މާތްﷲ ރުއްސުންލެއްވި އިބްނި ޢައްބާސުގެ އަރިހުން ރިހާވެގެން ވެއެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "އަނިޔާ ލިބިފައިވާ މީހާގެ ދުޢާއާ މެދު ރައްކާތެރިވާށެވެ. ހަމަކަށަވަރުން އޭނާ އާއި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ދެމެދު ހުރަހެއް ނުވެއެވެ."

އަރުވާ ބިންތު އުވައިސް ނަމަކަށް ކިޔުނު އަންހެނަކު، އޭނާގެ ބިމެއް ސާޢިދު ބުން ޢަމްރު ބުން ނުފައިލް ނުޙައްޤުން އަތުލެއްވި ކަމަށް ބުނެ، އެކަމުގެ ޝަކުވާ ކުރެއްވުމަށް މުޙައްމަދު ބުން އަމްރު ބުން ހަޒްމުގެ އަރިހަށް ދިޔައެވެ. މިއަންހެންމީހާ އަމްރު ބުން ހަމްޒުގެ އަރިހުގައި ދެންނެވިއެވެ. "އޭ އަމްރުއެވެ. ސާޢިދު ބުން ޢަމްރު އަހުރެންގެ ބިމެއް ނުޙައްޤުން އަތުލައިފިއެވެ. ﷲ ގަންދީ ބުނަނެވެ. އެކަލޭގެފާނު އެ ބިން އަހުރެންނަށް އަނބުރާ ރައްދުކޮށް ނުދީފި ނަމަ، އަހުރެން ރަސޫލުﷲ ގެފާނުގެ މިސްކިތްކޮޅަށް ގޮސް މިވާހަކަ މީސްތަކުންގެ ތެރޭގައި ދައްކައި އެކަލޭގެފާނު ފަޟީހަތް ކޮށްލާނަމެވެ."

އެހިނދު އަމްރު ބުން ހަމްޒު ވިދާޅުވިއެވެ. "ސުބުޙާނަﷲ އެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ލޮބުވެތި ޞަޙާބީ އަކާ މެދު ކަމަނާ ތިޔގޮތަށް ކަންތައް ނުކުރައްވައްޗެވެ. އެކަލޭގެފާނު ތިޔަފަދައިން ކަންތައް ނުކުރައްވާނެއެވެ. ކަމަނާގެ ޙައްޤަކަށް އަރައިނުގަންނަވާނެއެވެ."

ކޮންމެއަކަސް އެކަލޭގެފާނުގެ ޖަވާބާ މެދު އަރުވާ ހިތާ ނުވެގެން އަނެއްކާވެސް އެކަމުގެ ޝަކުވާ ހިފައިގެން އަބުދުﷲ ބުން ސަލަމާގެ އަރިހަށް ދިޔައެވެ. އަދި އަމްރު ބުން ޙަމްޒުގެ އަރިހުގައި ދެންނެވި ފަދައިން ތަކުރާރުކުރެއްވުމަށްފަހު ބުންޏެވެ. "ސާޢިދު ބުން ޢަމްރު އެބިން އަނބުރާ ރައްދުކުރަންވީއެވެ. ނުވަތަ އަހުރެންގެ ބިމެއް އެކަލޭގެފާނު ނުޙައްގުން އަތުލެއްވި ކަމަށްޓަކައި އަހުރެން ނަބިއްޔާގެ މިސްކިތްކޮޅުގައި އެވާހަކަ ދައްކައި ރޯނަމެވެ. އަދި މީސްތަކުންގެ ތެރޭގައި އެކަލޭގެފާނު ފަޟީހަތްކޮށްލާނަމެވެ."

ދެންފަހެ މިވާހަތައް އަޑުއައްސަވާފައި، އަބުދުﷲ ބުން ސަލަމާ، ސާއިދު ބުން އަމްރާ ބައްދަލު ކުރެއްވުމަށް ވަޑައިގެންފިއެވެ. އެހިނދު ސާޢިދަށް، އަބުދުﷲ އެކަލޭގެފާނުގެ ގެކޮޅައި ދިމާއަށް ބައްލަވަން ހުންނެވި މަންޒަރު ފެނިވަޑައިގެން ވިދާޅުވިއެވެ. "އޭ އަބުދުﷲ އެވެ. ކަލޭގެފާނު މިތަނަށް އައުމަށް މެދުވެރިވީ ކޮން ވިޔަފާރިއެއްތޯއެވެ؟ އަބުދުﷲ ދެންނެވިއެވެ. "މީގެ އިރުކޮޅެއް ކުރިން އަރުވާ އަހުރެންގެ ގާތަށް އައެވެ. އަދި ކަލޭގެފާނު އޭނާގެ ބިމެއް ނުޙައްގުން އަތުލައްވައި އިމާރާތް ކުރާކަމުގެ ޝަކުވާ އުފުލިއެވެ. އޭނާ ﷲ ގަންދީ ހުވާކޮށްފައި ބުންޏެވެ. ކަލޭގެފާނު އެބިން އަނބުރާ ރައްދުކޮށް ނުދީފި ނަމަ، އޭނާ ނަބިއްޔާގެ މިސްކިތްކޮޅުގައި އެވާހަކަ ދައްކައި މީސްތަކުންގެތެރޭގައި ކަލޭގެފާނު ފަޟީހަތް ކުރާނެއެވެ. އެހެންކަމުން އަހުރެން މިއައީ އެކަމުގެ ޚަބަރު ކަލޭގެފާނަށް ދެއްވުމަށެވެ."

