ކޮންމެ މަހަކުވެސް ރާއްޖޭގައި އަލަށް އުފަންވާ ކުދިންނަށް، ކޮންމެ ކުއްޖަކަށް ހަދިޔާ ޕެކެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި ހުސްވި އޭޕްރީލް މަހުވެސް ވަނީ، ޖުމްލަ 243 ކުދިންނަކަށް މި ހާއްސަ ހަދިޔާ ވަނީ ފޯރުކޮށްދީފައެވެ. އެއީ 114 އަންހެން ކުދިންނާއި 129 ފިރިހެން ކުދިންނެވެ. މިއީ އޯގާތެރިކަމާއި ދީލަތިކަމުގެ އިންތިހާ ދައްކުވައިދޭ ފޯރުކޮށްދިނުމެކެވެ.

އަލަށް އުފަންވާ ކުއްޖަކަށް ޒަރޫރީ ބޭނުން ތަކަށް މުހިންމު ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ގިފްޓް ޕެކްތަކުން، މިއީ ބެލެނިވެރިކަމުގެ އެންމެ އަލަތު މަރުހަލާއަށް އެހީ ފޯރުކޮށްދޭން ތައްޔާރުކޮށްފައިވާ ޕެކޭޖުތަކެއްކަން ހާމަވެއެވެ. އަބަދުވެސް ރައްޔިތުންނަށް އެންމެ މުހިންމު ވާ ކަންތައްތަކުގައި އަދި އެންމެ ދަތިވާ ފަދަ ކަންކަމުގައި އެސްޓީއޯއަކީ އިސްނަގައިގެން އެހީވުމުގައި ނަމޫނާ ކުންފުންޏެކެވެ.

އެސްޓީއޯއިން މިކަމާ ގުޅޭގޮތުން "ހަލި" ނޫޙުން ސުވާލު ކޮށްލުމުން ހާމަކުރި ގޮތުގައި މިއީ ހަމަ ކޮންމެ މަހަކުހެން ފޯރުކޮށްދޭ ހަދިޔާތަކެކެވެ. މިކަންތައް ކުރިއަށްދާ ގޮތަކީ ކޮންމެ މަހަކުވެސް ހޮސްޕިޓަލުތަކުގައި ވިހާ ކުދިންގެ އަދަދަށް ވާ ވަރަށް އެސްޓީއޯ އިން މި ގިފްޓްޕެކް ހަދިޔާ ކުރަނީ ކަމަށެވެ.

އެސްޓީއޯއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ އަމާޒަކީ އެކި ސަރަޙައްދުތަކުގެ ޢާއިލާތަކާ ހަމައަށް ވާޞިލުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދުޅަހެޔޮކަމާއި އުފާވެރިކަން ޙިއްޞާކުރުމެވެ.

އެސްޓީއޯގެ އިސްނެގުމުން ކުރިއަށް ގެންދާ މި ހަދިޔާ ތަކަކީ ޔަގީނުންވެސް އެއްވެސް ފަރަގު ކުރުމެއް ނެތި އާއިލާތަކާ މެދު ހަމަހަމަކަމުގެ ނަޒަރަކުން ބަލާކަމުގެ ވަރަށް ބޮޑު ހެއްކެކެވެ. މިއީ އަލަށް އުފަންވާ ތުއްތު ކުއްޖާ އާއިލާއަށް އައުމުގެ އުފަލުގައި ބައިވެރިވުމުގެ އިތުރުން އެއާއިލާއަށް ކޮންމެވެސް މިންވަރެއްގެ އެހީއެއްވެސް ފޯރުކޮށް ދެވޭ ކަމެކެވެ. ހުރިހާ އާއިލާއަކީ އަދި އުފަންވާ ކޮންމެ ކުއްޖަކުގެ އާއިލާއަކީ އެންމެ ފޯރުންތެރި އާއިލާއަކަށް ނުވެދާނެއެވެ.

އެހެންނަމަވެސް އެސްޓީއޯގެ މިހަދިޔާއިން އެއާއިލާއަށް އަލަށް އައި މެންބަރަށް އެއްފަހަރު ނަމަވެސް ވިސްނުމެއް ފިކުރަކާ ނުލައި ޒަރޫރީ ބޭނުންތައް ފުރިހަމަކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ މިއީ އާއިލާއަކަށް އަލަށް އަންނަ މެންބަރަށް މަރުހަބާ ކިޔުމުގައި ބައިވެރިވުމުގެ އިތުރުން މުޖުތަމައަށް އެއްބައިވަންތަކަމާއި އެއްބާރުލުމާއި އޯގާތެރިކަމުގެ ސާބިތު ނަމޫނާ ދައްކުވައިދޭ ހެޔޮކަމެކެވެ. އެސްޓީއޯ އިން ކޮންމެ މަހަކުވެސް ރާއްޖެއަށް އަލަށް އުފަންވާ ކުޑަކުދިންނަށް ފޯރުކޮށްދޭ މި ހަދިޔާ ޕެކްއިން އެހެނިހެން ވިޔަފާރިތަކަށްވެސް ހުރި ނަމޫނާއެކެވެ. އަދި ހަމަ އެހެންމެ މިއީ ކޮންމެމަހަކު ރާއްޖެއަށް އުފަންވާ ކުދިންގެ އަދަދު ހާމަ ވެގެންދާ ކަމެއްވެސްމެއެވެ.

މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލް މިލިސްޓުގައި ހިމެނިފައި ނުވާ ކަމަށް އެސްޓީއޯ އިން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އެހޮސްޕިޓަލާއެކު ހަމަޖައްސަން ޖެހޭ ބައެއް ރަސްމީ ކަންތައް ހަމަޖެހުމާއެކު މީގެ ކުރިއެކޭ ވެސް އެއްގޮތަށް އަނެއްކާވެސް އެސްޓީއޯގެ މި އުފަންވާ ކުދިންނަށް ހަދިޔާ ދިނުމުގައި އެހޮސްޕިޓަލަށް ވިހާ ކުދިންވެސް ހިމެނޭނެކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. މި އޭޕްރީލް މަހު ހަދިޔާ ފޯރުކޮށްދެވިފައިވަނީ މި ދަންނަވާ ހޮސްޕިޓަލުތަކަށް ވިހޭ ކުދިންނަށެވެ.

  • ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • މ މުލީ ރީޖަނަލް ހޮސްޕިޓަލް
  • އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް/މާލެސިޓީ
  • ކ ހުޅުމާލެ ހޮސްޕިޓަލް
  • ލާމު ގަމު ރީޖަނަލް ހޮސްޕިޓަލް
  • ގދ ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
  • ޏ ފުވައްމުލައް ހޮސްޕިޓަލް
  • އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
  • ތ ވޭމަންޑޫ އަތޮޅު ހޮސްޕިޓަލް

ޖުމްލަ 10 ހޮސްޕިޓަލެއްގައި ވިހާ ކުދިންނަށް ކޮންމެ މަހަކުވެސް މި ފޯރުކޮށްދޭ ގިފްޓްޕެކް ތަކަކީ އެސްޓީއޯއިން އާންމު ފަރުުދުންނާ ބަހައްޓާ ގާތްކަމާއި އަޅާލުމާއި ސަމާލުކަން ހާމަކޮށްދޭ ކަމެކެވެ.