މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި ކުންފުންޏާއި ހަވާލުކޮށްގެންކުރިއަށް ގެންދިޔަ ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވި ގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ 13.19 މިލިއަން ރުފިޔާއަށް ސަރުކާރުން މި ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

757 މީހުންގެ އާބާދީގެ ތ. ގާދިއްފުށްޓަކީ އިހުގައި މަސްވެރި ރަށެއް ނަމަވެސް މިހާރު މަސްވެރިކަން އެއްކޮށްހެން ހުއްޓިފައިއޮތް ރަށެކެވެ. ރަށުގެ ބޮޑު އާބާދީއެއް ވެރިރަށް މާލެއަށް ހިޖުރަކޮށްފައިވުމާއެކު، ގިނަ ފަރާތްތައް އުޅެނީވެސް މާލެ ވަޒީފާތަކުގައިނޫނި ފަތުރުވެރިކަމުގެ ދާއިރާގައި އެކިއެކި ރިސޯޓްތަކުގައެވެ.

ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ގާދިއްފުށްޓަކީވެސް ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށެކެވެ. އެގޮތުން މިރަށް ވަށައިގެން ބަލައިލިއަސް ފެންނަނީ ރަށްގިރުމުގެހިތާމަވެރި މަންޒަރެވެ. މި ރަށުގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ރަށުގެ ތުނޑީކޮޅު ސަރަހައްދުންނެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ.

އެމްޓީސީސީއިން ވިދާޅުވިގޮތުގައި މިއަދު ނިމިގެންމިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ގާދިއްފުށީގެ ތުނޑީކޮޅު ސަރަހައްދު މިވަނީ ހިމާޔަތްކުރެވިފައެވެ. މިއީ ހަމަގައިމުވެސް ގާދިއްފުށީގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށްގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ގޮތުގައި އެ ކުންފުނިންވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓްޖެހުމާއި، 894,18 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.