ލިޔުނީ: މަމްދޫޙު އިބްރާހީމް (އަށާރަ ވަނަ ބައި / 03 މެއި 2023ގެ އަދަދާގުޅޭ)

ޖަރާކް ޖިންނި

އެހެންނަމަވެސް މިހުރިހާ ހާދިސާއެއް ހިނގައިދިޔަ އިރު މިބޮޑު ސިއްރު އެނގޭ އެއް ޖިންނިއަކު ހުއްޓެވެ. އޭނާއަކީ އެޕަރީންގެ ތެރޭގައި ހިމެނޭ ޖިންނިއެއް ނޫނެވެ.

އޭނާއަކީ ބިމުގައި އުޅުނު ޖިންނިއެކެވެ. އެ ޖިންނިއަކީ ޒަދްރާ ރަނިކަމަނާގެ ގަނޑުވަރުގެ ބިންގަރާސްތަކުގެ ޖަލުތައް ބަލަހައްޓަން އުޅުނު ޖަލު ފާރަވެރިއެކެވެ. މި ޖިންނިއަކީ ކާފިރު ޖިންނިއެއް ވެސް މެއެވެ.

މީނާއަކީ ޖިންނީންގެ ތެރެއިން ވެސް ކަޅު ސިހުރު ހާހޫރަ ހަދާ މީހެކެވެ. މީނާވަނީ ސިހުރާއި ބެހޭ ބޮޑު ފަތްފުށްތަކެއް ލިޔެ އެ ތަކެތި ފޮރުވައިފައެވެ. އޭނާ މި ފަތްފުށްތައް ލިޔެފައިވާ ފޮތަކީ ތަފާތު ބައިވަރު ޖިންނީންގެ ބަޔަކު ވާހަކަ ދައްކާ އުޅުނު އެކި ބަހުރުވަތަކުން ގަޑުބަޑު މަސްހުނިކޮށްގެން ލިޔެ ތައްޔާރު ކޮށްފައިވާ ފޮތެކެވެ. މި ފޮތުގެ ގަނޑުތައް އޭނާ ހަދައިފައި ވަނީ މިނިކާ ޖަނަވާރާއި ކިނބުލުގެ ހަން ބޭނުން ކޮށްގެންނެވެ. މި ފޮތުގެ ބަނޑޭރިގަނޑު ހަދައިފައި ވަނީ ލޮއިންނެވެ.

މި ޝައިޡާނީ ޖިންނި ކަޅު ސިހުރު ހާހޫރައިގެ މަސަށްކަތް ކުރަނީ އެހެން ބަޔަކަށް ނުފެންނަ ތަނެއްގައެވެ. ކަނޑު މެދުގައި ލޮއިގެ މައުދަނުން އުފެދި ފުރިފައި ހުންނަ ފަރުބަދައެއްގެ މަތީގައިއެވެ. އެ ފަރުބަދަ މަތީ ގައިވަނީ ބައިވަރު ގަސް ހެދި ބޮޑެތި ޖަންގަލި ހެދިފައެވެ. އެފަރުބަދައިގެ ވަރަށް އުހުގައި ހުންނަ އެތަކެއް ސަތޭކަ އަހަރުވީ ބޮޑު ބިޔަ ގަހެއްހުރެއެވެ. މި ގަސްހުނަނީ ފެލިކުލައިގެ ބޮޑު ކިނބޫ ފެންގަޑެއްގެ މެދުގައެވެ.

އެ ބިޔަ ގަހުގައި ހެދިފައިވާ ހުރި ހޮހަޅައެއްގެ ތެރޭގައި މި ޖިންނި ސިއްރުވެރި ކޮށް ސިހުރު ހަދާނެ ގޮތް ދަސްކޮށް ސިހުރުހަދައެވެ. މި ޖިންނި ވަނީ އެތަކެއް ބައިވަރު އެހެން ޖިންނީން ވެސް ސިހުރު ހަދައިގެން އަންދާ މަރާލައިފައެވެ.

މީނާ މި ނުބައި ޝައިޡާނީ ކަންތަށް ކުރާކަމެއް އެހެން އެއްވެސް ޖިންނީން ގެ ބަޔަކަށް ނޭނގޭއެވެ. މި ހޮހަޅަ އަކީ ހަމައެކަނި އޭނާ ސިހުރު ހާހޫރަ ހަދަން ވަންނަތަނެކެވެ. އެހެން ހުރިހައި ވަގުތެއްގައި އެ ހޮހަޅައިގެ ދޮރު ހުންނާނީ ކަޅު ސަންގުމަރު ހިލަގަނޑަކުން ބަންދުކޮށް ފޮރުވައިފައެވެ.

