ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ޙާލަތެއްގައި ވެސް އިތުބާރު ހުރި ތެދު މަޢުލޫމާތު ފެތުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނުކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ނޫސްވެރިންނަށާއި ނޫސްވެރިންގެ ޢާއިލާތަކަށް، އަދި ނޫސް އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންނަށް، ފޮނުއްވާފައެވެ

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ މަސްއޫލިއްޔަތެއްކަމާއި، ފަރުދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މުޖްތަމަޢެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އިސް ވާޖިބަކަށް ވާޖެހޭކަން ވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ރާއްޖެއަށް ޑިމޮކްރެސީގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައިގަނޑު އެއް އަޞްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތްކަން ފާހަގަކުރައްވައި މުޖުތަމަޢުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލުމުގެ އިތުރުން އެމަނިކުފާނު ވަނީ ދިވެހި ނޫސްވެރިކަމުގައި ހޯދިފައިވާ ތަޖުރިބާތަކުގެ އަލީގައި ނޫސްވެރިކަމުގެ ކުރިމަގު އެއަށް ވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށާއި އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރު ކޮށްދެއްވާނެކަންވެސް އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.