ލިޔުނީ: މަމްދޫޙު އިބްރާހީމް (ސަތާރަ ވަނަ ބައި / 29 އޭޕްރީލް 2023ގެ އަދަދާގުޅޭ)

ޖާދޫގެ އަނގޮޓިފުޅު

އަމީރާ ގިނިކަނދުލް ޝަބީބާ ކަމަނާ ވަނީ ޒަދްރާ ރަނިކަމަނާގެ ސިއްރު ކަންޒެއްގެ ތެރެއަށް ގެންނަވައި އެކަމަނާ އަމީރާ ޝަބީބާ ކަމަނާ އަށް ވަރަށް އަގުހުރި އަޖައިބެއްފަދަ ހަދިޔާއެއް ދެއްވައިާފައެވެ. ޒަދްރާ ރަނިކަމަނާ ވަނީ ކުރިން އަމީރާ ޝަބީބާ ކަމަނާ އަށް ދެއްވި އަނގޮޓިފުޅު ފެންގަނޑު އަޑީގައި ރައްކާކުރައްވައިފައެވެ. އެކަމަކު މި ސިއްރު ބައްދަލުކުރެއްވުން ބޭއްވެވުމަށް ޓަކައި ޖާދޫގެ އެ އަނގޮޓިފުޅު ވަނީ ފެންގަނޑުގެ އަޑިން ނަންގަވައި އެކަމަނާގެ ގަނޑުވަރުގެ ސިއްރު ކަންޒުގެ ތެރެއަށް ލައްވައި ރައްކާކުރައްވައިފައެވެ. އެއީ ރަނުން ހަދައިފައިވާ ވަރަށް ރީތި އަނގޮޓިފުޅެކެވެ.

އެ އަނގޮޓިފުޅުގައި ރަތް ކުލައިގެ ބޮޑު ޖަވާހިރެއް ޖަހައިފައިއޮތެވެ. އަދި މިއަނގޮޓިފުޅަކީ އެހެން އަނގޮޓިތަކާ ތަފާތު ގޮތެއްހުރި ގަހަނާއެއްކަން އަމީރާ ޝަބީބާ ކަމަނާ އަށް ފާހަގަކުރެއްވުނެވެ. އަނގޮޓިފުޅުގައި އޮތް ރަތްކުލައިގެ ޖަވާހިރަށް ވަރަށް ފުންކޮށް ބައްލަވާލެއްވުމުން މާތްﷲގެ މަތިވެރި އިސްމުފުޅު ލިޔެވިފައިވާ ތަން ވަރަށް ސާފުކޮށް ފެންނާއެވެ.

ޖާދޫގެ މި އަނގޮޓިފުޅު އަމީރާ ޝަބީބާ ކަމަނާ އަށް ދެއްވަމުން އެއަށް ހައްދަވާނޭ ގޮތް ޒަދްރާ ރަނިކަމަނާ ވަރަށް ސާފުކޮށް އަމީރާ ޝަބީބާ ކަމަނާ އަށް ވިދާޅުވެދެއްވިއެވެ.

ޝާހީ ދަރުބާރުގައި ބައްދަލުވުންތައް ކުރިއަށް ދަނީއެވެ. ޒަދްރާ ރަނިކަމަނާގެ ވަސިއްޔަތްޕުޅު ފުއްދަވައި ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވައި ޕަރިސްތާނުގެ ރަސްގެފާނު އެ ކަމަނާއަށް ވައުދުފުޅު ވެވަޑައިގަތެވެ. ޝާހީ މި ބޮޑު ބައްދަލުވުން ނިންމަވައި ޕަރީންގެ ރަސްގެފާނު ޖައްވަށް އަރުއްވައި ޕަރިސްތާނަސް ވަޑައިގެންފިއެވެ. އެ ވަގުތު މުޅި ޖައްވު ވަނީ ބޮޑެތި އަލިފާން ގުޅަގުޅައިން ފުރިގެން ފަޒާތެރެ ދިއްލިފައެވެ.

** ** **

ޖެހިގެން އައި ދުވަހެވެ. އަލްއަބީރުލްމާލިކް އިންނެވީ ވަރަށް ވެސް ބޮޑު ފިކުރުފުޅެއްގައެވެ. އަދި އަމީރާ ޝަބީބާ ކަމަނާ އަރިހުގައި ޒަދްރާ ރަނިކަމަނާ ވިދާޅުވި އެއްވެސް ވާހަކަފުޅެއް އެއްވެސް އެހެން ތަނެއްގައި ނުދައްކަވަން އެންގެވިއެވެ. އެ ކަމަނާ ވިދާޅުއްވި އެކަންތައް ކުރައްވަން ޖެހޭނީ ވަރަށް ސިއްރިޔާތުގައި ކަންވެސް ވިދާޅުވިއެވެ. ސަބަބަކީ އެހެން އެއްވެސް ޖިންނީންގެ ބަޔަކަށް މިކަން އެނގިގެން ނުވާތީއެވެ.

