެއް ނޫނެވެ. މި ދަޢުވަތަކީ ދުނިޔޭގެ ބިމުގައި ރަނިކަންކުރައްވަމުން ގެންދަވާ ޒަދްރާ ރަނިކަމަނާ ދެއްވި ޝާހީ ދަޢުވަތެކެވެ.

އެހެންކަމުން ޕަރިސްތާނު ގަނޑުވަރުގައި ތިއްބަވާ އެންމެހާ ޕަރީޒާދުންނާއި ޕަރީންގެ ހާދިމުން ވަނީ ރަސްގެފާނު ބިމަށް ފައިބައި ވަޑައިގަންނަވާތީ އެ މަނިކުފާނުގެ ޢިއްޒަތްތެރި ދަތުރުފުޅު ބެލެހެއްޓުމުގައި އަވަދިނެތިއެވެ. އަދި ޒަދްރާ ރަނިކަމަނާއަށް ހަދިޔާތައް ތައްޔާރުކުރުމުގެ ބުރަމަސައްކަތުގައެވެ. އެ ކަމަނާގެ އަރިހަށް ގެންދެވޭ ތަކެތީގެ ތެރޭގައި ގަނޑުވަރުގައި ތައްޔާރުކުރެވޭ ހުވަނދު ގުޅިތައްވެއެވެ. އަދި އެނޫންވެސް އެތައް ބައިވަރު ހަދިޔާއެއްވެއެވެ. މިހުރިހައި ތަކެތި ތައްޔާރުކޮށް އަލްއަބީރުލްމާލިކް ރަސްގެފާނަށް ރަނުން ހަދައިފައިވާ ޝާހީ ގާޑިޔާކޮޅެއްގައި އެތަކެއް ހަދިޔާއަކާއި މުދާ ބަރާކޮށް ތަރުތީބުކުރުމުގައި އަވަދިނެތި ޕަރީން އުޅެތެވެ.

ރަސްގެފާނު އުފާފުޅުން އެވަޑައިގެންނެވީ އެ މަނިކުފާނުގެ ރަސްދަރިކަނބަލުން ކަމަށްވާ އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ގެ އަރިހަށެވެ. ޕަރީންގެ ރަސްގެފާނު މިއަދުގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ ދަރިކަނބަލުން ވެސް މި ޝާހީ ބައްދަލުވުމަށް ބިމަށްގެންދަވާނެއެވެ.

އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އިންނެވީ އެ ކަމަނާގެ ރީތި ބިއްލޫރި ހެދުންކޮޅު ތުރުކުރައްވައިގެން އިސްތަށިފުޅުގައި ފުނާ އަޅުއްވާށެވެ. އެ ކަމަނާގެ އަރިހުގައި ފަންސާސް ބާނދީން ޚިދުމަތުގައި ތިބިއެވެ. އެ އަމީރާ ކަމަނާގެ އަތްޕުޅުގައި އާދަވެގެން އަބަދުވެސް ބިއްލޫރީގެ ތަނޑުބައެއް ކޮނޑުފުޅާ ހަމައިން ފެށިގެން އަތްޕުޅުގެ ތިރިއަށް އަޅުއްވައިފައި ހުރެއެވެ.

މިއަދު އެކަމަނާގެ އިސްތަށިފުޅުގައި ތުރުކުރައްވައިފައި ވަނީ ފެހިކުލައިގެ ޒަބަރުޖުދާއި ޒުމައްރަދާއި އަލިމަހާއި އޭގެ ވަސްމީރުކަމާއި ނަލަކަން ދާއިމަށް ދެމިގެންވީ އަޖައިބެއް ފަދަ ފިނިފެންމަލުން ފަރުމާކޮށްފައިވާ ރަނުގެ ތާޖެކެވެ. ހަމަ އެހެންމެ އެކަމަނާގެ ހަށިކޮޅުގައި އަޅުއްވައިފައި ހުރި ގަހަނާތައް ވެސް އޭގެ ޒީނަތްތެރިކަން ލޮލަށް ފެންނަ ކޮންމެ މަޚުލޫޤަކުމެ އާޝޯޚު ވާހައިވެއެވެ.

ކަންފަތްޕުޅުގައި ތުރުކުރައްވައިފައި ވަނީ ފެހިކުލައިގެ ޒުމައްރަދާއި ޚާލިސް ރަނުގެ މުންޖެވެ. ކަރުފުޅުގައި އަޅުއްވައިފައި ވަނީ ފެހިކުލައިގެ ޒަބަރުޖުދާއި އަލިމަހާއި ޔާގޫތުން ޒީނަތްތެރިކޮށް ރަނުން އުއްތައި ގަތައިފައިވާ ހާރުކޮޅެކެވެ. އެ އަމީރާ ކަމަނާގެ ޒީނަތްތެރިކަން ސާދަވިލޭރޭގެ ހަނދުފަދައެވެ. ތާޒާކަން ބަގީޗާއަކުން ފަރިވާ އެންމެ ތާޒާ މާމެލާމެލި ފަދައެވެ.

އެ ރީތިކަމާއި ނަލަކަން އިތުރަށް ފުރިހަމަ ކުރެއްވުމުގައި ހިނދުހިނދުކޮޅުން އެ އަމީރާ ކަމަނާ ޒީނަތްތެރި ވެވަޑައިގަންނަވައެވެ. މި ކަމަށް ޚާއްޞަކުރައްވައިގެން ރަނުން ހައްދަވައިފައިވާ މޫނުބަލާ ލޯގަނޑުކޮޅެއް ވެސް އެކަމަނާގެ އަތްޕުޅުގައި އޮވެއެވެ.