އެހިނދު ސާޢިދު ބުން އަމްރު ވިދާޅުވިއެވެ. "އޭ އަބުދުﷲ އެވެ. އަހުރެން މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ސައްލަﷲ އަލައި ވަސައްލަމަ ހަދީޘް ކުރައްވަނިކޮށް އަޑު އެހީމެވެ. ހަމަކަށަވަރުން އަނިޔާވެރިކަމާއި އެކު، ނުހައްޤުން މީހެއްގެ ބިމުން ކައިވަތެއްގެ މިންވަރުވެސް ފޭރިގެންފި މީހާ، ފަހެ ޤިޔާމަތް ދުވަހުން އެމީހެއްގެ ކަރުގައި އެފަދަ ހަތް ބިން އެޅުވޭނެއެވެ. ފަހެ އަހުރެން އިތުރު އެކަލޭގެފާނުގެ އަރިހުން މިހަދީޘް ބަސްފުޅު އަޑުއަހާފައި ވަނިކޮށް އޭނާގެ ބިމުން ބައެއް ނަގާނީ ކޮންފަދަޔަކުން ހެއްޔެވެ؟ އޭ އަބުދުﷲ އެވެ. ކަލޭގެފާނު ގޮސް އަރުވާ ގާތުގައި ބުނާށެވެ. އޭނާ އެބުނާ ބިމެއް ވިއްޔާ، އައިސް އަނބުރައި ނަގާށެވެ.

އެއަށްފަހު ސާޢިދު ބުން އަމްރު އުޑާ ދިމާއަށް ދެއަތް އުފުއްލަވައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ދުޢާކުރެއްވިއެވެ. “އަޅުގެ ވެރި އިލާހެވެ. އޭނާ އަހުރެންގެ މައްޗަށް އެހަދަނީ ދޮގެއް ކަމުގައިވާނަމަ އޭނާގެ ދެލޮލުގެ ފެނުން ގެންދެވުމުގެ ކުރިން އޭނާ މަރުނުގެންނަވާށިއެވެ. އަދި އެއީ (ލޮލުގެ ފެނުން ގެއްލުމަކީ) އޭނާ މަރުވުމުގެ ސަބަބެއްކަމުގައި ލައްވާށިއެވެ." ކޮންމެއަކަސް އަރުވާ އޭނާގެ މަޤުޞަދު ހާސިލްވުމުން އެބިމުގައި ސާޢިދު ބުން އަމްރު ބިނާކޮށްފައިވާ އިމާރާތް ތަޅާލައި ގެޔެއް ބިނާކުރިއެވެ. ދެންފަހެ އަނިޔާލިބިފައިވާ މީހާގެ ދުޢާ ﷲ އިޖާބަ ކުއްވާފަދައިން އަމްރުގެ ދުޢާ އިޖާބަކުރެއްވިއެވެ. މާކަގިނަ ދުވަހެއް ނުވަނީސް އަރުވާގެ ލޮލުގެ ފެނުން ގެއްލިއްޖެއެވެ. ދެލޯކަނުވުމުގެ ސަބަބުން އުޅެން ޖެހުނީ ޚާދިމާގެ އެހީތެރިކަމާ އެކުއެވެ. ވަޅުން ފެން ގެނެސް އެނޫން ހާޖަތްތައްވެސް ފުއްދައި އުޅެން ޖެހުނީ މީހެއްގެ އެހީތެރިކަމާ އެކުއެވެ. އެއްރެއެއްގެ ދަންވަރެވެ. އަރުވާ އޭނާގެ އަޅުމީހާ އަށް ގޮވައި ގޮވައި އަޅުކަލޭގެއަށް ނުހޭލެވުނެވެ. އެންމެފަހުން އަރުވާ ނިންމީ އޭނާ އަމިއްލައަށް ގޮސް ވަޅުން ފެންފުރުމަށެވެ. ނަމަވެސް އެވަޅުވީ އޭނާގެ ގަބުރަށެވެ. ސާޢިދު ބުން އަމްރު ދުޢާކުރެއްވި ފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާ އެދުޢާ އިޖާބަކުރެއްވިއެވެ. ލޯއަނދިރިވުމަކީ އަރުވާގެ މަރުގެ ސަބަބު ކަމުގައިވެ، ވަޅުތެރެއަށް ވެއްޓި އޭނާ މަރުވީއެވެ.

މަސްދަރު: ޖެމްސް އެންޑް ޖެވެލް / އަބުދުލް މާލިކު މުޖާހިދު