ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިންގާ އިޔާދަކުރަނިވި ހަކަތަ ޕްރޮގްރާމްގެ ދަށުން ގޭގޭގެ ފުރާޅު ކުއްޔަށް ނަގަން އިއުލާނު ކޮށްފިއެވެ. އެގޮތުން "އަވިކަތަ" މަޝްރޫއުގެ ދަށުން އެކުންފުންޏަށް ގޭގެ ފުރާޅު ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު މިހާރު ހުޅުމާލާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ސޯލާ ޕެނެލް ހަރުކޮށްގެން ގޭގެ ވެރިފަރާތަށް ކުލި ލިބޭއިރު ހަރުކުރެވޭ ކޮންމެ އެއް ކިލޯވޯޓްގެ ސޯލާ ޕެނެލްއަކަށް މަހަކު 180.60 ރުފިޔާގެ ރޭޓުން ކުލި ލިބޭނެއެވެ.

"އަވިކަތަ: މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށް ހުޅުވުނު ދޮރެއް. ކަސްޓަމަރުންގެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު އާމްދަނީއެއް ހޯދުމުގެ ފަހި ފުރުސަތެއް،" ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ މިއީ ކުންފުންޏާއި، ކަސްޓަމަރަށްވެސް ތިމާވެށި ހިމާޔަތް ކުރުމުގައި ހިއްސާވެވޭނެ މަގެއް ކަމަށެވެ. އަދިވެސް އިތުރަށް ސްޓެލްކޯއިން ބުނީ ސޯލާ ޕެެނެލް ހަރުކުރުމާއި އެކަމަށް ހިނގާ ހުރިހާ ހަރަދެއްވެސް ކުރާނީ އެކުންފުނިން، އާދެ ސްޓެލްކޯއިން ކަމަށެވެ.

އަވިކަތަ ސޯލާ ޕެނަލް ހަރުކުރާނީ މަދުވެގެން 100 އަކަފޫޓުގެ ހުސް ޖާގަ އޮންނަ ފުރާޅުގައި ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ޕެނެލް ހަރުކުރުމަށް، ކުއްޔަށް ނަގާނީ މަދުވެގެން 150 ކިލޯގެ ބަރުދަން އުފުލޭ ވަރުގެ ފުރާޅު ކަމަށްވެސް އެކުންފުނިން ބުންޏެވެ. ހަމައެހެންމެ ކުއްޔަށް ނަގާނީ ފަސޭހައިން އިރުގެ އަވިލިބޭނެ ފަދަ ފުރާޅަކަށް ވުމުގެ އިތުރުން ޕެނަލް އަދި އިންސްޓަލޭޝަން ވަސީލަތްތައް ހަރުކުރެވޭނެ ޖާގަ ހުންނަން ޖެހޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ގޭގެ ވެރިފަރާތުގެ ހުއްދަ މިކަމަށް އޮންނަން ޖެހެއެވެ.

މިއީ ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހުގެ އެ ކުންފުނިން އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުގެ ސިޔާސަތު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތައާރަފުކުރި ސްކީމެކެވެ.