ދިވެހިރާއްޖޭގެ ޚާއްޞަ އިގްތިސާދީ ޒޯނުން 450000 އަކަކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ގެއްލޭގޮތަށް އެ ސަރަޙައްދުގެ މައްޗަށް މޮރީޝަސްގެ ޞިޢާދަތީ ބާރު ހިނގާނެކަމަށް އެއްބަސްވެ ދިވެހި ސަރުކާރުން ޢަމަލުކުރެއްވި ގޮތް މާލޭ ސިޓީ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން މާލޭސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަނީ ދިވެހިރާއްޖޭގެ މަސްވެރިން މިހާތަނަށް މަސްބާނަމުން އަންނަ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް، މޮރީޝަސްއަށް ލިބޭގޮތަށް ނިންމާފައިވާކަމީ، ހަމައެކަނި ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ލިބޭ ގެއްލުމެއް ނޫންކަމަށެވެ. އަދި އެއީ ރާއްޖޭގެ މަސްވެރިންނަކީ އެއިރެއްގައި މަސްބޭނޭ ހިސާބަކަށް ދަތުރުކޮށް މަސްބާނަމުން އަންނަ ބަޔަކަށްވާތީ، މާލޭ ސިޓީގައި ދިރިއުޅޭ މަސްވެރިންނަށްވެސް އެކަމުގެ ސަބަބުން ހިތަށް ނުގެނެވޭހާ ގެއްލުން ކުރިމަތިވެ، ރާއްޖޭގެ މަސްކަނޑުތަކުން މަސް ހުސްވެ މަސްވެރިން ނިކަމެތި ވެދާނެ ކަމެއްކަމުގައި ދެކޭތީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލި ދިޔަ ދިއުމަކީ މާލޭސިޓީ ކައުންސިލުން ހިތާމަކުރާކަމެއް ކަމަށެވެ.

މީގެ އިރުތުން، އެ ކައުންސިލުން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ދުނިޔެ ބަލައިގެންފައިވާ ނަމޫނާ، ދެމެހެއްޓެނި މަސައްކަތަކަށްވާއިރު، ދިވެހިރާއްޖެއާއި އިންވެގެން ދާއަޅައިގެން ކުރާ މަސްވެރިކަމުގެ ސަބަބުން ޒަމާންވީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އަސަރުކުރާއިރު އެކަމުގެ އަސަރު މާލޭ ސިޓީގައި މަސްވެރިކަން ކުރާ މަސްވެރިންނަށްވެސް ކުރާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިގެން ދިޔަ ދިއުމަކީ މަސްވެރިކަމުގެ ސިނާޢަތުގައިވާ އެންމެ ގިނަ މަސްވެރިކަމުގެ އުޅަނދުތައް ހިމެނޭ މާލޭ ސިޓީގެ އޮޑިދޯނި ފަހަރާއި ރާއްޖޭގެ އެހެނިހެން ސަރަހައްދު ތަކުގެ އޮޑިދޯނިފަހަރުގެ ވެރިންނާއި، ކެޔޮޅުންނާއި، ފަޅުވެރިންނާއި، އަދި އެހުރިހާ ފަރާތްތަކެއްގެ އާއިލާތަކަށް ކުރިމަގުގައި ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެ ކަމެއްކަމުގައި މާލެސިޓީ ކައުންސިލުން ދެކޭކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ކަނޑުގެ ސަރަޙައްދު ގެއްލިގެން ދިއުމަކީ އެއްވެސް ހާލެއްގައި މިޤައުމަށް ލިބުނު ކާމިޔާބީއެއް ކަމަށް ކައުންސިލުން ނުދެކޭ ކަމަށާއި، މާލޭ ސިޓީގައި ދިރިއުޅޭ މަސްވެރިންނަށް ލިބޭ ކޮންމެ ގެއްލުމަކީ މާލޭ ސިޓީ ކައުންސިލުންވެސް ބަސްބުނަންޖެހޭ އަދި ކައުންސިލުގެ މަސްލަހަތު ހިމެނޭ ކަމެއްކަމުގައި ދެކޭތީ، ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު ހޯދުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ހިފެހެއްޓުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.