މާލެގެ އެކި ސަރަޙައްދުތަކުން މިއަދުވެސް ކަރަންޓް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެެއެވެ.

އެކުންފުނިން އިތުރަށް ވިދާޅުވީ އެ ސަރަޙައްދު ތަކުން ކަރަންޓް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް ކުރިއަށް ދާތީކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 10:00 އިން 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނޭކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވަނީ މައްޗަންގޮޅީގެ، ރަށްދެބައި ހިނގުމާއި، ތަބުރޭޒީ ހިނގުން އަދި ސިއްތިމާވާ ހިނގުމުންނެވެ.

އަދި މިއަދު މެންދުރު 14:00 އިން 14:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ވިދާޅުވި ސަރަޙައްދުތަކަކީ މާފަންނުގެ މުނިޔަ މަގާއި، މަޖީދީމަގު، އިއްޒުއްދީން މަގާއި، ޝަހީދު އަލީ ހިނގުމުގެ އިތުރުން ހަނދުވަރީ ހިނގުމެވެ.

މީގެއިތުރުން މާފަންނުގެ މުނިޔަ މަގާއި، މަޖީދީމަގު، އިއްޒުއްދީން މަގާއި، ގަދަކޯޅި މަގުގެ އިތުރުން ހަނދުވަރީ ހިނގުމުން މިއަދު މެންދުރު 14:45 އިން 15:15 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށާއި އަދި މިއަދު މެންދުރު 14:00 އިން ހަވީރު 16:00 އަށް ހެންވޭރުގެ ފިޔާތޮށި މަގާއި، އިތާ ގޯޅި، ހަވީރީ ގޯޅި އަދި ކެނެރީ ގޯޅިންވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމުގއި އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އަދި އެ މަސައްކަތްތައް ކުރަމުންދާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިވަޑައިގަންފައެވެ.

ސްޓެލްކޯއަކީ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ޚިދުމަަތްތެރި ކުންފުންޏެވެ.