ކަރަންޓް މީޓަރުގެ ރީޑިންގ ނުނަގައި ސްޓެލްކޯއިން ބިލްކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިހެން ވިދާޅުވީ އެކަމަށް ތުހުމަތުކޮށް ރާއްޖޭގެ އޮންލައިން ނޫހެއްގައި މޭ އެކެއްގައި ޝާއިޢުކޮށްފައިވާ ޚަބަރާގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެނޫހުގައި ބުނެފައިވަނީ ސްޓެލްކޯ މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާ ކަމަށެވެ. މި ޚަބަރާ ގުޅިގެން ސްޓެލްކޯއިން ވިދާޅުވީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން މިކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއްކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ވިދާޅުވީ އެ ކުންފުނިން ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށްކަމަށާއި މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރައްކަމުގައިކަމަށެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެކަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ފެންނަން ހުންނާނެ ކަމަށާއި ކޮވިޑް-19 ގެ ޚާއްސަ ޙާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް ޢަމަލުކުރަމުން އައި ގޮތްވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުޞޫލަށް އިޔާދަކުރެވި ފައިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެ އުޞޫލަށް މިހާރުވެސް ރީޑިންގ ނަގާކަމަށް މި ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަޤީޤަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް އެ ކުންފުނިންވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ވަނީ ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގެން ހުންނަ ކަމަށާއި މިކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް މިކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރައްވައިފައިވެއެވެ.
އަދި މިއަހަރުވެސް ހޫނު މޫސުމާ ގުޅިގެން، ޢާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ޚާއްސަކޮށްގެންވެސް މައުލޫމާތު ފޯރުކޮށްދީފައި ވާނެކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއްކަމަށާއި ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް މި ކުންފުނިން މަރުޙަބާ ކިޔާނެއްކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މިކުންފުނިން ބަލައިގަންނާނެ ކަމެއްނޫންކަމަށާއި އަދި، އެއީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އަސާސްތަކެއްވެސް ނޫންކަމަށްވެސް ސްޓެލްކޯއިން ނެރުނު މި ބަޔާނުގައި ވިދާޅުވެފައިވެއެވެ، އަދި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މި އަސާސްތައް ދެމެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.