(ލިޔުނީ: މަމްދޫޙު އިބްރާހީމް (އޮނަވިހި ވަނަ ބައި / 07 މެއި 2023ގެ އަދަދާގުޅޭ)

ޖަރާކްގެ އަދަބު-ހިޔަނި ހަށިގަނޑާ ވަކިކޮށް ޖައްވަށް ދޫކޮށްލުން

އެކަމަނާ ، އާދެ ޒަދްރާ ރަނިކަމަނާ، އަވަހާރަ ވެވަޑައިގެން ދިޔަ ކަމުގައި ވިއަސް ދުވަހަކު ވެސް ޖަރާކް ޖިންނި އަށް އެފެންގަނޑު ގެ ބޭނުން ނުހިފޭނެ ގޮތަށް ހެއްދެވުމަށެވެ. އެފެންގަނޑު ޒަދްރާ ރަނިކަމަނާ ޕަރީންގެ ރަސްގެފާނަށް ހަދިޔާކުރައްވައި ދުވަހަކު ވެސް ޖަރާކް ޖިންނި އަށް އެ ފެންގަނޑުން ބޭނުން ނުހިފޭނެ ފަދައިން ތަނެއްގައި ރައްކާތެރި ކުރެއްވުމަށް އެދި ވައުދުވެ ވަޑައި ގެންނެވުމަށް އެދިވަޑައިގެންނެވި އެވެ.

އަދި އޭގެ ދޮޅުއަހަރެއް ހާ ހިސާބުގައި ޒަދްރާ ރަނިކަމަނާ އަވަހާރަ ވެވަޑައިގަތެވެ. އެހެންނަމަ ވެސް ޕަރީންގެ ރަސްގެފާނަށް ވަނީ ޒަދްރާ ރަނިކަމަނާ އަވަހާރަފުޅު ވުމުގެ ކުރިން އެފެންގަނޑު ތާއަބަދަށް ހަދިޔާކޮށް ދެއްވާފައެވެ.

ޒަދްރާ ރަނިކަމަނާ ވަނީ ޕަރީންގެ ރަސްގެފާނަށް ޖަރާކް ޖިންނީގެ ބައެއް ހުތުރުސިފަ ހުންނާނެ ގޮތްތަށް ބަޔާން ކޮއްދެއްވާފައެވެ.

އެޖިންނީގެ ހަށިގަނޑު ގައި ނުބައިވަހެއް ދުވާ ލޮނދިހުޅުނބު ފަޅާފައި ހުރެފަައި އޭނާގެ ދެއަތުގައި ވެސް އުޅަބޮއްޓެއް ނުހުންނާނެ ކަމަށް ޒަދްރާ ރަނިކަމަނާ ވިދާޅުވެލެއްވިއެވެ. އަދި އެ ޖިންނީ ގެ ބޮލުގެ ފަހަތުގައި ހުތުރުސިފަ އަކަށް ހުރި ވައް ބޮޑު ލޮލެއް ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މިސިފަތައް ހުރި ޖިންނި އަކީ ޖަރާކް ޖިންނިއެވެ. ޕަރިސްތާންގެ ރަސްގެފާނަށް މިޖިންނި އަކީ ކޮން ޖިންނި އެއްކަން ދެނެގަތުމުން އޭނާއަށް ބޮޑު އަދަބެއް ދެއްވި އެވެ.

ޖަރާކް އަކީ ސިހުރު ހަދާ ޖިންނި އެއް ކަން ރަސްގެފާނަށް އެނގިވަޑައި ގެންނެވިއެވެ. އޭނާ ލިޔެހަދައިފައިވާ ނުބައި ކަޅު ސިހުރުފޮތް ޕަރީންގެ ރަސްގެފާނު ހޯއްދެއްވިއެވެ. ޕަރިސްތާނުގެ ރަސްގެފާނު ވަނީ މިފޮތް ގެންނަވައި މިފޮތުގެ ކަންތައްތައް ބައްލަވައި އެކަމުގެހަގީގަތް އޮޅުން ފިލުއްވައިފައެވެ.

