މިއީ ރާއްޖޭގެ އޮލިމްޕަހުގެ ތާރީހުގައިވެސް އަދި ފިލްމީ ތާރީހުގައިވެސް ލިޔެވިގެން ދާނެ ހާއްސަ، ތާރީހީ ވާހަކައެކެވެ. މި ހާއްސަ ރޭ، އައީ މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ" އަށެވެ. މިފިލްމު ވެގެން މިދިޔައީ ރާއްޖޭގައި މިހާތަނަށް އަދި ނުވާ މުޅިން އާކަމެއް ވުޖޫދަށް ގެނައި ހާއްސަ ފިލްމަކަށެވެ. މީހަކު އޭނާގެ އާއިލާއާއެކު ޕްރައިވެޓްކޮށް ފިލްމު ބަލާލުމަށް ބައިލައްކަ ރުފިޔާ، 50،000 ރުފިޔާ މިފިލްމުގެ ޝޯވ އެއް ގަންނަން ހޭދަކުރި ވާހަކަ މިއީ އާދައިގެ ވާހަކައަކަށް ނުވާނެއެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި އޮތް، މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ"ގެ ހަތްވަނަ ޝޯވ ވެގެން ދިޔައީ ހަމަ އެންމެ މީހަކު އޭނާގެ އާއިލާ ގޮވައިގެން ދިއުމަށް ހާއްސަ ޝޯވ އަކަށެވެ. އެޝޯވ ބަލަން މުޅި އޮލިމްޕަހަށްވެސް ވަނީ އެންމެ 3 މީހުންނެވެ.

ހައުސްފުލް ނުވިޔަސް 3 މީހުން ދިޔަ މިޝޯވ އަކީ "ހައުސްފުލް" ޝޯވ އެކެވެ. ކޮން ގޮތަކަށް ކިހިނެއްތޯއެވެ. ޝޯވގެ ހުރިހާ ޓިކެޓެއްގެ އަގު ކަމަށްވާ، 50،000 (ފަންސާސްހާސް ރުފިޔާ/ބައިލައްކަ ރުފިޔާ) ދީފއި ޝޯވ ޕްރައިވެޓް ނުވަތަ އަމިއްލަ ޝޯވ އަކަށް ކޮންމެވެސް މީހަކު ހެދީއެވެ.

ހަބަރުލިބިފައިވާ ގޮތުގައި މިއީ ލޯބިވާ އަނބިންނަށްޓަކައި ފިރިއަކު ވީ ގުރުބާނީއެކެވެ. ނުވަތަ އަނބިންދެކެ ލޯބިވާކަން ހާމަކޮށްދިނުމަށްޓަކައި ފިރިއަކު ދިން ހަދިޔާއެކެވެ. ފިރިމީހާގެ މިދައުވަތު ގަބޫލުކޮށްގެން ޝޯވއަށް އޭނާއާއެކުގައި ދިޔައީ 2 އަނބިން ކަމަށްވެއެވެ. އަނެއް ދެ އަނބިން ނުދެއެވެ. އެހެންކަމުން މުޅި ޝޯވ ބަލަން އެރޭ އޮލިމްޕަސް ހޯލުގައި ތިބީ ޖުމްލަ 3 މީހެކެވެ.

ކޮންމެ ގޮތަކަށް ކޮންމެ މީހަކު ކޮންމެ ކަމަކަށްޓަކައި ކުރިޔަސް މިކަމަކީ ދިވެހިންގެ ފިލްމީ ތާރީހުގައި ގަދަކުލައަކުން ފެވިގެންދާނެ ވާހަކައެކެވެ. އަދި މިއީ އޮލިމްޕަހުގެ ތާރީހުގައިވެސް ކުލަގަދަކޮށް ލިޔެވޭނެ ވާހަކައެކެވެ.

މި ކާމިޔާބު 'ޕްރައިވެޓް ޝޯ'ގެ ހަބަރު އޮޅުން ފިލުވުމަށް "ހަލި" ނޫހުން ފިލްމު "ލޯބިވެވިއްޖެ"ގެ ޕްރޮޑިއުސަރު ޝާނީޒް އަލީއާ ކޮށްލި ސުވާލަށް ޖަވާބު ދެމުން ބުނީ މިއީ ހަމަ ކޮންމެ ފަރާތަކަށްވެސް އޮތް އަދި އަބަދުވެސް، ކުރިންވެސް އޮންނަ ފުރުޞަތެއް ކަމުގައެވެ.

