ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވައިފިއެވެ.

މިއަދު ހުޅުވުނު މި ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ ޖުމްލަ 200 މީހުންނަށް ޚިދުމަތް ދެވޭއިރު، މި ސެންޓަރުގައި އެކްސަސައިޒް ސައިންސް އެންޑް ޓެސްޓިންގ ރޫމެއްގެ އިތުރުން ކޮންޕްރެޝަން ތެރެޕީ ރޫމެއްވެސް ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންނަށް އަދި ފިރިހެނުންނަށް ޚާއްޞަ ޗޭންޖިން ރޫމާއި، "އައިސް ބާތު" އަދި "ސްޓީމް ރޫމް" ތައް މި ސެންޓަރުގައި ހިމެނެއެވެ.

މީގެއިތުރުން ކުޅިވަރުގެ ތެރެއިން އެތްލީޓުންނަށް ލިބޭ އަނިޔާތައް އަވަހަށް ފަސޭހަކުރުމަށް ޚާއްޞަކޮށް "ހީލަރ" ރޫމެއްވެސް މި ސެންޓަރުގައި ހިމެނެއެވެ. މިއަދު ހުޅުވުނު މި ސެންޓަރުގައި "ޖިމް އެންޑް ކެރީ"ގެ ނަމުގައި 42 ގޮނޑީގެ ޖާގައިގެ ކެފޭއެއްވެސް ހުރެއެވެ. ޓީ.އެފް.ޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ޚިދުމަތްދޭ ތަންތަން ބައްލަވާލައްވައި އެތަންތަނުން ލިބޭ ޚިދުމަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

ޓީ.އެފް.ޖީ ފުރަތަމަ ފިޓްނަސް އިންޑަސްޓްރީގައި ޙަރަކާތްތެރިވާން ފަށާފައި ވަނީ މީގެ 13 އަހަރު ކުރިން 2010 ވަނަ އަހަރުގައެވެ.