އެކަމުގެ ބޮޑު އަދަބެއް ޖަރާކް ޖިންނި އަށް ދިނުމުގެ ގޮތުން އެ ޖިންނީގެ ހިޔަނި އޭނާގެ ހަށިގަނޑުން ނަގައި ވަކިކޮށް ލެވުނެވެ. އަދި އޭނާގެ އެ ހިޔަނި ވީ ވަކިން ޖައްވުގެ ތެރެއަށް ދޫކޮށްލައްވާފައެވެ. މި ޖިންނީ ގެ ހިޔަނި އޭނާ ގެ ހަށިގަނޑުން ވަކިކުރެވުމުން ޖަރާކް ޖިންނި އޭނާގެ ކިބައިގައިވާ ރޫހާނީ ބާރު ކެނޑި ނިކަމެތިވިއެވެ.

އެހެން ނަމަވެސް އެ ޖިންނީގެ ހިޔަންޏަކީ ވީއްލިގެން ވާ އެއްޗެއްކަމުގައި ވުމުން އެއްވެސް ހާލަތެއްގައި އެ ސިހުރުފޮތުން ހާހޫރައެއް ހަދައިފިނަމަ އެ ހިޔަނި އެ ސިހުރު ހެދި މީހަކަށް އައިސް އަވަލަވާނެއެވެ. އެފޮތުން ސިހުރު ހަދައިފިނަމަ އެ ޖިންނީ ގެ ހިޔަނި އެހެން މީހެއްގެ ގާތަށް އަތުވެދާނެ ކަމެއް ޚުދް ޕަރިސްތާން ގެ ރަސްގެފާނަކަށް ވެސް އެނގިލަށްވައިފައި އެއްނުއޭއެވެ.

ދެން ޖަރާކް ޖިންނި އެހެދި ސިހުރުފޮތުގެ ތެރެއަށް އޭނާގެ ހަށިގަނޑު އެފޮތުގެ ތެރެއިން ނުނިކުމެވޭނެ ގޮތް ހަދައި އެފޮތުގެ ތެރޭގައި ހައްޔަރުކުރެވުނެވެ. ރަސްގެފާނުގެ ގަނޑުވަރުކޮޅުގައި ހުރި ހުވަނދު އަޅަން ތައްޔާރު ކޮށްފައި ހުރި ބޮޑެތި ރީތި ގުޅި ތަކުގެ ތެރެއިން ހުސް ގުޅިއެއް ނަންގަވައި އެގުޅީގެ ބޭރުގައި ތަފާތު ކުރެހުމަކާއި ޝާހީ ފަރުމާކޮޅު ތަކެއް ރަސްގެފާނު އަމިއްލަ ފުޅަށްކުރެއްވިއެވެ. މިފަރުމާކޮޅު ތަކަކީ ޕަރިސްތާން ގަނޑުވަރުކޮޅުގައި ވާ ބިޔަ ސަންގުމަރު ތަނބުތަކުގައި ހުންނަފަދަ ރީތި ފަރުމާކޮޅުތަކެވެ.

ފަރުމާކޮޅުގައި ކަނޑައި ނަގައިފައިވާ ކުރެހުމުގެ މާނަ އަކީ ޕަރިސްތާންގެ ރަސްގެފާނަށް ނަޞްރު ލިބިއްޖެކަމުގެ ނިޝާނެވެ. އަދި ޖަރާކް ޖިންނީގެ ސިހުރު ފޮތް ގެންގޮސް އެ ރީތި ބޮޑު ގުޅީގެ ތެރެއަށް ލައި މަތިޖަހައި ބަންދު ކުރެވުނެވެ. އަދި އިންސާނުން ވަޅުލާ ސަހަރާއެއްގައި ވަޅުލިއެވެ. މިސަހަރާއަކީ ހަމަ މި ޖަޒީރާ ރަށްތަކުގެ ތެރެއިން އިންސާނުން ދިރިއުޅޭ ރަށެކެވެ. ނަމަވެސް އެހާގިނައިން މީހުން ގޮސް އުޅޭ ރަށެއް ނޫނެވެ.

