ކޮވިޑް-19 ބަލިޖައްސާ ވައިރަސްގެ އާ ވައްތަރެއް ކަމަށް ބެލެވޭ ވޭރިއެންޓެއް ނައިޖީރިއާއިންވެސް ފެނިއްޖެއެވެ.

އެހެން ނަމަވެސް، އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން – އެފްރިކާ ސީޑީސީން ބުނެފައިވަނީ، އެކަން ކަށަވަރު ކުރުމަށްޓަކައި އިތުރު ތަހްގީގުތަކާއި ތަހުލީލުތައް ކުރަންޖެހޭ ކަމަށެވެ.

ނައިޖީރިއާއިން ފެނުނު ވޭރިއެންޓް ކަށަވަރު ވެއްޖެނަމަ މިއީ، ކޮވިޑް ވައިރަހުގެ މިހާތަނަށް ފެނުނު ތިންވަނަ ވޭރިއެންޓަށް ވެގެންދާނެއެވެ.

މީގެކުރިން، ޔޫކޭއާއި ސައުތު އެފްރިކާއިންވެސްވަނީ ކޮވިޑް-19 ބަލިޖައްސާ ވައިރަހުގެ އާ ވައްތެއް ފެނިފައެވެ.

ކޮވިޑް-19 ފަތުރާ ވައިރަސްއަށްވުރެ އިނގިރޭސިވިލާތުން ފެނުނު ސްޓްރެއިންއާއި، ސައުތު އެފްރިކާއިން ފެނުނު ވޭރިއެންޓް މާ ބާރުގަދަވެފައި، ނުރައްކާތެރި ކަމަށް ސައިންސްވެރިން ބުނެއެވެ.

ކޮވިޑް ވައިރަހުގެ އައު ސްޓްރެއިންއާއި، ވޭރިއެންޓް ފެނުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ގެންދަނީ، އިނގިރޭސިވިލާތާއި، ސައުތު އެފްރިކާ އަދި، ވައިރަހުގެ ވޭރިއެންޓް ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ އެހެން ގައުމުތަކުގެ މީހުން އެ ގައުމުތަކަށް ދަތުރު ކުރުމުގައި ފިޔަވަޅުތައް އަޅަން ފަށާފައި ވެއެވެ.

ނައިޖީރިއާއިން އާ ވޭރިއެންޓެއް ފެނިފައިވާ ކަމަށް ބެލެވޭ ކަމަށް އެފްރިކާ ސީޑީސީން ހާމަކޮށްފައިވާއިރު، ޑެންމާކު، ނެދަރލޭންޑްސް، އޮސްޓްރޭލިއާ، މެލޭޝިޔާ އަދި ސިންގަޕޫރުންވެސް މިހާރުވަނީ ވައިރަހުގެ އާ ވޭރިއެންޓް ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.