އަދި ހޮހަޅަ ވަށައިގެން އެކި ޒާތްޒާތުގެ ވިހަގަދަ ހަރުފަޔާއި ނަގުލަންދާށި އެ ހޮހަޅާގެ ފާރަވެރިންގެ ގޮތުގައި އެ ޖިންނީގެ ސިހުރުގެ ބާރުގައި ވަށައިގެން ފަތުރައިލައިފައެވެ. މި ޖިންނި ކައިބޮއެ ހަދައި އުޅެނީ ކިނބުލުގެ ކައްޓާ އެކި ޖަނަވާރުންގެ ކުޑަކަމުދާ ތަކެތީގެ ނަޖިހެއެވެ.

އެ ޖިންނި މި ކަޅު ސިހުރު ހާހޫރަ ފޮތް ލިޔަން ބޭނުން ކޮށްފައި ހުރި ކަޅުކުލައިގެ އޮލަ ދެލި ހަދައިފައި ވަނީ އާދަޔާޙިލާފު ޝައިޡާނީ ބިރުވެރި ގޮތަކަށެވެ. މި ސިހުރު ފޮތުގައިވާ ދެލި މި ޖިންނި ތައްޔާރު ކުރަނީ ކަޅު އަލިފާން ފަރުބަދައެއްގެ އަލިފާން ގިނީގައި އުފެދިފައިވާ އަޅިއެއް ނަގައިގެން އެއަށް ބައިވަރު ތަކެތި އެއްކޮށްގެނެވެ. މި އަޅިތަކަށް އެނާ އިންސާނުންގެ ތެރެއިން ވެސް މަރުވާ އަންހެނުންގެ ޤަބުރު ކަށީގައި ފުށްމުގުރައިގެން އެއާއި އެއްކުރޭއެވެ. އަދި ކަށިމިޔަރުގެ ލޭ ވެސް އެއަށް އަޅައެވެ. ދެން މި ޖިންނި ސިހުރުގެ އެކި ކިޔަވެލިތަށް ކިޔަވައެވެ.

އޭނާ މި ކިޔަވެލިތަށް ކިޔަވަނީ ތަފާތު އެކި ޖިންނީން ވާހަކަ ދައްކާ އުޅުނު ބަހުރުވަތަކުންނެވެ. އެއަށް ފަހު އެ ޖިންނި އެތަކެއްޗަށް އެއްކުރަނީ ގިގުނި ހަރުފައިގެ ބައިވަރު ވިހައެވެ. އަދި އެހެންމެ ނާގަ ހަރުފައިގެ މުތް މުގުރައިގެން ވެސް އެއާއި އެއްކުރޭއެވެ.

އެއަށް ފަހު އެ ޖިންނި އެއަށް އޭނާގެ ކުޅާއި އަދި ކުޑަކަމުދާ ތަކެތީގެ ނަޖިސް އެއްކުރޭއެވެ. އަދި ސިހުރުގެ ކިޔެވެލި ކިޔަވައި ފުމެއެވެ. މިހެން ކިޔެވެލި ތަކެއް ހުއްޓި ނުލައި ކިޔަވައިކިޔަވައި ތިންދުވަސް ވަންދެން އެ ޖިންނި އެ ހޮހަޅައިގައި އިނދޭއެވެ. މިހުރިހައި ތަކެތި އެއްކޮގެން ހަދައިފައިވާ ނުބައިވަހެއް ދުވާ ކަޅު ކުލައިގެ ތެރަސް ފާޑުގެ ތަތް ލޮނދި ދެއްޔެއް އެޖިންނި ތައްޔާކުރޭއެވެ.

މި ވިހަގަދަ ދެލި އިންސާނެއްގެ ހަށިގަނޑުގައި އެ އުނގުޅިއްޖެ ނަމަ އެޖެހުނު ތަނެއް ކައްޓާއި ހަމައަށް ވިރޭނެއެވެ. އިންސާނަކަށް އަދި ޖިންނި އަކަށް ވެސް އޮޅިގެން މި ދެލި ބޮވުނަސް ގިގުނިހަރުފައިގެ ވިހައިގެ ކަޅު ސިހުރުގެ ސަބަބުން އެ ބޮވުނު މީހެއްގެ އެތެރެހަށީގެ ހުރިހައި ގުނަވަންތަކެއް ގިރެން ފަށާނެވެ.