*** **** ***

ދުވަސްތައް ފާއިތުވެ އަހަރުތަކާއި ގަރުނަތައް ފާއިތުވެ ހުރިހާ ކަމެއް ބަދަލުވެ އިންސާނުންގެ މިކުދިކުދި ޖަޒީރާ ރަށްތަކުގައި އާބާދުވެ އެތަކެއް ދަރިފަސްކޮޅު ތަކެއް ކޮންމެ ޖީލަކަށް އުފަންވެ ދިރިއުޅުން އެކިއެކި މަރުހަލާ ތަކަށް ބަދަލު ވެއްޖެއެވެ. މާޒީގައި ހިނގާފައިވާ ކަންތައްތައް ހަނދާނުންފޮހެވި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ދުވަހަކީ އާދައިގެ ދުވަހެކެވެ. އެބަޔަކު އެބައެއްގެ ދިރިއުޅުމުގެ މަސައްކަތުގައި ބުރަކޮށް އުޅެއެވެ.

ދުވަސްވަރަކީ އެއް ގޮތަކަށް ވެސް ކަރަންޓު ބޭނުންކުރި ދުވަސްވަރެއްނޫނެވެ. މުޅިރަށުތެރޭގައި ރީތި އެތަކެއް ގަސްތަކެއް ހެދިފައި ވެއެވެ. ރަށު ތެރޭގައި ވެސް ހިނގާލަން ލިބިފައިވާ ހިމުން ފަސްގަނޑަށް މަޑުކަމާ ހިތްގައިމުކަން ލިބިފައިވެއެވެ.

ރަށުގެ ކުޑަކުދިން މަންޑި ކުޅެސަކަރާތް ޖަހައި މަޖާކޮއްހަދައެވެ. ދުވަސްވަރަކީ މީހުން ރިޔާނެގިދޯނި ތަކުގައި މަސްވެރިކަމަށް ދިޔަ ދުވަސް ވަރެކެވެ. ދަނޑުބިން ހައްދައި ތަފާތު ބާވަތުގެ ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކާއި މޭވާ ގަސްތައް މީހުން ހައްދައި އުޅުނެވެ. ކޮންމެ މީހަކު ވެސް ވަކިން ގޯތިނަގައި ގެ ހަދާފައިވެއެވެ.

އެދުވަސްވަރު ގިނަ ވާނީ ހިރިގަލުން ރާނާފައިވާ ގެ ތަކާއި ފަނުން ހަދައިފައިވާ ޖިފުޓިތަކެވެ. ކޮންމެ މީހަކު ވެސް އެބަޔަކަށް ހޯދުނު ކާބޯތަކެތި ހޯދައިގެން ކައިބޮއެ އުޅުނު ޒަމާނެކެވެ. ކޮންމެ ގޯއްޗެއްގައި ވެސް ރުކާއި ކެޔޮ ގަސްތައް ހައްދާފައި ހުރެއެވެ.

އަލީތަކުރުފާނަކީ އޭނާގެ އަމިއްލަ ދިރިއުޅުމެއް އުޅެމުންދާ ހީވާގި މީހެކެވެ. އަލީތަކުރުފާނަކީ އަދި މީހަކާ ނުއިނދެ ހުރި މީހެކެވެ. އޭނާ ދިރި އުޅުމަށް ކުރާ މަސައްކަތަކީ ބޮޑެތި އޮޅުދަނޑު ހެއްދުމާއި ރުކުރާ ބޭލުމާއި ކޮންމެ ވެސް ވަރަކަށް ތިލޭރުކަން ކުރުމެވެ. އޭނާއަކީ ވަރަށް މޮޅަށް ވަޑާމުގެ މަސައްކަތް ވެސް ކުރާމީހެކެވެ. އަދި އެކި ކަހަލަ ގަހަނާ ތައްޔާރު ކުރާ މީހެކެވެ.

އެގޮތުން އަލީތަކުރުފާނު ގެ އެންމެ ފާހަގަ ކޮއްލެވޭ މަސައްކަތުގައި ރީތި ދިވެހި ރަންފައްޓަރުބައި ހަދައި ގިރިޓީކޮށް އުޅުނެވެ. އަލީތަކުރުފާނުގެ ގޯއްޗަކީ ވަރަށްބޮޑު ގޯއްޗެކެވެ. އެއީ އޭނާގެ އަމިއްލަ ގެއެވެ. އޭނާގެ ގޯއްޗަށް ދީފައި ވާނަމަކީ"ރަތްއަކިރީ" ގެއެވެ.