ހަމައެކަނި ޕަރީންގެ ރަސްގެފާނުގެ އެއްޗެއްކަމުގައި މިކަން ފޮރުއްވައި ރައްކާކުރައްވަން ޖެހިވަޑައިގަންނަވާތީއެވެ. އެހެނީ މިހާރު އެ މަނިކުފާނު އެވަނީ ބޮޑުކަމަކަށް ވަޢުދުވެ ވަޑައިގަންނަވައިފައެވެ. އަދި އެވައުދުފުޅު މަތީ ދެމިހުންނެވި ނަމަ އެމަނިކުފާނަށް ހަދިޔާކުރެެއްވުނު ފެންގަނޑު ވާނީ އެމަނިކުފާނުގެ ޚަޒާނާތަކުގެ ތެރެއިން އެންމެ ފުރިހަމަ އަދި އެންމެ އަޖައިބުވަނިވި ޚަޒާނާއަށެވެ. އެހެނީ އެހެން އެއްވެސް ޖިންނިއަކަށް އެފެންގަނޑަކަށް ވާސިލެއް ނުވެވޭނެއެވެ.

ޕަރީންގެ ރަސްގެފާނުގެ ބޮޑުބިޔަ ދިހަހާސްގެ ޕަރީންގެ ހާދިމުންގެ ލަޝްކަރެއް ޖަމާކުރައްވައި ދުނިޔޭގެ އެކިއެކި ކަންކޮޅުތައް ހޯއްދަވާ ބެއްލެވުމަށް އަމުރުކުރައްވައިފިއެވެ. ލަޝްކަރުގެ ވެރިންވަނީ މުޅިދުނިޔޭގެ އެތަންމިތަން ހޯއްދެވުމަށް ފޮނުއްވާފައެވެ. ދުނިޔޭގައި އަގުބޮޑު ޚަޒާނާއެއް ރައްކާކުރެވޭނީ ކޮންތަނެއްގައިތޯ ހޯދުމަށްޓަކައި ފޮނުއްވާފައެވެ. އެގޮތުން އެކިފަރުބަދަ ތަކުގެ ހޮހަޅަޔާއި އަލިފާން ފަރުބަދަތަކާއި ދުނިޔޭގެ ގަނޑުފެނުގެ ފަރުބަދަތަކާއި ކަނޑުއަޑީގެ ހޮހަޅަތަކާއި އެނޫން ވެސް ތަންތަނެވެ. އެކިފަހަރު މަތިން އެކިތަންތަނުގެ ޚަބަރުވަނީ އެމަނިކުފާނު އަރިހަށް ގެންނަވާފައެވެ.

އެހެން ނަމަވެސް މިއިން އެއްވެސް ޚަބަރަކާއި ތަނަކާއިމެދު ރަސްގެފާނު ހިތްޕުޅާ ނުލެއްވިއެވެ. ދުވަސްތަކެއް މިހެން ފާއިތުވަމުން ގޮސް އެއްދުވަހެއްގެ ހަވީރުގެ ވަގުތެއްގައި ޕަރީންގެ ރަސްގެފާނު އަލްއަބީރުލްމާލިކް ގެ އަރިހަށް ޕަރީންގެ ހާދިމަކު ޒިޔާރަތް ކުރައްވައި ވަރަށް އުފާވެރި ޚަބަރެއް ދެއްވައިފިއެވެ. އެޚަބަރަކީ ދުނިޔޭގެ މެދަށްވާ ހިސާބުން ހައިރާންކުރުވަނިވި މަންޒިލެއް ފެނުނު ކަމުުގެ ޚަބަރެވެ.

މިތަނަކީ އެކިއެކި ޖަޒީރާގެ ރަށް ތަކަށް ބެހިގެންވާ ތަނެއްކަމާއި މިއީ އަގުބޮޑު ޚަޒާނާއެއް ރައްކާތެރި ގޮތުގައި ފޮރުވުމަށްޓަކައި އެންމެ އެކަށީގެންވާ ތަނެއްގެ ގޮތުގައިވިއެވެ. މިކުދިކުދި ރަށްތައް ބެހިގެން ވަނީ ކަނޑުގެ އެކި އައްސޭރިފަށަށެވެ.

