ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން ހޯދުމާގުޅޭގޮތުން ޑަބްލިއުއެޗްއޯއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީސް މެދުވެރިކުރައްވައި، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލާ، އެ ޖަމިއްޔާއިން ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައިވާ އޮފީހުގެ ރީޖަނަލް ޑިރެކްޓަރާ އެކުއެވެ.

ފޯނު މެދުވެރިކޮށް މި މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ ފަރާތުންނެވެ.

ސަރުކާރުން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ކޮވިޑް-19 ގެ ވެކްސިން ފުރަތަމަ ޝިޕްމަންޓް ލިބި، ވެކްސިން ޖަހަން ފަށާނެކަން ހާމަކުރައްވާފައެވެ.

އެޗްއީއޯސީގެ ތަރުޖަމާން އަދި ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ވެކްސިން ހޯދުމަށް އުފައްދާފައިވާ ގްރޫޕް "ކޮވެކްސް" މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދަން ހުށަހެޅި ލިޔުން ބަލައިގެންފައިވާ ކަމަށެވެ.