އެއްދުވަހެއްގެ ވަރަށް ފަތިހާ އަލީތަކުރުފާނު ތެދުވެ އޭނާ ރުއްއަރައި ރާބާލައި ބޮޑެތި ބަދިތަކުގައި ރުކުރާ ވިއްކަން ރަށުގެ ތެރެއަށް ނިކުމެއްޖެއެވެ. ދެން ދޯރާ ވިއްކައި ގެއަށް އައީ އެދުވަހު ލައިގެންކާނެ އެއްޗަކާއި ހަނޑުލާއި ގޮދަންފުށްކޮޅެއް ހޯދައިގެންނެވެ. ގެއަށް އައިސް ވަރުބަލި ފިލުވާލައިގެން މީރު ރުކުރާ ތަށްޓެއް ބޯލައިގެން ހިތައްއެރީ އަދި ވެސް ގޯތީގައި އިތުރު ގަސް ޖަހާލުމަށެވެ.

އަލީތަކުރުފާނު އޭނާގެ ގޯތީގެ ބަދިގެ ފަރާތުގައިވާ ހުސް ބިމުގައި އުދަލި ހިފައިގެން އައިސް ބޮޑު ވަޅުގަނޑެއް އެބަ ކޮނެއެވެ. އަލީތަކުރުފާނު ބޭނުންވަނީ ގޯތީގައި އިތުރު ކެޔޮ ގަސްތަކެއް އިންދައި ހައްދާށެވެ. މަސައްކަތުގައި ބުރަކޮށް އަވަދިނެތި އޭނާ އުޅުނެވެ.

އަލީތަކުރުފާނު ވަޅުގަނޑެއް ކޮނުމުގެ ތެރޭގައި އުދަލި އެދިޔަގޮތައް ގޮސް ބިމުގެ ވަރަށް އަޑިން ހަރު އެއްޗެއްގައި ޖެހިއްޖެއެވެ. އަދި އެއީ ބޮޑު ގާބުރިއެއް ނޫންހެން އޭނާއަށް ހީވެއްޖެއެވެ. ދެން މިކަމާ ވަރަށް ގަޔާވެހުރެ އަލީތަކުރުފާނު ގަޔައް ހުރި ބާރެއް ލައިފައި މިފަހަރު މިއީ ކޮންއެއްޗެއްތޯ ބަލާނަމޭ ހިތައް އަރުވައި އޭނާ ކޮނުނު ވަޅުގަނޑުގެ ވަށައިގެން ކޮންނަން ފަށްޓައިފިއެވެ. ވަކި ހިސާބަކަށް ކޮނެފައި އަލީތަކުރުފާނަށް ސިހުން އަރައިފިއެވެ.

"އަަސްތާ! މިފެނުނީ އަނެއްކާ ކޮންއެއްޗެއް ބާ!"

އަލީތަކުރުފާނަށް މިފެނުނީ ގުޅިއެއް ނުވަތަ ރުނބައެއް ފާޑު އެއްޗެކެވެ. އެހެނަސް އޭނާ ދުވަހަކު ވެސް ނުދެކޭ ފާޑު ގޮތަކަށް ވަރަށް ރީތިކޮށް ބޭރުގައި ފަރުމާތަކާއި ކުރެހުން ތަކެއް ކުރަހާފައި ހުރި ގުޅިއެކެވެ. އަދި އެއީ އޭނާ ކުރިއަކުން ދެކިފައި ނުވާފަދަ އެއްޗެކެވެ. މީ އަނެއްކާ ރަން ގުޅިއެއް ނޫންބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ނުވަތަ ބޮލިރުނބައަކަށް ވެސް ވެދާނެއޭ އޭނާގެ ހިތަށް އެރިއެވެ.

އަދި މިއީ ރަން ގުޅިއަކަށް ނުވަތަ ބޮލި ރުނބަޔަކަށް ވެއްޖެއްޔާ ހާދަ ރަނގަޅެވެ. އޭނާ އަށް މަސްދޯންޏެއް ބަނުމުގެ މުއްސަނދިކަން ލިބިދާނެތީއެވެ. މިހެން ހިތަށް އަރައި މުޅި ވަޅުގަނޑު އެއްކޮށް ގުޅި ފެންނަ ހިސާބަށް ކޮނެ ވަރަށް ބަލައިގެން އަލީތަކުރުފާނު އެ ގުޅި ނަގައިފިއެވެ.

