އިއްޔެ ހުޅުމާލޭ ފޭސްދޭއްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗްގެ އައިސީޔޫ ވެންޓިލޭޓަރގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

"ހަލި" ނޫހުން ކޮށްލި ސުވާލަށް ޖަވާބު ދެމުން އައިޖީއެމްއެޗްގެ މީޑިޔާއިން ބުނީ އިއްޔެ ހުޅުމާލޭ ހޮސްޕިޓަލުން 20 އަަހަރުގެ ޒުވާނަކު އައިޖީއެމްއެޗަށް ގެނައި ކަމަށެވެ. އަދި އެޒުވާނާ އަށް މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫ ވެންޓިލޭޓަރުގައި ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އިއްޔެގެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލަތު ސީރިޔަސްކަމަށް ވިޔަސް މަރުވިކަމަށް ފެތުރޭ ވާހަކައަކީ ތެދެއް ނޫންކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އިއްޔެ ހަވީރު 3:17 ހާއިރު ހުޅުމާލޭ ދެވަނަ ފޭސްގެ ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ސައިކަލުގައި އިން ޒުވާނާއަށް އެންމެ ފުރަތަަމަ ފަރުވާ ދެވުނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

ޖީއެން ސައިކަލެއްގައި ދިޔަ މިޒުވާނާގެ ހާލު ވަރަށް ސީރިޔަސް ކަމަށާއި ސިކުނޑި މަރުވެފައިވާ ކަމަށް އެއްބަޔަކު އަޑު ފަތުރާއިރު އަނެއްބަޔަކު ޒުވާނާ މަރުވެއްޖެ ކަމަށްވެސް އަޑު ފަތުރާފައިވެއެވެެ. އެހެންނަމަވެސް ފުލުހުން ވަނީ ޒުވާނާ މަރުނުވާކަން ޔަގީންކޮށްދީފައެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރެއްގެ ދެ އެކްސިޑެންޓު އެންމެ މަދުވެގެންވެސް ހުޅުމާލޭގެ އެކި ދިމާތަކާއި ބުރިޖު ހައިވޭ މަތީ ހިނގާކަން ވަނީ ފާހަަގަކުރެވިފައެވެ. ބައެއް އެކްސިޑެންޓުތައް ނުރައްކާތެރި ހާދިސާތަކަށް ވެ، އަނިޔާ ވާ ފަރާތުގެ ހާލު އިންތިހާއަށް ސީރިޔަސް ވެފައިވެއެވެ. އިއްޔެވެސް ޖުމްލަ 4 އެކްސިޑެންޓެއް ވަނީ ޔަގީންކަމާއެކު ހިނގާފައެެވެ. އަދި އެއްވެސް އަނިޔާއެއް ނުވެ ދެ އެކްސިޑެންޓެއް ހިނގާފައިވެއެވެ.