އައިޖީއެމްއެޗްގެ (އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް،) އިހުމާލުން އުމުރުން ދުވަސްވީ އަންހެން މީހެއްގެ އަތުގެ އިނގިލިތައް ބުރިކޮށްލި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެހޮސްޕިޓަލުން ނޫސްބަޔާނެއް ނެރެ އެކަމާ ބެހޭ މައުލޫމާތު ހިއްސާކޮށްފިއެވެ.

މީސްމީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އައިޖީއެމް ހޮސްޕިޓަލުގެ އިހުމާލުން ނުބައި އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން އަތުގެ އިނގިލިތައް ހަލާކުވެ ބުރިކޮށްލާފައިވާ ކަމަށް ބުނާ ވާހަކައާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި، އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ދެނެގަނެ، ބަލިމީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާއި އެއްގޮތަށް އަމަލުކޮށްފައިވޭތޮ ހޮސްޕިޓަލުގައި އެކުލަވާލެވިފައިވާ މިފަދަ މައްސަލަތައް ބަލާ ކޮމިޓީއިން ދަނީ މިކަން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

"މި ކޮމެޓީގެ ހޯދުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމުގައިވެސް މި ފުރުސަތުގައި ދަންނަވަމެވެ،"

އުމުރުން 85 އަހަރުގެ މި އަންހެން މީހާގެ އާއިލާއިން ބުނެފައި ވަނީ އެމީހާ މާލެ އައީ ފާހާނާ ތެރެއަށް ވެއްޓިފައި، ލިބުނު އަނިޔާތަކަކަށް ފަރުވާ ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދިނުމުގެ ތެރޭގައި ޖެހި އިންޖެކްޝަނެއްގެ ސަބަބުން އިނގިލިތައް މަރުވެ ބުރިކޮށްލަން ޖެހުނު ކަމަށެވެ. އެކަން އެ ގޮތަށް ހިނގާ ދިއުމުން އާއިލާއިން އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ހުށަހަޅައި އެދުނު ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް އެދުނު ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެ އޭޑީކޭއަށް ބަދަލު ކުރުން ލަސްވީ ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އިނގިލިތައް ބުރިކުރި ފަހުން އައިޖީއެމްއެޗްގެ އިހްމާލުން ހިނގާފައި ހުރި ކަންކަން އާއިލާއަށް އެނގުނު ކަމަަށްވެސް ބުންޏެވެ.

އައިޖީއެމްއެޗުން، ކޮމެޓީގެ ހޯދުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި މިރޭ ބުނިއިރު އަންހެން މީހާ ރޭ ފަތިހު ވަނީ ނިޔާވެފައެވެ.