މި ޖިންނީގެ ނަމަކީ ޖަރާކެވެ. މީނާއަކީ ޖާސޫސްކުރާ ވެސް ޖިންނިއެކެވެ. ހަމައެހެންމެ އޭނާއަށް ވެގެންވާ ކޮންމެ ހާލަތެއްގައި ހުރިހާ ސިއްރުތަކެއް ހޯދައި އެންމެންގެ ތެރޭގައި ފިތުނަފަސާދަ އުފައްދައި ދޮގު ވާހަކަ ފަތުރައި ނުބައި ޝައިޠާނީ ޖިންނިއެއް ވެސް މެއެވެ. މި ޖިންނި އޭގެ އަސްލު ސިފަޖެހިގެން ހުންނަ އިރު ހުންނަނީ ވަރަށް ބިރުވެރި ނިކަން ހުތުރު ސިފައެއްގައެވެ. އޭގެ ބޮލުގައި ވަރަށް ބޮޑު ތިންދަޅު ފަަޅައިފައި ހުރެއެވެ.

މި ޖިންނީގެ ބޮލުގެ ފަހަތުގައި ވަށްކޮށް ބޮޑު ލޮލެއް ވެސް ފަޅާފައި ހުރެއެވެ. މި ޖިންނީގެ ހަށިގަނޑުގައި ހުންނަނީ ނުބައި ވަހެއްދުވާ ލޮނދި ހުޅުނބުތަކެއް ވެސް ފަޅައިފައެވެ. އެހެނަސް އެ ޖިންނި ގިނައިން ހުންނަނީ އައިދައިގެ އިންސާނަކު ހުންނަ ސިފަޖެހިގެންނެއެވެ. މި ޖިންނި މިހެން އިންސާނެއްގެ ސިފަ ޖެހިގެން ހުންނަ އިރުގައި ވެސް އޭތީގެ ދެފައި ހުންނަނީ ފައިފަލަ ބަލި ޖެހިފައި ހުންނަ ގޮތަށް ބޮޑު ދެފައި ލާފައެވެ.

ފަހުން މި ޖިންނި ވީ ޒަދްރާ ރަނިކަމަނާގެ ފިރިކަލުންގެ އިސް ވަޒީރަކަށެވެ. އާޚިރު ނަތީޖާގައި މި ޖިންނި އެ ކަމަނާގެ ފިރިކަލުން އަވަހާރަކޮށްލައެވެ. އޭނާގެ ބޭނުމަކަށް ވީ ޒަދްރާ ރަނިކަމަނާއާ ކައިވެނި ކުރާށެވެ. އެހެނަސް އެކަމަނާ އެކަމަށް އިންކާރު ކުރެއްވުމުން އެކަމަނާއަށް ސިހުރު ހެދިއެވެ. މި ސިހުރު އެކަމަނާއަށް ޖެހި އެކަމަނާ ވަރުގަދަ އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. ހަގީގަތުގައި މި ޖިންނީގެ ބޮޑު އެދުމަކަށް އޮތީ އެ ކަމަނާގެ އަތްޕުޅުން ޖާދޫގެ އަނގޮނޓިފުޅާއި ޖާދޫގެ ފެންގަނޑު އަތުލުމެވެ.

މި ޖިންނި އުޅެމުން އައީ އެހެން ޖިންނީންނަށް ނޭނގޭ ގޮތަށް ޒަދްރާ ރަނިކަމަނާގެ ދަރުބާރަށާއި އެ ކަމަނާގެ ސިއްރު ކަންޒުތަކަށް ވަގަށް ވަދެ ޖާސޫސުކޮށް ޚަބަރު އެއްކޮށް އެހުރިހާ ސިއްރުތައް އަމިއްލައަށް ފޮރުވައިގެންނެވެ. ކޮންމެސް ގޮތަކުން ޕަރީންގެ ރަސްގެފާނާއި ޒަދްރާރަނިކަމަނާގެ ސިއްރުވެރި ބައްދަލުވުމުގެ ވާހަކަތައް މީނާ ވަނީ ޖާސޫސުކޮށް އަޑުއަހައިފައިވެއެވެ. އަދި ޕަރީން ފެންވަރަން ޒަދްރާރަނިކަމަނާގެ ޖާދޫގެ ފެންގަނޑު ދުނިޔޭގެ ނުފެންނަ ރީތި ޖަޒީރާ މަންޒިލަކަށް ގެންގޮސް ފޮރުވައި ރައްކާ ކުރެވިފައިވާކަން ވެސް މި ޖިންނިއަށް އެނގެއެވެ.

