ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ބައެއް މެމްބަރުން، އެ ޕާޓީން އިސްތިއުފާ ދެއްވުމުން، ވަކިވި ފަރާތްތަކަށް އެމްއާރްއެމް އިން ޝުކުރުދަންނަވައިފިއެވެ.

އެމްއާރްއެމްއިން ޝުކުރު ދަންނަވާފައިވަނީ ތިރީގައި މިދަންނަވާ ބޭފުޅުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަޒްމީލް އަބްދުއްސަމަދާއި މޯލްޑިވްސް ގޭސްގެ އެމްޑީ އަދި އެޕާޓީގެ ނައިބު ރައީސް ޝަޒާއިލް ޝިއާމު ހިމެނެއެވެ.

އެމްއާރްއެމުން އިސްތިއުފާދެއްވި ބޭފުޅުން:

  • ޝަޒައިލް ޝިޔާމް – ނައިބު ރައީސް އަދި މޯލްޑިވް ގޭސްގެ އެމްޑީ
  • މުހައްމަދު ރާއިދު – އެކްސްކޯ މެމްބަރު އަދި އެމްއައިޓީޑީސީގެ އެމްޑީ
  • ތަޒްމީލް އަބްދުލް ސަމަދު – އެމްޓީޑީސީގެ އެމްޑީ
  • އިބްރާހީމް ފަރުހަދު – ޒުވާނުންގެ ކައުންސިލްގެރައީސް/ ޓޫރިޒަމްމިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރު
  • އިސްމާއިލް ނާއިލް ނަޝީދު – ސްޕޯކްސް ޕާސަން އަދި ހެރިޓޭޖް މިނިސްޓަރީގެ ޑައިރެކްޓާ ކޮމިނިއުކޭޝަންސް
  • މުހައްމަދު ފައިސަލް – އަބޫދާބީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު
  • އަބްދުލް ހަމީދު އަހުމަދު – ފިޝަރީޒް މިނިސްޓަރީގެ ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަރު

މި ބޭފުޅުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްއާރްއެމްއިން އެބޭފުޅުންނަށް ޝުކުރު ދަންނަވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ މިބޭފުޅުންގެ ނަންފުޅުތައް އެ ޕާޓީން މަޤާމުތަކަށް ފޮނުވީ އެބޭފުޅުންނަކީ ޤާބިލް ބޭފުޅުންކަމުގައި ވާތީކަމަށެވެ. އެހެންކަމުން އެބޭފުޅުން ފުރުއްވަމުން ގެންދަވާ ސަރުކާރުގެ މަޤާމުތަކުގައި އެބޭފުޅުން ދެމި ތިއްބެވުމަކީ އެމް.އާރް.އެމްއިން އެދޭގޮތް ކަމަށްވެސް ބުނެފައިވެއެވެ.

އަދިވެސް އިތުރަށް، އެކްސްކޯ މެންބަރު ހަސަން ހައްޔާން އަޙްމަދު ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް އިހުލާސްތެެރިކަމާއެކު ހާއްސަ ޝުކުރެއް އިޙްލާސްތެރިކަމާއެކު ދަންނަވާކަމަށް ބުނެފައިވެއވެ. އަދި މިހުރިހާ ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ކާމިޔާބު މުސްތަޤްބަލަކަށް އެދޭ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެމް.އާރް.އެމް ފެށިގެން އައީ ޤައުމީ މަސްލަޙަތުއިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި ކުރިއަށްދާނީ ވެސް އެގޮތަށް އެމަސައްކަތް ކުރަމުންކަމަށްވެސް ބުނެފައިވެެއެވެ. އަދި މިމަޤްޞަދު ޙާސިލްކުރުމަށް އެމް.އާރް.އެމްއިން ހުއްޓުމެއްނެތި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށްވެސް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރްއެމް އިން ވަކިވާން ސިޓީ ފޮނުވާނެ ބޭފުޅުންގެ ތެރޭގައި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅެއްކަމަށްވާ، އަދި މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވައިފައެއް ނުވެއެވެ.

އެމްއާރްއެމްއަކީ މިހާރުވެސް ސަރުކާރު ހިމެނޭ ކޯލިޝަންގެ ބައިވެރިއެކެވެ. އެ ޕާޓީގެ ސްލޮޓުގައި ދެ މިނިސްޓަރެއް މިހާރުވެސް އެބަތިއްބެވިއެވެ. އެމްއާރްއެމްއިން 2023 ވަނަ އަހަރު ސަރުކާރު ކޯލިޝަނާ އެކު ކުރިއަށް ދިޔުމާ ގުޅޭގޮތުން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.