ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، (އެސްޓީއޯ)އިން މަތިންދާބޯޓުތަކަށް އަޅާ ތެޔޮ އުފުލުމަށް ޚާއްޞަ ބާޖެއް ރާއްޖެ ގެނެސްފިއެވެ. އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް، ފުނަދޫގައި ބޭއްވި ޙަފުލާއެއްގައި ”ލަގަނާ“ ކިޔާ މި ބާޖު ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. މިއީ ހަންސާ ކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީގެ އެހީތެރިކަމާއެކީ ބަނދެފައިވާ ބާޖެކެވެ.

”ލަގަނާ“ އަކީ ޖެޓް ފިއުލްއަށް ޚާއްސަކޮށްގެން ގެނެސްފައިވާ ފުރަތަމަ ބާޖެވެ. އެސްޓީއޯއިން ބުނި ގޮތުގައި މިއީ އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާފަރު އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ޚާއްސަ ކުރެވިގެން ކޮމިޝަން ކޮށްފައިވާ ބާޖެކެވެ.

މި ބާޖް ތައްޔާރުކުރީ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރިކަމާއެކު ގެންދިއުމުގައި ދިމާވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. އަދި "ލަގަނާ"އަކީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ ބާޖެއް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

"ލަގަނާ" ބާޖު ދައްކާލުމަށް ފުނަދޫގައި ބޭއްވި ރަސްމިއްޔާތުގައި، މި ބާޖާއެކު ޑޮމެސްޓިކް އެއަރޕޯޓްތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ލުއިފަސޭހަތެކެއް ލިބިގެންދާނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ސަޢީދު ވިދާޅުވިއެވެ. އަދިވެސް އިތުރަށް ސައީދު ވިދާޅުވި ގޮތުގައި މިވަގުތު އައިލޭންޑް އޭވިއޭޝަންއަށް މި ބާޖުން ޚިދުމަތް ފޯރުކޮށްދިން ނަމަވެސް ޑިމާންޑް އޮތްވަރަކުން އިތުރު ބާޖުތައް ގެންނަވާނެކަމަށެވެ.

އެސްޓީއޯ އިން ވަނީ ބާޖާ އެކީ، އިންޑަސްޓްރީގެ ބެސްޓް ޕެރެކްޓިސްއާ އެއްގޮތަށް، ޖެޓް އޭ-1 ތެޔޮ ރިފައިނަރީން ފެށިގެން ފްލައިޓްއާ ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމު ކޮށްފައެވެ. މިނިޒާމުގެ ދަށުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސްޓީއޯ އިން މާލޭގައި ގާއިމުކުރި ލެބޯޓްރީގައި ޓެސްޓްކުރާނެއެވެ.

އެސްޓީއޯއިން ބުނީ، މި ބާޖުގެ ކްރޫންނަށް ވެސް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން، ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

”ލަގަނާ“ އަކީ 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނަ ބާޖެކެވެ. މީގައި ޒަމާނީ މިނެކިރުމުގެ އާލާތްތައް ބަހައްޓާފައިވާ، ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ކޮމިޝަންކޮށްފައިވެއެވެ.. މިއީ ރާއްޖޭގައި މިފަދަ ފިލްޓަރުތަކެއް ހަރުކުރެވިފައިވާ ފުރަތަމަ އުޅަނދެވެ.