މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ވަނީ އެ ހަފްލާގައި ބައިވެރިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ޝީ ބިލްޑިންގްގައި ބޭއްވި މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"މިއޭޖެންސީއިން މިދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންނެވެ،" އެޗްޕީއޭ އިން ބުންޏެވެ.

މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ބުންޏެވެ.

"އަދި އެޗް.ޕީ.އޭގެ އިރުށާދުތަކާއި އެއްގޮތަށް ގޭގައި އެކަހެރިވެ ތިއްބެވުމަށް ދަންނަވަމެވެ،" އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޟިރުވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސަރވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ދަންނަވަމެވެ،" އެޗްޕީއޭ އިން ބުންޏެވެ.