ދުނިޔޭގެ އޮއިވަރުތަކުގައި ނުޖެހި ހެޔޮގޮތުގައި ކުޑަކުދިން ބޮޑެތިކުރުމަށް އެންމެހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ ތަޙްނިޔާ އަރިސްކުރަމުން ޓްވިޓާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން، މުޢިއްޒުގެ ޓްވީޓްގައި ވިދާޅުވީ ކުޑަކުދީންނަކީ ބަވަނަވެފައިވާ ދުނިޔޭގައި ޖެހޭ ވަޔާ އެނބުރޭ އޮއިވަރުތަކުގައި ނުޖެހި ހެޔޮގޮތުގައި ބޮޑުކުރެވޭ ބައެއްކަމުގައި ހެދުމަށް އެންމެހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން ކުޑަކުދިން ހެޔޮގޮތުގައި ބޮޑެތި ކުރުމަށް މައިންބަފައިންނާއި ބެލެނިވެރީން އަދި މުދައްރިސުންނާއި، ސިޔާސަތު ބައްޓަންކޮށް ހިންގާ ފަރާތްތަކުގެ އިތުރުން މުޢައްސަސާތަަކާއި، މުޖުތަމަޢުގެ އެންމެހާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަމުގައި މޭޔަރ ވިދާޅުވިއެވެ. އަދި އެ ގޮތުގައި ޢަޒުމް ކަނޑައަޅާ މަސައްކަތްކުރުމަކީ ނުހަނު ބޭނުންޖެހިފައިވާ މުޙިންމު ކަމެއްކަން މިފަދަ ދުވަހެއްގައި ފާހަގަކުރައްވާ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.