މި ޖިންނިއަކީ އެކި ޖިންނީންގެ ބަހުރުވަތައް އެއްކޮށްގެން ކަޅުސިހުރު ލިޔެ އަދި އިންސާނުންނާއި ޖިންނީންނަށް ކަޅު ސިހުރުޖެހޭނެ ނުބައިވެގެންވާ ހުރިހާ ސިހުރު ހާހޫރައެއް ހަދާނެ ގޮތް ދަސްކުރަމުން އަންނަ ޖިންނިއެކެވެ. އަދި އެކިކަހަލަ ކުރެހުންތައް ކުރަހައި ސިހުރުގެ ފާހަގަތައް ޖަހަމުންނެވެ. ތަރިތަކުގެ ނުޖޫމީ އިލްމުހޯދައި ރާހި ބަލާނެގޮތާއި އަދި ފާލުބަލާނޭ ގޮތް ވެސް ދަސް ކުރަމުންނެވެ. އޭނާއަށް އެނގިފައިވާ ކޮންމެ ހާހޫރައެއް އައީ އެސިހުރު ފޮތުގައި ގިގުނި ހަރުފައިގެ ވިހަދެލިން ލިޔަމުންނެވެ.

ޖަރާކް ޖިންނި އަންނަނީ ޕަރީފެންގަނޑުން ބޭނުން ހިފަންވެގެން އެފެންގަނޑުގެ އަޑީގައިވާ ޚަޒާނާއާއި އަނގޮޓި ހޯދާނެ ގޮތަކާއި މެދު ނުބައި ރޭވުންތަކެއް ރާވަމުންނެވެ. އަދި އެފެންގަނޑުގެ ބާރު އެއްކޮށް ހޯދައި ޕަރިސްތާނުގެ ހުރިހާ ޕަރީންތައް ގާ ކޮށްލައި މުގުރާލަން ނިންމައި ނުބައި ވެގެންވާ ރޭވުންތަކެއް ވެސް ރާވަމުންނެވެ.

މި ސިހުރު ފޮތުގައި އެކަންކުރާނޭ ގޮތް އޭނާއެލިޔާ ބަހުރުވައިން ލިޔެ ބައިވަރު ކުރެހުން ތަކެއް ކުރަހަމުން އެބަދެއެވެ. މިގޮތަށް ޖިންނި މިބުނާ ރޭވުންރާވައި ފަންޑިތަ ސިހުރު ފޮތް ލިޔެ ހަދައި އުޅޭކަން ޕަރީންގެ ރަސްގެފާނަށް އެނގިވަޑައި ގަންނަވައިފިއެވެ. މިކަން އެނގިވަޑައިގަތީ އެއްރެއެއްގެ މެންދަމު ޕަރީންތަކެއް ޕަރީފެންގަނޑުގައި ފެންވަރަން އެރި ތިއްބައި ޖަރާކް ޖިންނި އެފެންގަނޑު ކައިރިއަށް ޖާސޫސް ކުރަން ގޮސް އުޅެނިކޮށް ފެންގަނޑު ހިމާޔަތް ކުރައްވަން ތިއްބެވި ޕަރީންގެ ހާދިމަކަށް މީނާ ފެނިގެންނެވެ.

އޭނާ ހައްޔަރުކޮށް ރަސްގެފާނުގެ އަރިހަށް ގެންދަވައި ކަސްތަޅު އަޅުވައި އޭނާއާ އެތަކެއް ސުވާލުކޮށް ހެއްދެވިއެވެ.