އެހެން ނަމަވެސް މިހިސާބުގަނޑަކީ އާދަޔާޚިލާފު އިންސާނުން ތަކެއް ދިރިއުޅޭ އަދި ވެރިކަން ވެސް ކުރަމުން އަންނަ ތަނެއްކަމުގައި ވިއެވެ. ދެން މިޖަޒީރާ ރަށްތަކުގެ ވަށައިގެންވާ ފެހި އަދި ނޫކުލައިގެ ރީތި ސާފު މޫދުތަކާއި ހުދުރިހި ދޮންވެލީގެ ރީތިކަމުގެވެރި މަންޒިލްގައި ގަސްގަހާއިގެހި އަދި ރުއްގިނަ ރީތި ބޮޑުރަށެއް ވާކަންފާހަގަ ކުރެއްވިއެވެ. މި ކަމާމެދު ރަސްގެފާނު އަލްއަބީރުލްމާލިކް ވިދާޅުވީ އެއީ އެއްވެސް މައްސަލައެއް ނޫންކަމަށާއި މިފަދަބޮޑު ޖާދޫގެ ޚަޒާނާއެއް ރައްކާތެރި ކުރެވެވޭނީ ވެސް އެފަދަ ބަޔަކު ދިރިއުޅޭ ތަނެއްކަމުގައެވެ.

** ** **

ދުވަހުގެ ހަވީރެވެ. ރަސްގެފާނު އަލްއަބީރުލްމާލިކް އެމަނިކުފާނުގެ ޝާހީ އަމުރުފުޅަށް ފަންސާސް ފަސްހާސް ޕަރީންގެ ހާދިމުންގެ ވަރުގަދަ ބިޔަ ފައުޖެއް ޒަދްރާ ރަނިކަމަނާ ދެއްވި ފެންގަނޑުު ފަރުބަދަ މަތިން ކަނޑުއްވައި ނަންގަވައި އެއްވެސް ހަލާކުވުމެއްނެތި އުފުލައިލައިގެން ދިގުރާސްތާއެއް ކަޑަތުކޮށް ދުނިޔޭގައިވާ ކަމަށް އެބުނާ ރީތި މަންޒިލަށް ޖަޒީރާ ރަށްތަކުގެ ތެރެއިން ހެދިފައިއޮތް ބޮޑު ރީތިރަށަކަށް ފެންގަނޑު ގެނެސް އެރަށަށް ތިރިކުރައްވައިފިއެވެ.

ޖަންގަލީގައިވާ ރުއްތަކާއި އެތައް ބައިވަރު ގަސްތަކުގެ މެދުގައި ފުންވަޅުގަނޑެއްކޮނެފިއެވެ. އަދި މި ވަޅުގަނޑު ތެރޭގައި ބޮޑު ލޯގަނޑެއް ވެސް ބަހައްޓަވައިފިއެވެ. ފެންގަނޑު ކިލަނބު ނުވާގޮތަށް ބެހެއްޓީ ވަޅުގަނޑު މަތީގައި ހުރި ބޮޑު ލޯގަނޑުގެ މަތީގައެވެ. ހަނދުވަރު ދޭ ރޭގަނޑެއްގައި އެފެންގަނޑު ހުންނަނީ ރަތްކުލައިން ދިއްލިފައެވެ.

މުޅިފެންގަނޑުން ގަސްތައް ވަށައިގެން ޒީނަތްތެރި ކުރެވިފައިވާ ކަހަލައެވެ. ޒަދްރާ ރަނިކަމަނާ ގެ ޚަޒާނާތައް ވަނީ މިފެންގަނޑު އަޑީގައެވެ. އަދި އެ ކަމަނާގެ ފިރިކަލުން ދެއްވި ރަންއަނގޮޓިފުޅު ވެސް ވަނީ ބޮޑު ރަންފޮއްޓެއްގެ ތެރޭގައި ރައްކާކުރެއްވިގެންއެވެ. މިބުރަމަސައްކަތް ކުރެވެމުން ދިޔައިރު މުޅިހިސާބުގަނޑު ވަނީ ޕަރީންގެ ލަޝްކަރުގެ ބެއްލެވުމުގެ ދަށުގައި ރެއާދުވާލު ހިމާޔަތް ކުރެވިގެންނެވެ. ކޮންމެ ހާލެއްގައި ވެސް މިބޮޑު މަސައްކަތް ކުރެވި ނިމިއްޖެއެވެ.

