ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ދެ ލީޑަރުން، ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ ކަންބޮޑުވުން، ބޭރުގެ ސަފީރުންނާ ހިއްސާ ކުރެއްވުމަށް މިއަދު ކޮލޮމްބޯއަށް ވަޑައިގަންނަވާނެ އެވެ.
ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭރުގެ ޑިޕްލޮމެޓުންނާ ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެއެވެ.
މިބައްދަލު ކުރެއްވުމުގައި، ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އަދިވެސް ތާވަލް ނުކޮށް ދަށު ކޯޓުގައި ހުރި މައްސަލަތައް ފަތުއަޑު ކިޔާފައި ކުރިއަށް ގެންދާތީ އެކަމުގެ ކަންބޮޑުވުން ބޭރުގެ ސަފީރުންނާ ހިއްސާ ކުރައްވަން ވަނީ ހަމަޖެހިފައެވެ.
އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ކޯޓުން ބަލައިގަތް ނަމަވެސް އަޑުއެހުން ތާވަލުނުކުރެއެވެ. އެ މައްސަލަ މީގެ ކުރިން، މިދިޔަ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަތުމުގެ ބަދަލުގައި، އިސްތިއުނާފު ފޯމް އިސްލާހުކުރަން ޔައީސް ޔާމީންގެ ވަކީލުންނަށް މިމަހުގެ ނުވަނަ ދުވަހު، ހައިކޯޓުން އެންގިއެވެ.
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތީ ގެއްލިފައެވެ. ނަމަވެސް އެ ހުކުމް މަތީ މަރުހަލާގައި ބާތިލުކޮށްފިނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން އިސްތިއުނާފުގެ އަޑު އެހުންތައް ނުބާއްވައި މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ރައީސް ޔާމީނަށް ގާނޫނުތަކުން ލިބެންޖެހޭ އެތަކެއް ހައްގުތަކެއް ގެއްލިގެންދިއުމަކީވެސް ކޯލިޝަންގެ ކަންބޮޑުވުމެކެވެ. އެހެންކަމުން މިކަންބޮޑުވުންވެސް ސަފީރުންނާ ހިއްސާ ކުރެވޭނެއެވެ.
ދާދި ފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ ޓުވީޓުން ރައީސް ޔާމީނާ ދޭތެރޭ ޒާތީ ވެފައިވާ މިންވަރު ވަނީ ހާމަވެފައެވެ. މިކަމަކީ ރައީސް ޔާމީންގެ ރައްކާތެރި ކަމާމެދު ކޯލިޝަނުން ކަންބޮޑުވާ ކަމަކަށްވާތީ އެކަމާ ބެހޭ މައުލޫމާތުތައްވެސް ބޭރުގެ ސަފީރުންނާ ހިއްސާ ކުރައްވަން ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީނަކީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާތީ އެނިކުފާނަށް ކެމްޕެއިން ކުރުމުގެ ހައްގުތަކުން މަހްރޫމްކޮށް، މިސަރުކާރުން ގަސްތުގައި ސިޔާސީ ބޭނުމަކަށް އެމަނިކުފާނަށް އަނިޔާދެމުންދާ މައްސަލައިގެ ކަންބޮޑުވުން ބޭރުގެ ސަފީރުންނާ ހިއްސާ ކުރައްވާނެއެވެ.