މިއަދު ކުއްލިއަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލަށް ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު އިމްރާން އަދި ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދު ފުޅު މިއަދު މާފުށީ ޖަލަށް ވަޑައިގެންނެވީ ޖަލުގައި އަލަށް ހަދަމުންދާ ޔުނިޓްތަކުގެ މަސައްކަތް ބެއްލެވުމަށް ކަމަށް މޯލްޑިވްސް ކަރެލްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން ރައީސް ޔާމީން ހުންނަވާ ޔުނިޓްގެ ހާލަތު ބެއްލެވުމަށް ކަމަށްވެސް އެސާވިސްއިން ހާމަ ކުރިއެވެ.

"މާފުށި ޖަލުގައި އިމާރާތް ކުރަމުންގެންދާ އައު ޔުނިޓްގެ މަސައްކަތް ކުރިއަށްދާގޮތާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހުންނަވާ ޔުނިޓްގެ ހާލަތު މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ބެއްލެވި،" މޯލްޑިވްސް ކަރެލްޝަނަލް ސާވިސް އިން ބުންޏެވެ.

މިނިސްޓަރު އިމްރާން މިއަދު ޖަލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީން ހުންނަވާ ޔުނިޓްގެ ހާލަތު ބެއްލެވިއެވެ. އެއީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ކަރާމަތަށް އުނިކަން އަންނަގޮތަށް، ރައީސް ޔާމީން ހުންނަވާ ގޮޅީގެ ފާހާނާގައި ކެމެރާ ހަރުކޮށްފައި ހުންނަކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް ކަރެކްޝަނަލް ސާވިސްއިން ވަނީ އެކަން ދޮގުކޮށްފައެވެ. ރައީސް ޔާމީންގެ ކަރާމަތަށް ގެއްލުންވާގޮތަށް އެއްވެސް ތަނެއްގައި ކެމެރާ ހަރުކޮށްފައި ނުވާކަމަށް ކަރްކެޝންސް އިން ވަނީ ހާމަކޮށްފައެވެ.

އާރަށުގެ މައްސަލާގައި ހިޔާނާތާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ދަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.