އޭނާ ހުރީ ވަރަށް ހިތްހަމަޖެހި އުފާ ވެސް ވެފައެވެ. ނަސީބު އައިސް އަތުގައި ހިފީއޭ އޭނާގެ ހިތައް އަރަމުން ދިޔައެވެ. އެކަމަކު މިގުޅި ފެނުނު ވާހަކަ އެއްވެސް މީހެއް ގާތުގައި ނުދެއްކުމަށް އަލީތަކުރުފާނު ނިންމިއެވެ. އޭނާއަށް މިގުޅީގެ ސަބަބުން ބޮޑު މުއްސަނދި ކަމެއް ލިބިއްޖެނަމަ އޭނާ އާދޭތެރޭގައި ހަސަދަވެރި ވާނޭ މީހުން ތިބެދާނެއެވެ. އަލީތަކުރުފާނު މިގުޅި ހަލާކު ނުވާގޮތަށް ވަޅުގަނޑުން ނަގައިފިއެވެ. އަދި ގުޅި އޭނާ އުޅޭ ޖިފުޓީގެ ތެރެއަށް ވައްދައި އޭގައި ބޮޑު ފަންގަނޑެއް އަޅައި ފޮރުވިއެވެ.

މިހާރު އަލީތަކުރުފާނު އެހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން ގިފިއްޔަށް ވަދެ ފެންވަރައިލައިގެން ނިކުމެ ގޯތިތެރޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހުން ބަނބުކޭލެއް ކަނޑައި ބަނބުކޭލާއި އަލައިގެ ގަރުދިޔަގަނޑެއް ތައްޔާރުކޮށްގެން ވަރަށް އުފަލުގައި ކައިފިއެވެ. މިހާރު އޭނާ ބޭނުންވަނީ އެގުޅީގެ މަތިނަގައި އޭގައި ވަނީ ކޮންއެއްޗެއްތޯ ބަލާށެވެ.

އޭނާގެ ޖިފުޓީގައި ބޮޑު ރޯނުދެމި އެނދެއްހުރެއެވެ. އެ އެނދުގައި ވަނީ ފަނުންހަދާފައިވާ ކުނަލެއް ވެސް އަޅައިފައެވެ. ޖިފުޓީގައި ކުޑަމޭޒަކާއި ގޮނޑިއެއް ވެސް ހުއްޓެވެ. މޭޒުމަތީގައި ފުޅިބައްތިއެއް ބަހައްޓައިފައި ހުރިއިރު އެފުޅިއާ ޖެހިގެން ދުންގުޑުގުޑާ އެއް ހުއްޓެވެ. ޖިފުޓީގެ ދޮރަކަށް ޓިނުގަނޑެއް ލައްކޮށްފައި ހުރެއެވެ. ދުވާލެއް ވެއްޖިއްޔާ އެޓިނުގަނޑު އެއްކައިރި ކޮއްފައި ދޮރާދިމާ ބިންމަތީގައި ފެންކައްކާ ބޮޑުބޮއްޔެއް ބާއްވާފައި އޮންނާނެއެވެ.

އަލީތަކުރުފާނު ޓިނުގަނޑު ޖަހައި ދޮރު ބަންދުކޮށްފައި މޭޒުމަތީގައި ހުރި ފުޅިބައްތި ރޯކޮށްފިއެވެ. ޖިފުޓީގެ ތެރެއަށް އެފުޅިބައްތީގެ ސަބަބުން ފަނޑު އަލިކަމެއް ވެރި ކުރުވިއެވެ.

ދެން އޭނާ ބެހެއްޓި ފަންބޮނޑި އެއްކައިރި ކޮށް ބަހައްޓާފައިވާ ގުޅީގެ މަތިގަނޑު ނަގަން ވަރަށް މަސައްކަތް އެބަ ކުރެއެވެ. ގުޅީގެ މަތިގަނޑު ހުރީ ޒަމާންވެގެން ވަރަށް ބޮޑަށް ހަރުވެފައެވެ. ދެން އެގޮތް މިގޮތައް ގުޅީގެ މަތިގަނޑު އަނބުރައިގެން ނައްޓާލައިފިއެވެ. އެހެންނަމަ ވެސް އަލީތަކުރުފާނަށް ލިބުނީ ބޮޑު ސިހުމެކެވެ.

