މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމި ޖަލްސާ މޫސުން ތަން ނުދޭތީ ފަސްކޮށްފި ކަމަށް އެޕާޓީން ބުނެފިވެ.

ޕާޓީއިން ޖަލްސާ ފަސްކުރި ކަމަށް ބުނި ނަމަވެސް އެ ޖަލްސާ ބާއްވާނެ ތާރީހެއް ހާމައެއްނުކުރެއެވެ..

އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ހޮވުމަށް، އެމްއެންޕީގެ ފަރާތުން ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލައްވާފައި ވަނީ ހަމައެކަނި އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

އެހެންކަމުން އިންތިހާބަކާ ނުލާ ނާޒިމް އަށް ވަނީ ރިޔާސީ ޓިކެޓު ޔަގީންވެފަ އެވެ. ހުކުރު ދުވަހު ބާއްވަން ނިންމި ޖަލްސާ އަކީ ރަސްމީކޮށް ނާޒިމް އަށް ޓިކެޓު ހަވާލު ކުރަން ބާއްވާ ޖަލްސާ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9ގައި ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. 23 ޖުލައިން ފެށިގެން 3 އޮގަސްޓާ ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ؛ އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.