ކުޑަކުދިންގެ ދުވަހާ ގުޅިގެން ހިޔާ ސަރަހައްދުގައި، ރޮބޯމޭން އާއި ޝަލަބީގެ ހާއްސަ ހުށަހެޅުންތަކަކާއެކު، "ހިޔާ ކުޑަކުދިންގެ ހަވީރު 1444" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. ހިޔާގައި ދިރިއުޅޭ ޒުވާނުންތަކެއް އިސްނެގުމުގެ މަތިން، މޯލްޑިވްސް ނެޝަނަލް ހައުސިންގ އެސޯސިއޭޝަނުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ހަވީރު އޮންނާނީ 12 މެއި 2023 ވާ ހުކުރު ދުވަހު ހަވީރު 4 އަކުން 6 އެއް ޖެހުމާ ދެމެދު ހިޔާ ސަރަހައްދުގައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އާއި މިހާރު ބައިނަލްއަގްވާމީ އިވެންޓުތަކުގައިވެސް މޮޅު ހަރަކާތްތަކުން އެތައް ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ހާއްސަކޮށް ކުޑަކުދިންގެ ގާތްއެކުވެރިޔާ ރޮބޯމޭން މި ހަވީރުގައި ކުޑަކުދިންނާ ބައްދަލުވެ، ޝޯވ ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން ބާއްވާ މި "ހިޔާ ކުޑަކުދިންގެ ހަވީރު" ގައި މާބްލް ހަންޓިން، ބޯލް ތްރޯވިންގ، ގޯލް ކިކް، ފޭސް/ބޮޑީ ޕެއިންޓިންގ، މިނީ އޮލިމްޕިކް ގޭމްސްގެ އިތުރުން އަދިވެސް އެތަކެއް ތަފާތު ޝައުގުކުރުވަނިވި ގޭމްތަކާއި ކުޅިވަރުތައް ހިމެނިގެންދާނެއެވެ. ހާއްސަކޮށް "މިޔުޒިކަލް ޗެއާރ" އަދި "ކްރާފްޓް ސްޓޯލް" ފަދަ ކުޑަކުދިން ގަޔާވާ ފަދަ ގޭމްތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

10 މެއި 2023 ވާ ބުދަ ދުވަހަކީ މިއަހަރުގެ ކުޑަކުދިންގެ ދުވަހެވެ. އެހެންނަމަވެސް އެދުވަސް ސުކޫލުތައް ބަންދު ދުވަހަކަށް ނުވާތީ، ހިޔާގެ ހަވީރު ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ 12 ވާ ހުކުރު ދުވަހުއެވެ. މި ހަވީރުގައި ހުޅުމާލޭ ފޭސްދޭއްގެ އިތުރުން ފޭސް އެކެއް އަދި މާލެ، ވިލިމާލެއިންވެސް ވީހާވެސް ގިނަ ކުދިން ބައިވެރިވުމަށް މިހަވީރު އިންތިޒާމު ކުރާ ފަރާތުން ވަނީ އެދިފައެވެ.