މިއީ ރަންގުޅިއެއް އަދި ބޮލި ރުނބައެއް ވެސް ނޫނެވެ. މީގެ ތެރޭގައި މި އޮތީ ދުވަހަކު ވެސް އޭނާގެ ހަޔާތުގައި ދެކިފައިނުވާ ވައްތަރެއްގެ ފޮތެކެވެ. މިފޮތުގެ ބަނޑޭރިގަނޑު ހަދައިފައި އޮތީ ބޮޑު ލޮއި ގަނޑަކުންނެވެ. އެފޮތުތެރޭގައި ހުރި ގަނޑުތަކަކީ ބަކަރިހަން ފާޑު އެއްޗެކެވެ. މިފޮތުގައި ލިޔެފައިވާ ބަސްއެއީ އަލީތަކުރުފާނު ދެކެފައިނުވާ ވައްތަރެއްގެ ބަހެކެވެ. އެފޮތަކީ ކޮންޒަމާނެއްގައި ކޮންބަޔަކު ގެންގުޅުނު އެއްޗެއްކަމެއް ވެސް ނޭނގެއެވެ. އަލީތަކުރުފާނު އުންމީދު ކުރިކަހަލަ ޚަޒާނާއަކަށް އެއެއް ނުވިއެވެ.

އެހެންނަމަ ވެސް ފޮތުގެ ވާހަކަ އެއްވެސް މީހެއްގާތުގައި ނުދައްކާނެ ކަމަށް އޭނާގެ ހިތަށް އެރިއެވެ. ހީކުރީ ފަހަރުގައި މިފޮތުގައި ލިޔެފައިވާ އެއްޗެއްގެ އިލްމު އުނގެނުމަށް ފުރުސަތެއް ލިބިދާނެކަމުގައެވެ. މިގޮތް ނޭނގޭ ފޮތް އެއްކޮޅުން އަނެއްކޮޅަށް ބަލައި ހެދިއެވެ.

އޭގައި ފާޑުފާޑު މީހުންގެ ސޫރަކުރަހާފައި އެބަ ހުއްޓެވެ. އަދި ގޮތްގޮތަށް ހުރި އެކިފާޑުގެ ފާހަގަ ތަކެއް ވެސް ކުރަހާފައި އެބަހުއްޓެވެ. އެކުރަހާފައިވާ އެއްޗެހީގެ މާނަ އަދި ފޮތުގެ ލިޔެފައިވާ އެއްވެސް ބަހެއްގެ އަދި އެއްވެސް ކުރެހުމެއްގެ މާނައެއް ކުޑަކޮށް ވެސް އަލީތަކުރުފާނަކަށް ދެނެގަންނާކަށް ނޭނގުނެވެ.

އެފޮތަށް ބަލައިލި އިރު އޭގައި ލިޔެފައި ކުރަހާފައި އެހެރީ ވަރަށް ތަފާތު ފާޑެއްގެ ދެއްޔަކުންނެވެ. އަނެއްކާ އެއީ ލޭ ބޭނުންކޮށްގެން ލިޔެފައިވާ ފޮތެއްނޫންބާ!.

ފޮތް ހުޅުވައިގެން ގަނޑުތައް ބަލާއިރު ފޮތުން ވަރަށް ނުބައި ވަހެއް ވެސް އެބަދުވައެވެ. ހީވަނީ މަރުވެފައިވާ އެއްޗެއްގެ ކުނި ވަސް ދުވާހެންނެވެ. މިފޮތަކީ ކޮންމެ އެއްޗެއްކަމުގައި ވިޔަސް ފޮތް އޮތްވާހަކަ އެކަކުގާތުގައި ވެސް ނުބުނަން ނިންމައިގެން އަލީތަކުރުފާނު ހުރީ އަޒުމެއް ކަނޑައަޅައިގެންނެވެ.

(ނުނިމޭ)