ތ. ހިރިލަންދޫގައި ޑްރަގު ކެފޭއެއް ހިންގާ ކަމަށް ތުހުމަތުވާ ބަޔަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންނަށް ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ހަމަލާ ދިނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުންނެވެ. މި ދެމީހުން ވަނީ ޑްރަގް ކެފޭ ހިންގާ ކަމަށް ބުނާ ގޭގެ ދޮރު ހަލާކުކޮށްގެން އެ ގެއަށް ވަދެފައެވެ. އަދި އެ ގޭތެރޭގައި ތިބި މީހުންގެ ތެރެއިން ދެމީހަކަށް ހަމަލާ ދީ ވަނީ އެކެއްގެ ބޯ ފަޅާލައިފައެވެ އަނެކަކުގެ އަތް ވަނީ ބިންދާލައިފައެވެ. ދެ މީހުންނަށްވެސް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. އެ މީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އެ މީހުންނަށް ހަމަލާދިނުމުން، އެމީހުން ވަނީ ރަށުގެ މަގުތަކަށް ނުކުމެ މީހުންނަށް އިންޒާރު ދިންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މިކަމާމެދު ރަށުތެރޭގައި ވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ. ހިތްހަމަނުޖެހިގެން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ މީހުން ރަށުން ބޭރުކުރަންވެސް ނުކުމެފައެވެ.

ޑްރަގް ކެފޭ ހިންގާ ގެ ކަމަށް ބުނާ އެ ގޭގެ ކޮޓަރިއެއްގައި އެރަށު މީހަކާ އިނދެގެން އުޅޭ އައްޑޫ މީހަކާއި އެ މީހުންގެ ތިން ދަރީން ދިރިއުޅެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި އެރަށުގައި ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މިއައްޑޫ މީހާ ކަމަށް ރަށުމީހުންގެ ތެރެއިން ބަޔަކު ތުހުމަތުކުރެއެވެ.

ޑްރަގް ކެފޭއެއް ކަމަށް ބުނާ ތަނުގައި ކުޑަކުދިންތަކެއް އުޅޭކަމުގެ ކަންބޮޑުވުން ހިރިލަންދޫ ސްކޫލުން ޖެންޑާ މިނިސްޓްރީއަށްވެސް މީގެ ކުރިން ވަނީ އަންގާފައެވެ.. ރޭ ހިނގައިދިޔަ މައްސަލައަށްފަހު ޖެންޑާގެ ބެލުމުގެ ދަށަށް އެ ތިން ކުދިން ވަނީ ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، ހިރިލަންދޫ ގެއެއްގެ ތެެރެއަށް ވަދެ މާރާމާރީ ހިންގާފައިވާ ކަމަށް ރޭ 10:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީއާ ގުޅިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު އިންޒާރު ދިން މައްސަލައެއްވެސް ރޭ 10:15 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަށްވެސް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އަދި މި މާރާމާރީއާ ގުޅިގެންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ރަށުތެރޭގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތްކުރި 37 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.