މިއަދު މުޅި ގަނޑުވަރުގެ ތަނބުތައް ވަށައިގެން ބޮޑެތި އަލިފާން ގުއްބުތަކެއް ރޯކޮށްފައިވެއެވެ. މިއިން ކޮންމެ ތަނެއްގައި ޕަރީންގެ ޚާދިމަކު ގޮމަކަސްތޫރިއާއި އިތާމުތް އެބަ އަންދައެވެ. ިމުޅި ފަޒާގެ ތެރޭގައި މީރުވަސް ދުއްވައެވެ. ޕަރިސްތާނުގެ ރަސްގެފާނަށް މިފަދަ ބޮޑު ބައްދަލުވުމަކަށް އިންސިއެއްގެ ފަރާތުން ދަޢުވަތެއްލިބުން އެއީ އަބަދު ލިބޭނޭ ފުރުސަތެއް ނޫނެވެ. ހަވީރުގެ ވަގުތެކެވެ. ކުދިބޮޑު އެންމެން ވެސް ގަނޑުވަރުތެރޭގައި މަޖާކޮށް ލަވަކިޔާ ހަދަނީއެވެ.

މިހާރު އިރުއޮއްސެން ކައިރިވަނީއެވެ. އިރުއޮއްސޭ ގަޑިއަކީ ރަސްގެފާނު ބިމަށް ފައިބާވަޑައިގަންނަވައި ބިމަށް ދަތުރުފުޅުކުރައްވާ ވަގުތެވެ. ބިމަށް ފައިބާވަޑައިގަންނަވާ ވަގުތު ޖެހުމުން ބޮޑެތި އަލިފާން ގިނިހިލަ ތަކެއް ހެން ރަސްގެފާނާއި އެ މަނިކުފާނުގެ ދަރިކަނބަލުން ޝާހީ ރަންގާޑިޔާ ކޮޅުގައި ބިމަށް ފައިބައިވަޑައިގަންނަވައި ރަނިކަމަނާ ޒަދްރާގެ ގަނޑުވަރު ކޮޅަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެ ކަމަނާ ވަނީ އަލްއަބީރުލްމާލިކް ރަސްގެފާނަށް ހޫނު މަރުހަބާއެއް ވިދާޅުވުމުގެ ގޮތުން މުނިފޫހިފިލުވުމުގެ ކުޅިވަރުތައް ބޭއްވެވުމުގެ އިތުރަށް އަލިފާން ބޭނުންފުޅުކުރައްވައިގެން އަޖައިބު ކުރަވަނިވި އެތަކެއް ކުޅިވަރެއް ހުށަހަޅުއްވައިފައެވެ.

ޒަދްރާ ރަނިކަމަނާ އެކަހެރިތަނަކަށް ޕަރީންގެ ރަސްގެފާނާއި އެމަނިކުފާނުގެ ދަރިކަނބަލުން ގެންދަވައި ކޮންމެވެސް ސިއްރުވެރި ވާހަކަފުޅެއް ދައްކަވައިފިއެވެ. މިއީ އަލްއަބީރުލްމާލިކް މިހައިތަނަށް އަދި އަޑުއައްސަވައިފައި ނުވާހައި ހައިރާންފުޅުވި ވާހަކަފުޅެކެވެ.

ޒަދްރާ ރަނިކަމަނާ ވަރަށް ގިނަ ވާހަކަފުޅު ދައްކަވައި އެ ކަމަނާގެ ވަސިއްޔަތްޕުޅެއް ފުއްދަވައި ދެއްވާން ޕަރިސްތާނުގެ ރަސްގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އެ ކަމަނާގެ އެދިވަޑައިގަތުމާ ރަސްގެފާނު ދެބަސްފުޅު ވެވަޑައެއް ނުގަންނަވައެވެ. އެކަމަކު އެކަމަނާ އެވިދާޅުވާ ކަންތައްތަކަކީ ބޮޑުއަދި ބުރަ މަސައްކަތްޕުޅެއް ކުރައްވައިގެން ނޫނީ ނުނިންމެވޭނޭ ކަމެއްކަން އެ މަނިކުފާނަށް ވިސްނިވަޑައިގަތެކެވެ.

އަމީރާ ގިނިކަނދުލް ޝަބީބާ ކަމަނާ ވަނީ ޒަދްރާ ރަނިކަމަނާގެ ސިއްރު ކަންޒެއްގެ ތެރެއަށް ގެންނަވައި އެކަމަނާ އަމީރާ ޝަބީބާ ކަމަނާ އަށް ވަރަށް އަގުހުރި އަޖައިބެއްފަދަ ހަދިޔާއެއް ދެއްވައިާފައެވެ. ޒަދްރާ ރަނިކަމަނާ ވަނީ ކުރިން އަމީރާ ޝަބީބާ ކަމަނާ އަށް ދެއްވި އަނގޮޓިފުޅު ފެންގަނޑު އަޑީގައި ރައްކާކުރައްވައިފައެވެ. އެކަމަކު މި ސިއްރު ބައްދަލުކުރެއްވުން ބޭއްވެވުމަށް ޓަކައި ޖާދޫގެ އެ އަނގޮޓިފުޅު ވަނީ ފެންގަނޑުގެ އަޑިން ނަންގަވައި އެކަމަނާގެ ގަނޑުވަރުގެ ސިއްރު ކަންޒުގެ ތެރެއަށް ލައްވައި ރައްކާކުރައްވައިފައެވެ. އެއީ ރަނުން ހަދައިފައިވާ ވަރަށް ރީތި އަނގޮޓިފުޅެކެވެ.

(ނުނިމޭ)