އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކަށް ޒަމާނީ، ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް އުރީދޫ މޯލްޑިވްސް އިން ހަދައިފިއެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސް، މާލެ އން ވިޔަފާރިކުރާފަރާތްތަކަށް އުރީދޫ އެޕުން މެދުވެރިކޮށް ކައުންޓަރުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑެއް ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ވަނީ ބުނެފައެވެ. މިއީ އުރީދޫ މޯލްޑިވްސް އާއި އެސްޓީއޯ އާއި ދެމެދުވެފައިވާ ޕަރޓްނަރޝިޕް އެއްބަސްވުމެއްގެ ދަށުން ހަމަޖެހިގެންދިޔަ ޚިދުމަތެކެވެ.

"އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ ފަރާތްތަކަށް މި ޒަމާނީ އަދި އީޖާދީ ޕޭމަންޓް ސޮލިއުޝަން، އެމް-ފައިސާ ގެ ޙިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕާޓްނަރޝިޕްގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރި، އަދި ހަރުދަނާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދޭ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު ދަތިކަމެއް ނެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އެމް-ފައިސާގެ ފަސޭހަކަން ލިބިގެންދާނެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވެފައިވެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްތަރ ޢަބްދުﷲ ސަޢީދު ވިދާޅުވީ "އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ގެނެސްދިނުމަށް، އެގޮތުން އުރީދޫ އާއެކު އެމް-ފައިސާ ގެ ޙީދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވުމަކީވެސް އޭގެ އެންމެ ފުރިހަމަ މިސާލު. އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކަސްޓަމަރުންނަށް މި އާ ޕޭމަންޓް ސޮލިއުޝަން ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމް-ފައިސާ ހިދުމަތާއި އެކު ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތެއް އެސްޓީއޯ އިން ލިބިގެންދާނެ." ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގެ ސާމާނާއި އިލެކްޓްރޯނިކްސް ފަދަ ގިނަ ބާވަތްތަކެއް ލިބެން ހުންނަ ރާއްޖޭގެ މަޝްހޫރު ހޯލްސޭލް އަދި ރީޓެއިލް ސްޓޯރު ޗެއިނެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯ ގެ ޚިދުމަތްތައްލިބެން ހުރެއެވެ. ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ އެއްޗެއް އެސްޓޯއީން ފޯރުކޮށްދެއެވެ. އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ އެހެން ފިހާރަތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނޭ އިންތިޒާމު ހަމަޖެހޭނޭ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫ އެމް-ފައިސާ އަކީ ފަސޭހަކަމާއެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ބިލް އަދި ރާސްޓަސް ގެ އިތުރުން މީޑިއާނެޓް ފަދަ އެކި ހިދުމަތްތަކަށް ބިލް ދެއްކުންވެސް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން އެމް-ފައިސާ އިން ވަނީ ގިނަ ފައުންޑޭޝަންތަކާ ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ފައުންޑޭޝަނަކަށް ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އެވެ.

އެމް-ފައިސާއިން ޚިދުމަތް ބޭނުންކުރުމަށް، އުރީދޫ އެޕް ޑައުންލޯޑްކޮށް، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ރަޖިސްޓަރ ކޮށްލެވޭނެއެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އެމް-ފައިސާ އިން ވަނީ މި ބޭންކްތަކާ ގުޅިގެން ފަހިކޮށްދީފަ އެވެ.

އުރީދޫގެ ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެމް-ފައިސާއަކީ އޭގެ އެންމެ ބޮޑު އެއް މިސާލެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އެމް ފައިސާ ގެ ލުއި ފަސޭހަކަމާއި ހާއްސަ ޑިސްކައުންޓް އަދި ޕްރޮމޯޝަންތައް ވެސް ލިބިގެންދާނެ އެވެ.