އެހިސާބުން އެނގުނީ މި ޖިންނި އަކީ ޕަރީންގެ ގަނޑުވަރު ތެރެއަށް ވެސް ވަގަށްވަދެ ޖާސޫސް ކުރަން އުޅުނު ނުބައި ޝައިޠާނީ ކާފަރު ޖިންނިއެއް ކަމެކެވެ. ރަސްގެފާނު ވަނީ ޕަރިސްތާނުގެ ގަނޑުވަރުކޮޅު އެހެން އެއްވެސް ޖިންނީ ގެ ބަޔަކަށް އެ ގަނޑުވަރު ކޮޅަށް ނޭރޭނެ ނުވަދެވޭނެ ގޮތަށް ޖާދޫގެ ލޯގަނޑުތަކެއް ގަނޑުވަރު ވަށައިގެން ޖައްސަވާފައެވެ. އެހެނަސް މި ނުބައި ޝައިތާނީ ޖަރާކް ޖިންނި ވަނީ ޖާސޫސުކޮށް އޭނާގެ ސިހުރު ބޭނުންކޮށްގެން މިގަނޑުވަރު ތެރެއަށް ވަގަށް ވަދެ އެތައް ސިއްރުތަކެއް ހޯދާފައެވެ.

އަދި ޒަދްރާ ރަނިކަމަނާ ސިއްރިއްޔާތުގައި ޕަރީންގެ ރަސްގެފާނާއި ދެއްކެވި ވާހަކަ ފުޅުގައި އެކަމަނާއަށް ޖެހިވަޑައި ގެންނެވި ައާލާސްކަންފުޅުގެ ބޮޑު ސިހުރަކީ މި ޖިންނި ހަދާފައިވާ ސިހުރުން ވީކަމެއްކަމުގައި ވިދާޅުވެފައެވެ. އެޖިންނިއަކީ ބޮޑުސިހުރު ހާހޫރަ ފޮތެއް ލިޔަމުން އަންނަ ޖިންނިއެއް ކަމަށްވެފައި އޭނާހެދި ބޮޑު ސިހުރުވަނީ ޒަދްރާ ރަނިކަމަނާފުޅަށް ޖެހިވަޑައިގަންނަވާފައި ކަމުގައެވެ.

އެކަމަނާ އެއްރެއެއްގެ ހަނދު ބޮޑުވި ރެއެއްގައި ނާނޭފުޅު ފިއްލަވަން ފެންގަނޑަށް އެރިވަޑައިގަންނަވައިގެން ނެވިއެވެ. އެ ފެންގަނޑުގެ އަޑިން ވިހަގަދަ ފެހިކުލައިގެ ބޮކެއް އައިސް އެކަމަނާ ގެ ފައިންޕުޅުގައި ދަތް އެޅިކަމެވެ. އެބޮއް ދަތް އަޅާފައި ފެންގަނޑު މައްޗައް އަރައިގެން ފިލައިގެން ނުދެވެނީސް އެބޮއް ހިފިއެވެ. އަދި އޭތިމަރާލުމަށް ފަހު އޭތީގެ ބަނޑުފަޅާލިއެވެ. އެ ބޮކުގެ ގޮހޮރު ތެރެއިން ރިހި ކުލައިގެ ތަވީދެއް ފެނުނެވެ. އޭގައި ވަނީ ކަޅުސިހުރު ހަދައިފައި ވާކަން އެނގުނެވެ.

ޒަދްރާ ރަނިކަމަނާ އަވަހާރަ ކޮއްލައްވަން ހަދާފައިވާ ބޮޑު ކަޅު ސިހުރެކެވެ. އެބޮއް އެކަމަނާގެފައިން ޕުޅުގައި ދަތް އެޅިފަހުން ޒަދްރާ ރަނިކަމަނާގެ ރީތި ހަށިކޮޅުގައިވާ އޮމާން ތުނި ހަންކޮޅު ވަނީ މުޅީން ސިފަފުޅު ހުތުރު ވާން ފަށާފައެވެ. އެބޮކުގައި ހުރި ލައްތައް ފަދައިން ފެހިކުލައިގެ ލައްޖެހި ހުތުރު ސިފައަށް އެކަމަނާގެ ފައިންޕުޅުން ފެށިގެން މުޅިހަށިކޮޅަށް އެބަލި ފެތުރެމުން ވަނީ އައިސްފައެވެ.

ޒަދްރާ ރަނިކަމަނާ މިކަން ސިއްރު ކުރައްވައި ގިނަވަގުތު މުޅިން ހުންނަވަނީ އެކަމަނާގެ މޫނު ކޮޅުވެސް މޫނުބުރުގާ އަޅުއްވާ ނިވައިކޮއްގެނެވެ.