މިހާރު މިފެންގަނޑު މިވަނީ ވަރަށް ރީތި ހިތްގައިމު މަންޒިލަކަށް ވެފައެވެ. ކޮންމެ ހުކުރު ވިލޭރެއަކާއި ހުކުރުދުވަހެއްގެ ހަވީރު މިފެންގަނޑަށް ބައިވަރު ޕަރީން ފެންވަރަން ތިރިކޮށް ހަދައެވެ. އެހެނަސް އެއީ ޕަރިސްތާނުގެ ރަސްގެފާނުގެ ހުއްދަފުޅާއެކުގައެވެ. އެނޫންގޮތަކަށް މިފެންގަނޑަށް ތިރިކޮށް ފެންގަނޑަށް އެރުންވަނީ މަނާކުރައްވާފައެވެ.

އެއީ އެތައްބައިވަރު ސަބަބުތަކާ ހެދިއެވެ.

** ** **

ފެންގަނޑު އެތާގައި ބެހެއްޓެވުނު ދުވަސްވަރު ވަރަށްގިނައިން ރަސްގެފާނު އެތަނަށް ޒިޔާރަތް ކުރައްވައެވެ. ރަސްގެފާނު މި ފެނގަޑަށް ފައިބާ ވަޑައިގެންނަވާއިރު ބައިވަރު ހުވަނދު ގުޅި ގެންނަވައެވެ. މި ބޮޑެތި ހުވަނދު ގުޅިތަށް ފެންގަނޑަށް އަޅުއްވައި މުޅި އެ ފެންގަނޑުން މީރު ވަސް ދުއްވައެވެ.

އެއްވެސް ޕަރީ އަކު މި ފެންގަޑަށް ތިރިކޮށް ފައިބާ އެރި ހަދައި އުޅޭ ވަގުތު މުޅި ފެންގަޑުންނާއި އެ ހިސާބުގަނޑުން ހުންނާނީ އާދަޔާޚިލާފު މީރުވަހަކުން ފެތުރިފައެވެ. އަދި އެމަނިކުފާނު ގެ އަރިހުގައި އެތަކެއްބައިވަރު ޕަރީންގެ ކުދި ބޮޑު އެންމެން މިފެންގަނޑުން ފެންވަރައި އެތަނުން ފެންބޮއެ ހައްދަވައެވެ. އެބައިމީހުންގެ ފިޔަގަނޑުތައް ސާފުވެ މިފެންގަނޑުން ފެންބުއިމުން ދެންއޮތް ގަރުނަކަށް ވެސް އެމީހުންނަކަށް ކެއުމެއް ބުއިމެއް ބޭނުމެއް ނެތެވެ.

އަނެއްކާވެސް ކޮންމެ ސަތޭކަ އަހަރަކަށްފަހު އެބައިމީހުން މިފެންގަނޑަށް ޒިޔާރަތް ކޮށް މިހެން މިކަންތައްތައް ކުރެއެވެ. އެހެންނަމަ ވެސް އެހެން އެއްވެސް ޖިންނީންގެ ބަޔަކަށް މިއީ އޮންނަތަނެއް ކަމެއް ނޭނގެއެވެ. ހަމައެކަނި ޕަރީންގެ ރަސްގެފާނުގެ އާއިލާގެ ބޭފުޅުންނާއި ގަނޑުވަރުގައި ތިއްބަވާ މީހުން ފިޔަވައި މިކަމުގެ ހަގީގަތް އެނގޭނެ ޖިންނީންގެ އެހެން އެއްވެސް ބަޔަކު ނެތެވެ.

އެހެންނަމަވެސް މިހުރިހާ ހާދިސާއެއް ހިނގައިދިޔަ އިރު މިބޮޑު ސިއްރު އެނގޭ އެއް ޖިންނިއަކު ހުއްޓެވެ. އޭނާއަކީ އެޕަރީންގެ ތެރޭގައި ހިމެނޭ ޖިންނިއެއް ނޫނެވެ.

އޭނާއަކީ ބިމުގައި އުޅުނު ޖިންނިއެކެވެ. އެ ޖިންނިއަކީ ޒަދްރާ ރަނިކަމަނާގެ ގަނޑުވަރުގެ ބިންގަރާސްތަކުގެ ޖަލުތައް ބަލަހައްޓަން އުޅުނު ޖަލު ފާރަވެރިއެކެވެ.

(ނުނިމޭ)