ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަަށް ބޭނުންވާ މަރުކަޒުގައި ހަމައެކަނި ކެއުމަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

"ހަލި" ނޫހުން މައުލޫމާތު ހޯދުމަށް އެދުމުން، ޖެންޑާ މިނިސްޓްރީން ހިއްސާ ކުރި ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ މަރުކަޒުގައި 199 ބަލި މީހުން ބަލަހައްޓައެވެ. އަދި މިމަރުކަޒުގައި ކޮންމެ މަހެެއްގެ މައްޗަށް އެވްރެޖްކޮށް 1536.00ރުފިޔާ ހަމައެކަނި ކެއުމަށް ހަރަދު ކުރެވޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން، 199 މީހުންނަށް ބަލާކަމަށް ވާނަމަ، މަހެއްގެ މައްޗަށް 305664.00 ރުފިޔާ ހޭދަވާނެ އެވެ.

އެހެން ހަރަދުތަކަށް ބަލާއިރު ދެން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ކެއްކުމަށާއި، ފެންވެރުމުގެ އިތުރުން ބުއިމަށް ބޭނުން ކުރާ ފެނަށެވެ. އެގޮތުން މަހަކު ޖުމްލަގޮތެއްގައި ބޮލަކަށް 961 ރުފިޔާ ހަރަދުވާ ކަމަށްވެއެވެ. މިރޭޓުން ބަލާނަމަ 191239.00 ރުފިޔާ މަހެއްގެ މައްޗަށް އެމަރުކަޒުގައި ތިބޭ 199 މީހުންގެ މައްޗަށް ހަރަދުވާނެ ކަމަށްވެއެވެ.

މިހަރަދުތައް ފިޔަވައި ބާކީ ދެން ހުރި އެެހެން ހަރަދުތަކަށް ބަލާލާއިރު މެޑިކަލް ސަޕްލައިޒްސް (އާސަންދަ ކަވަރ ނުވާ ހިދުމަތް ތަކުގެ އިތުރުން އަންގި، ފޭސް މާސްކް ހިމަނައިގެން) ބޮލަކަށް މަހެއްގެ މައްޗަށް 110.00ރުފިޔާ ހަރަދުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެނިހެން ގޮތްގޮތުން ބަލިމީހުންނަށް ހޯދާތަކެތި (ނެޕީ، އަންނައުނު، ރީތިވާ ސާމާނު، ފެންވަރަން ބޭނުންވާ ތަކެތި، ބެޑްޝީޑް، ބާލީސް، ބާލީސް އުރަ) ފަދަ ތަކެއްޗަށް މަހަކު 458.00 ރުފިޔާ ކޮންމެ ބޮލަކަށް ހަރަދު ކުރެވެއެވެ. އަދިވެސް މިކަންތައްތަކުގެ އިތުރުން ދޮވެ އިސްތިރި ކުރުމަށް ހޯދޭ ތަކެއްޗަށް މަހަކު 156.00 ރުފިޔާ ހަރަދު ވާއިރު ކަރަންޓަށް 786.00ރުފިޔާ ހަރަދުވެއެވެ.

ދަތުރު ހަރަދަކީވެސް އިސްތިސްނާ ކުރެވެން އޮތް ކަމެއް ނޫނެވެ. މިމަރުކަޒުން މީހުން ބަލިވެ، އެރަށުން ދެވެން ނެތް ފަރުވާ ހޯދުމަށް މާލެއަށް އަދި މާފުއްޓަށް ޑޮކްޓަރަށް ދެއްކުމަށް ގެންދަން ޖެހެއެވެ. މިފަދަ ހާލަތްތަކުގައި ބަލިމީހާ ދަނީ އެހީތެރިއަކާއެކުގައެވެ. ބަލިމީހާ ގޮވައިގެން އެކަކަށްވުރެ ގިނަ މީހުން އަންނަން ޖެހޭ ހާލަތްތައްވެސް އާންމުކޮށް ދިމާވެއެވެ. އެހެންކަމުން މިއީވެސް ހަރަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިފަދަ ހަރަދުގެ ގޮތުގައި މަހަކު 614.00ރުފިޔާ ހޭދަ ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކޮންމެއަކަސް ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަކީ ހަރަދު ނުހިނގާ ސަމާލުކަމެއް ނުދީ އޮންނަ ތަނެއްގެ ގޮތުގައި މީހުން ދުށްކަމުގައި ވިޔަސް ސަރުކާރުން ބަލަހައްޓަން ޖެހޭ ކަމެކެވެ. ބައެއް ފަރާތްތަކުން މިތަނަށް ބައެއް ފަރާތްތައް ފޮނުވަނީ އަމިއްލައަށް ގެންގުޅެން ބޭނުން ނުވެގެން ބުރައަކަށް ވާތީ އެބުރައިން މިންޖުވުމަށެވެ. އެގޮތުން މައިންބަފައިން އެބައިމީހުންގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިން އަދި ދަރިން އެމީހުންގެ މުސްކުޅި މައިންބަފައިންނާއި ބެލެނިވެރިން މިތަނާ ހަވާލުކޮށްފައިވެއެވެ. މާލޭގެ ގެދޮރު ހުރި އަދި މުއްސަނދިންގެ ގޮތުގައި ހިމެނޭ އާއިލާތަކުގެ މެންބަރުންވެސް މިމަރުކަޒުގައި ތިބޭ ކަން ފާހަގަ ކުރެވެއެވެ.