ރޮބޯމޭންގެ ހަރަކާތްތަކާއި ޕީކަބޫގެ ގިފްޓް ވައުޗާ ތަކެއް ލިބޭ ކުޑަ ކުދިންގެ ހާއްސަ އިވެންޓެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން މިއަދު ހަވީރު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓު ކުރިއަށް ދާނީ މިއަދު ހަވީރު 4 އިން 6 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.

މިއަދު ހަވީރު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ކުޑަކުދިންގެ ގާތް އެކުވެރިޔާ ރޮބޯމޭން އެކުދިންނާ ބައްދަލު ކުރާނެ ކަމަށް އެސްޓީއޯއިން ހާމަ ކޮށްފައި ވެއެވެ.

އެސްޓީއޯއިން ބުނީ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބޭނެ ކަމަށެވެ. އަދި ހަމައެއާއެކު ކުޑަކުދިންގެ މެދުގައި މަގުބޫލު "ޕީކަބޫ" ފިހާރައިން މި ހަރަކާތުގައި ބައިވެރިވާ 20 ކުއްޖަކަށް "ވިޒިޓް އެންޑް ވިން" ގިފްޓް ވައުޗާ އެއްވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ތިންސަތޭކަ ރުފިޔާގެ ވައުޗާއިން ޕީކަބޫގެ ކޮންމެ ފިހަރާއަކުން ވެސް ބޭނުން ކުރެވޭނެއެވެ.

އެސްޓީއޯއިން ބުނީ، އެ ހަރަކާތުގައި ލީސިން ޕާޓްނާސްގެ ފަރާތުން ހިލޭ ރަހަ ބަލައިލުމުގެ ފުރުސަތާއި ހަދިޔާ އަދި ކުޅިވަރު ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ. ހަރަކާތުގެ ތެރެއިން ޕޮއިސްއިން ކުޑަކުދިންގެ ސެންޓު ގަތުމުން ހަދިޔާ ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.