ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދަރިން ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތުވާ ދެމީހަކަށް ދައުވާކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނެފައިވަނީ އަންހެނަކާއި، އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ފުލުހުން ދެ މީހަކު ހައްޔަރު ކުރިއެވެ. އެއީ ޖިންނީގެ އުނދަގުލުން ސަލާމަތް ކުރުމަށްކަމަށް ބުނެ، ސިހުރުގެ އަމަލުތައް ހިންގި 24 އަހަރުގެ ފިރިހެނަކާއި، އަނބި މީހާއާއި އޭނާގެ ދޮންދަރިންނާއި މެދު ހިންގި އެ އަމަލުތަކަށް ހިއްވަރު ދިން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ދެ މީހުންގެ މައްޗަށް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަށް އޭނާގެ ފިރިމީހާއާއި ރުގްޔާ ކުރާ މީހާ އަނިޔާ ކުރީ، އަންހެން މީހާއަށް އަވަލާފައިވާ ޖިންނިއަކަށް ހަމަލާ ދިނުމުގެ ނަމުގަ އެވެ.