"މިއީ ހަމަ ކޮންމެ ފަރާތަކަށްވެސް އޮންނާނެ ފުރުސަތެއް، އަޅުގަނޑުމެން އެގޮތަށް ޕްރައިވެޓް ޝޯވއެއް ބައްލަވައިގަތުމަށް މީހަކު އެދިލައިވައިފިނަމަ އެޝޯވގެ އެއްވެސް ޓިކެޓެއް ނުވިއްކާނަން، އެރޭގެ ޝޯވ ބައްލަވައިގަތް ފަރާތުން ގެންނަނީ ކޮންބައެއްތޯ އަޅުގަނޑުމެން ނުބަލަން. އަޅުގަނޑުމެންގެ މި ފިލްމުގެ ހަތްވަނަ ޝޯވ ފެމިލީއަކުން ބައްލަވައިގަތް. ޝޯވގެ އަގަކީ 50،000 ރުފިޔާ. ޝޯއަށް ދުރުވީ ތިން ބޭފުޅުން."

އަށް ފަހު ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ބުނީ މިގޮތަށް ޕްރައިވެޓް ޝޯއެއް 'ބައްލަވައިގަތުމުގެ' ފުރުސަތު އެކަން ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެބަ އޮތް ކަމަށެވެ. މި ޝޯވ ބައިލައްކަ ރުފިޔާ ދީފައި ގަނެ، އެރޭ ޝޯވ ބަލަން އެދިޔަ މީހުންނާ ބެހޭ ގޮތުން އިތުރު ވާހަކައެއް ޝާނީޒް ނުދައްކައެވެ. ޝާނީޒް ބުނީ އެގޮތަށް މައުލޫމާތު ހާމަކުރުމަކީ އޮންނަ އުސޫލެއް ނޫންކަމަށެވެ.

ޝާނީޒް އަލީ ޕްރޮޑިއުސްކޮށް އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ 'ލޯބިވެވިއްޖެ' އަށް ގާތްގަނޑަކަށް 800،000ރ ޚަރަދުވި އެވެ. އަހުމަދު ޒަރީރުގެ ސްކްރިޕްޓަކަށް ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިރޯޓިކް ތްރިލާއެކެވެ. އާއިލީ ލޯތްބާއި ޒިންމާދާރު ފިރިއެެއްގެ ލޯބި ބަދަލުވެގެންދާ ގޮތާއި ބޭވަފާތެރިކަމުގެ ހިތްދަތިކަމާއި ރިހުން، ހަސަދައިގެ އަލިފާނުގެ ހޫނާއި ލޯބި ހޯދުމަށް ކުޅޭ ހުތުރު އަދި ނުބައި ކުޅިވަރު، ހިތާމަ، ވޭން، އަނިޔާ، ލަދު، މިހެން ގޮސް ހުރިހާ އިހްސާސްތަކުން ލޮނުހެޔޮވަރުކޮށްފައިވާ މިފިލްމުގެ ހާއްސަ ތަރިންގެ ތެރޭގައި ސީޒަން، އައްޒަ، ދޮންއައްޔަ، އަދި ރިޝްފާ ހިމެނެއެވެ. ގދ ތިނަދޫގެ ހިތްގައިމު މަންޒަރުތައް ހިމެނޭ ހެން ކުޅެފައިވާ މިފިލްމުގެ މިހާރު ވިކެމުންދަނީ އެގާރަ ވަނަ ޝޯވގެ ޓިކެޓެވެ.

ފިލްމުގެ ޓިކެޓް ގަތުމަށްވެސް ނުހަނު ފަސޭހަ ގޮތެއް ވަނީ ހަމަޖައްސާފައެވެ. 7458800 ނަމްބަރަށް ވައިބަރކޮށްގެން ޓިކެޓް ނެގޭނެ އެވެ.