އައްޑޫ ސިޓީ ފޭދޫގައި، ހަ އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ދާދި ދެންމެއަކު "ހަލި" ނޫހަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިއަދު ހަވީރު 5:50 ހާއިރު ފޭދޫ ޓްރެކް ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓަކަށް އާއިލާއާ އެކު ދިޔަ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ކުއްޖާ މޫދުތެރޭ އޮއްވައި ފެނުނު ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެ ކުއްޖާ މޫދުން ނަގައިގެން، ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ. ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކުއްޖާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިކުޑަ ކުއްޖާއަކީ ކުރިން ސަރުކާރުގެ ބެލުމުގެ ދަށަށް ޖެންޑާ މިނިސްޓަރީއަށް ނަގާފައިވާ (ކުޑަކުދިންގެ ހިޔާއަށް) ކުއްޖެކެވެ. އަދި ފަހުން ހަވާލު ކުރެވުނު ކުއްޖެކެވެ. އެހެންނަމަވެސް އަދި މުޅިން މިމައްސަލަ ނުނިމެއެެވެ. އެހެންކަމުން ކުއްޖާގެ މިމައްސަލަ ކުރިއަށްދާނީ ޖެންޑާ މިނިސްޓަރީއިން ބަލަމުންދާ މައްސަލައެއްގެ ގޮތުގައެވެ.