ރައްޔިތުންގެމަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާނެކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށް ޖުމްހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރ އަލީ ޝާހު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީ ތަކުން ރިޔާސީ އިންތިހާބުގައި ގާސިމް ރައީސް ސޯލިހަށް ތާއިދު ކުރައްވާނެ ކަމަށް އަޑުތަށް ފެތުރެމުންދާ ވަގުތެއްގައި ޝާހު މިވަނީ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށް އިންތިހާބްގައި އެހެން ޕާޓީއަކަށް ތާއީދުކޮށްފާނެ ކަމަށާއި، ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާނެ ކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައެވެ.

"ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ގާސިމް އިބްރާހީމް ރިޔާސީ އިންތިޚާބްގައި އެހެން ޕާޓީއަކަށް ތާއީދުކޮށްފާނެ ކަމަށާއި، ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާނެކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއް ނެތްވާހަކައެއް."
އަލީ ޝާހުގެ ޓުވީޓު

މިއަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ސޯލިހާއެކު ކޯލިޝަން ހެދުމަށް ދައުވަތު ވެސް ދެއްވާފައި ވަނިކޮށް ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި އެޕާޓީން އިންތިހާބުގައި ވަކިން ވާދަކުރައްވަން ގާސިމް އިބްރާހީމް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ހުުޅުވައިލި ފުރުސަތު ހަމަވި އިރު ކުރިމަތިލައްވާނެ އެހެން ބޭފުޅަކު ނުވުމުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އެކަމަށް ކުރިމަތިލައްވާފައެވެ.