އެހެން ކަމުން އެކަމަނާ އަށް ފެނިވަޑައި ގެންނެވި އެންމެ ހެޔޮ ފުޅު އަދި ރައްކާތެރި ގޮތެއް ކަމުގައި ވީ އެ ފެންގަނޑު ޕަރީން ގެ ރަސްގެފާނަށް ތާ އަބަދުގެ އަބަދަށް އެ މަނިކުފާނަށް ހަދިޔާ ކުރެއްވުމެވެ. ޒަދްރާ ރަނިކަމަނާ ޕަރިސްތާނުގެ ރަސްގެފާނަށް ޝާހީ ދައުވަތެއް ދެއްވިއެވެ.

އެކަމަނާ، އެމަނިކުފާނާ ބައްދަލުފުޅު ކުރައްވައި ސިއްރުވެރި ބައިވަރު ވާހަކަފުޅުތަކެއް ދައްކައި ހެއްދެވިއެވެ. އަދި އެފެންގަނޑު ޕަރީން ގެ ރަސްގެފާނަށް ހަދިޔާކުރެއްިެވިއެވެ. ޒަދްރާ ރަނިކަމަނާ ގެ އެ ފެންގަނޑު ރައްކާތެރި ކޮއްދެއްވުމަށް އެކަމަނާ ވަސިއްޔަތްޕުޅެއް ގޮތުގައި ޕަރީންގެ ރަސްގެފާނަށް ވިދާޅުވުމަށް ނިންމެވިއެވެ.

އެކަމަނާ އަވަހާރަ ވެވަޑައިގެން ދިޔަ ކަމުގައި ވިއަސް ދުވަހަކު ވެސް ޖަރާކް ޖިންނި އަށް އެފެންގަނޑު ގެ ބޭނުން ނުހިފޭނެ ގޮތަށް ހެއްދެވުމަށެވެ. އެފެންގަނޑު ޒަދްރާ ރަނިކަމަނާ ޕަރީންގެ ރަސްގެފާނަށް ހަދިޔާކުރައްވައި ދުވަހަކު ވެސް ޖަރާކް ޖިންނި އަށް އެ ފެންގަނޑުން ބޭނުން ނުހިފޭނެ ފަދައިން ތަނެއްގައި ރައްކާތެރި ކުރެއްވުމަށް އެދި ވައުދުވެ ވަޑައި ގެންނެވުމަށް އެދިވަޑައިގެންނެވި އެވެ.

އަދި އޭގެ ދޮޅުއަހަރެއް ހާ ހިސާބުގައި ޒަދްރާ ރަނިކަމަނާ އަވަހާރަ ވެވަޑައިގަތެވެ. އެހެންނަމަ ވެސް ޕަރީންގެ ރަސްގެފާނަށް ވަނީ ޒަދްރާ ރަނިކަމަނާ އަވަހާރަފުޅު ވުމުގެ ކުރިން އެފެންގަނޑު ތާއަބަދަށް ހަދިޔާކޮށް ދެއްވާފައެވެ.

ޒަދްރާ ރަނިކަމަނާ ވަނީ ޕަރީންގެ ރަސްގެފާނަށް ޖަރާކް ޖިންނީގެ ބައެއް ހުތުރުސިފަ ހުންނާނެ ގޮތްތަށް ބަޔާން ކޮއްދެއްވާފައެވެ.

އެޖިންނީގެ ހަށިގަނޑު ގައި ނުބައިވަހެއް ދުވާ ލޮނދިހުޅުނބު ފަޅާފައި ހުރެފަައި އޭނާގެ ދެއަތުގައި ވެސް އުޅަބޮއްޓެއް ނުހުންނާނެ ކަމަށް ޒަދްރާ ރަނިކަމަނާ ވިދާޅުވެލެއްވިއެވެ. އަދި އެ ޖިންނީ ގެ ބޮލުގެ ފަހަތުގައި ހުތުރުސިފަ އަކަށް ހުރި ވައް ބޮޑު ލޮލެއް ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މިސިފަތައް ހުރި ޖިންނި އަކީ ޖަރާކް ޖިންނިއެވެ. ޕަރިސްތާންގެ ރަސްގެފާނަށް މިޖިންނި އަކީ ކޮން ޖިންނި އެއްކަން ދެނެގަތުމުން އޭނާއަށް ބޮޑު އަދަބެއް ދެއްވި އެވެ.

(ނުނިމޭ)