ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ދިނުން ދުވަހުގެ ރަސްމީގަޑި ނިމިގެން ދިޔައިރުވެސް ވަނީ ހައްލު ނުވެ މެދުކެނޑިފައެވެ.
މިއަދު ކުރި ޓުވީޓެއްގައި އިމިގްރޭޝަނުން ބުނީ ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.އެ އިދާރާއިން ދިމާވި މައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މައްސަލަ ހައްލު ވީ އެންމެ އަވަހަކަށް ޚިދުމަތް ދިނުން އަލުން ފެށިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މައްސަލަ ދިމާވި ހެނދުނުގެ ވަގުތުގައި މެންދުރަށް މައްސަލަ ހައްލު ކުރެވޭނެކަމަށް ބުނި ނަމަވެސް ދުވަހުގެ ރަސްމީ ގަޑި ނިމިގެން ދިޔައިރުވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުން ވަނީ މެދުކެނޑިފައެވެ.
މި ދުވަސްވަރު ދުވާލަކު އެވްރެޖުކޮށް 300 ޕާސްޕޯޓު ހަދަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި 200 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރާކަމަށްވެސް ބުންޏެވެ. ޕާސްޕޯޓު ހަދަން ހުށަހަޅާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި މިގޮތަށް ހިދުމަތް މެދުކެނޑި ދުވަހެއް ނިމިގެން ދިޔައިރުވެސް މައްސަލަ ހައްލު ނުވުމަކީ ގިނަ މީހުންނަށް ދިމާވާނެ ދަތިކަމެކެވެ. ހިދުމަތް ބޭނުންވެފައިވާ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކުރުމާއެކު ބުނެފައި ވަނީ ޕާސްޕޯޓް ޚިދުމަތް މެދުކެނޑިފައި ވުމަކީ އެތައް ގޮތަކުން އެތައް ބައިވަރު ކަންތައްތަކަށް އެޅޭ ދަތި ހުރަހެއް ކަމަށެވެ.
ޕާސްޕޯޓުގެ ހެދުމުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ދިމާވިއިރު އައިޑީ ކާޑު ހެއްދުމަށް ވެސް ގިނަ ފަރާތްތަކަކުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުން ނެވެ. އޮންލައިންކޮށް ކިތަންމެ ފަސޭހަ ކަމާއެކު އައިޑީކާޑު ހެއްދުމުގެ ހުރިހާ ކަމެއް ނިންމެން އޮތްކަމުގައި ވިޔަސް ކިއުބީ މެދުވެރިކޮށް ނަންބަރެއް ނަަގައިގެން އައިޑީ ކާޑު ބަލާ ދިއުން ވަނީ ގިނަ ފަރާތްތަކަށް ދަތިވާ ކަމަކަށްވެފައެވެ. ސަބަބަކީ ކިއުބީ އިން ބައިގަޑިއެއްހާ އިރު ތެރޭގައި 200 އަށްވުރެ ގިނަ ނަމްބަރު ދޫކުރުމާއި ނަންބަރު ޖެހެން ދެން ތިބެތިބެ އެދުވަހުގެ ރަސްމީ ގަޑީ ނިމިގެން ދާއިރުވެސް ނަންބަރު ނުޖެހުމުން އަނެއްކާވެސް އަނެއް ދުވަހަކު ދާން ޖެހެއެވެ. މިގޮތަށް ދިމާވުމަކީ ގިނަ ފަރާތްތަކަކަށް ދިމާވާ ދައްޗަކަށް ވަނީ ވެފައެވެ.