ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސުކޫލުތަކުގައި މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކޮށްފިއެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ދިހަ އެއް ދިވެހިރާއްޖޭގައި ފާހަގަ ކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މެއި މަހުގެ ދިހަ ވަނަ ދުވަހެވެ.
މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ ސްކޫލުތަކުގައި ވަނީ ގިނަ ހަރަކާތްތަކެއް ރާވައި ކުރިޔަށް ގެންގޮސްފައެވެ. މާލޭގެ ބައެއް ސްކޫލުތަކުގައި އެކިއެކި ކޮސްޓިއުމް ލައިގެން ސްކޫލަށް ދިއުމާއި ކުޑަކުދިންނަށް އަމާޒުކޮށްގެން އެކިއެކި ކުޅިވަރުތަކާއި ހަދިޔާ ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ފޮނުއްވައިފައެވެ. އަދި މެޑަމް ފަޒުނާ އަހުމަދު ވެސް ވަނީ މިއަދުގެ މުނާސަބާއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކުޑަ ކުއްޖެއްގެ އުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެން ޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ.
އަދި މެޑަމް ފަޒުނާގެ މެސެޖުގައި ވިދާޅުވީ ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެންވެސް އެ ފުރުޞަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއްކަމަށާއި، މިގޮތުން ބަސްބުނުމުގެ ޙައްޤާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު އެންމެ ފުޅާދާއިރާއެއްގައި ކުދިންނަށް ދޭންޖެހޭކަމުގައެވެ.