އެއްފަހަރެއްގައި އިމާމް އަލް ކިސާއީ އާއި އަލް ޔަޒީދީ އާ ދެބޭކަލުން، ޚަލީފާ ހާރުނުއްރަޝީދުގެ އަރިހުގައި ތިއްބަވަނިކޮށް މަޣުރިބު ނަމާދު ވަގުތު ލައިގަތެވެ.

ދެން ތިންބޭކަލުން މަޝްވަރާ ކުރެއްވުމަށްފަހު މީސްތަކުންނާގެން އިމާމުވެ ނަމާދު ކުރެއްވުމަށް އަލްކިސާއީ އިސްކުރެވުނެވެ. އެހެނީ އެކަލޭގެފާނަކީ ރީއްޗަށް ޤުރުއާން ކިޔަވާ ވިދާޅުވާ ބޭކަލެކެވެ. މިއަދާ ހަމަޔަށްވެސް އެންމެ މަޝްހޫރު ހަތް ޤާރީންގެ ތެރޭގައި އެކަލޭގެފާނުގެ ނަންފުޅު ހިމެނެއެވެ.

ކޮންމެއަކަސް ކިސާއީ އިސްވެ ނަމާދު ކުރައްވަމުން ގޮސް ފާތިހާ ސޫރަތް ކިޔަވައި ވިދާޅުވުމަށްފަހު، އަލް ކާފިރޫން ސޫރަތް ފެށްޓެވިއެވެ. އެއީ އެންމެ ކުރު ސޫރަތްތަކުގެ ތެރެއިން ސޫރަތަކަށް ވެފައި ކުޑަކުދިން ވެސް ހިތުދަސް ސޫރަތެކެވެ. ނަމަވެސް ކާފިރޫން ސޫރަތުގެ ވަކި ހިސާބަކުން ކިސާއީއަށް އޮޅުން އަރައި ނުބައިކޮށް ކިޔެވުނެވެ. ފަހެ ނަމާދުކޮށް އަވަދިވުމާ އެކު ޔަޒީދީ ހަޅޭއްލަވައިގެންފައި ބުންޏެވެ. "ހައިރާނެއް ނުވާނެ ހެއްޔެވެ.؟ އަލް ޤާރީ އަދި ކޫފާގެ އިމާމް، ކާފިރޫން ސޫރަތް ނުބައިކޮށް ކިޔަވައިފިއެވެ. އެކަލޭގެފާނު ކާފިރޫން ސޫރަތް ހަނދުމަ ނެތިއްޖެވެ."

ފަހެ މިކަމާ އެއްވެސް އެއްޗެއް ވިދާޅުނުވެ ކިސާއީ ހަނު ހުންނެވިއެވެ. މިހެން ތިއްބައި އިޝާނަމާދު ވަގުތު ޖެހިއްޖެއެވެ. އެހިނދު އަލްޔަޒީދީ އިތުރު އެއްވެސް ވާހަކައެއް ނުދައްކަވައި އަމިއްލަފުޅަށް ކުރިޔަށް ޖެހިވަޑައިގެން، އިމާމުކަމަށް އިސްވެވަޑައިގަތެވެ. ދެންފަހެ ނަމާދު ފެށްޓެވުމާ އެކު ޔަޒީދީގެ އަޑު ތުރުތުރު އަޅަންފެށިއެވެ. އަދި ޤުރުއާނުގެ އެންމެ ފަސޭހަ، އެންމެ ފުރަތަމަ ސޫރަތްކަމަށްވާ އަލް ފާތިހާ ސޫރަތް ހަނދާނަށް ނައެވެ. އުޅެއުޅެވެސް ހަނދާންވާ ގޮތް ނުވިއެވެ. އެންމެ ފަހުން ނަމާދުކޮށް އަވަދިވުމުން އިމާމް އަލް ކިސާއީ ޔަޒީދީ އާއި ދިމާއަށް އެނބުރި ވަޑައިގެންފައި ވިދާޅުވިއެވެ. "ޔަޒީދީއެވެ. ތިބާގެ ދޫ ރައްކާތެރި ކުރާށެވެ. ފަހެ އެހެން މީހުންނަށް ހެދޭ ގޯސްތަކުގެ ވާހަކަ ދައްކާމީހާ، އެފަދަ ކަމަކުން މާތް ﷲ އިމްތިޙާނު ކުރައްވާނެއެވެ.

"ޖެމްސް އެންޑް ޖެވެލް / އަބްދުލް މާލިކު މުޖާހިދު