(ލިޔުނީ: މަމްދޫޙު އިބްރާހީމް (ވިހި ވަނަ ބައި / 09 މެއި 2023ގެ އަދަދާގުޅޭ)

އެހެންނަމަ ވެސް ފޮތުގެ ވާހަކަ އެއްވެސް މީހެއްގާތުގައި ނުދައްކާނެ ކަމަށް އޭނާގެ ހިތަށް އެރިއެވެ. ހީކުރީ ފަހަރުގައި މިފޮތުގައި ލިޔެފައިވާ އެއްޗެއްގެ އިލްމު އުނގެނުމަށް ފުރުސަތެއް ލިބިދާނެކަމުގައެވެ. މިގޮތް ނޭނގޭ ފޮތް އެއްކޮޅުން އަނެއްކޮޅަށް ބަލައި ހެދިއެވެ.

އޭގައި ފާޑުފާޑު މީހުންގެ ސޫރަކުރަހާފައި އެބަ ހުއްޓެވެ. އަދި ގޮތްގޮތަށް ހުރި އެކިފާޑުގެ ފާހަގަ ތަކެއް ވެސް ކުރަހާފައި އެބަހުއްޓެވެ. އެކުރަހާފައިވާ އެއްޗެހީގެ މާނަ އަދި ފޮތުގެ ލިޔެފައިވާ އެއްވެސް ބަހެއްގެ އަދި އެއްވެސް ކުރެހުމެއްގެ މާނައެއް ކުޑަކޮށް ވެސް އަލީތަކުރުފާނަކަށް ދެނެގަންނާކަށް ނޭނގުނެވެ.

އެފޮތަށް ބަލައިލި އިރު އޭގައި ލިޔެފައި ކުރަހާފައި އެހެރީ ވަރަށް ތަފާތު ފާޑެއްގެ ދެއްޔަކުންނެވެ. އަނެއްކާ އެއީ ލޭ ބޭނުންކޮށްގެން ލިޔެފައިވާ ފޮތެއްނޫންބާ!.

ފޮތް ހުޅުވައިގެން ގަނޑުތައް ބަލާއިރު ފޮތުން ވަރަށް ނުބައި ވަހެއް ވެސް އެބަދުވައެވެ. ހީވަނީ މަރުވެފައިވާ އެއްޗެއްގެ ކުނި ވަސް ދުވާހެންނެވެ. މިފޮތަކީ ކޮންމެ އެއްޗެއްކަމުގައި ވިޔަސް ފޮތް އޮތް ވާހަކަ އެކަކު ގާތުގައި ވެސް ނުބުނަން އަލީތަކުރުފާނު ހުރީ އަޒުމެއް ކަނޑައަޅައިގެންނެވެ.

*** *** ***

އެރޭގެ ދަންވަރުގެ ވަގުތެކެވެ. ރެއަކީ ކަޅުފޮއި ރެއެކެވެ. ރަށުގެ އެންމެން އިޝާނަމާދަށް ފަހު ކައިގެން ތިބޭނީ ނިދާށެވެ. އެއްވެސް މީހަކު ރަށުތެރެއަކަށް ނިކުމެއެއް ނޫޅެއެވެ.

ރަށުގެ އެންމެން ވެސް ތިބީ ނިދާފައެވެ. ފަތިސް ނަމާދުގެ ބަންޤީގެ އަޑަށް ނޫނީ އެއްވެސް ބަޔަކު ތެދުވެ ނަހަދާނެއެވެ. އަލީތަކުރުފާނު އޮތީ ވަރަށް ގަދަނިދީގައި ނިދާފައެވެ. ކުއްލިގޮތަކަށް އަލީތަކުރުފާނުގެ ގޭގެ ގޯތިތެރޭގައި ވައި ބާރުވާން ފެށިއެވެ. ހީވަނީ ވިއްސާރަ ވިލާގަނޑެއް ނަގައި ބޮޑު ތޫފާނެއް އަންނަން އުޅޭހެނެވެ.

ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭވެހެން ފެށިއެވެ. ގަދަނިދީގައި ނިދަންއޮތް އަލީތަކުރުފާނަށް ލިބުނު ކުއްލި ސިހުމާއެކީގައި ނިދިން ހޭލެވިއްޖެއެވެ. އޭނާއަށް ހޭލެވުނީ އޭނާގެ ޖިފުޓީގެ ދޮރަކަށް ބަހައްޓާފައިވާ ޓިނުގަނޑުގައި ވަރަށް އެއްޗެހިތަކެއް ބާރަށް ތެޅޭއަޑަށެވެ. ހީވަނީ ޓިނުގަނޑަށް ބޭރުންބަޔަކު އައިސް އޮއްގާ އުކާހެންނެވެ. ބޭރުގައި ވައިގެ އަޑު ވަރަށް ތޫލިކޮށް އެބައިވެއެވެ. ގޯތިތެރޭގައި އަޑުގަދަކަމުން ހީވަނީ ބޮޑު ހަނގުރާމައެއްކުރަން ބަޔަކު އައިސްގެން އުޅޭހެންނެވެ.

އަލީތަކުރުފާނު ނިދިންހޭލައި ބަޔަކުމީހުން ދަންވަރު އޭނާއަށް އުނދަގޫކޮށް ދުއްޕާން ކުރަނީ ކަމަށް ހިތައި ޖިފުޓީގެ ދޮރަށްހުރި ޓިނުގަނޑު އެއްކައިރި ކޮށްލައި ގޯތީގެ ތެރެއަށް ބޯދިއްކޮއްލިއެވެ.

މާތްކަލާތްކޯ! އެއުޅެނީ ކޮންމެހެން ވާރޭވެހިގެންނެއް ނޫނެވެ. ގޯތިތެރޭ ބަނބުކެޔޮގަހާ ދިމާލުން މަތީގައި ބޮޑު ކަޅު ދުންގަނޑެއް ފަދަ އަޅިހުދު ކުލައެއްގެ ފުސްބުރައިފައިވާ އެއްޗެއް އެބަހުއްޓެވެ.

އަނެއްކާ މިއީ ކޮންއެއްޗެއްބާ؟ އިރުކޮޅަކުން މިފެނުނު ދުންގަނޑުގެ ތެރެއިން ވަރަށް ބާރުގަދަ އަޑުފަށް ގަނޑަކާއެކު ބޮޑު ހޮނެއް އެޅިއަޑު އިވިއްޖެއެވެ. އަދި އަލިފާން ކަނި ވެސް މުޅިހިސާބު ގަނޑަށް ފެތުރި ކަނި ބުރައިގެން ގޮސްފިއެވެ.

އަލީތަކުރުފާނު ގަންނާކުރެއްވި ބިރުން ޖިފުޓީގެ ޓިނުދޮރު ލައްޕައި ގޮސް އޭނާގެ އެނދުމަތީގައި އޮތް ކުނާގަނޑު ނަގައި ބޮލުގައި ކުނާގަނޑު އަޅައި އޭގެ ދަށަށް ވަދެއްޖެއެވެ.

މިއީ ވިއްސާރައިން ވާކަމެއްނޫނެވެ. އަލީތަކުރުފާނަށް އެފެނުނީ ޖިންނީގެ ކުޅިގަނޑެކެވެ. ނުވަތަ އެއީ ބޮޑު ދެޔޯއެއް ނޫން ބާ؟. މިހެން އަލީތަކުރުފާނު ވަރަށް ބިރުން އިންދާ ޖިފުޓީގެ ދޮރަކަށް ހުރި ޓިނުގަނޑު ވިއްސައިގެން ބޭރަށް ހިނގައްޖެއެވެ. ދެން ޖިފުޓީގެ ދޮރު މައްޗަށް ބޮޑު ކަޅު ހިޔަންޏެއް އަތުވެއްޖެއެވެ. އެހިޔަނީ ގެ ސިފަހުރީ މީހަކު ސިފަވާ ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް ބޮލުގައި ތިންދަޅު ފަޅައިފައި ހުއްޓެވެ. އެހިޔަނީ ގެ ލޯ ހުރީ އަނގުރު އަލިފާންކޮޅެއްހެން ރަތްކުލައިން ދިއްލިފައެވެ.

މިވަގުތު އަލީތަކުރުފާނު ބިރުންގޮސް ހޭނެތިއްޖެއެވެ. ކުޑައިރުކޮޅެއް ވީފަހުން އަލީތަކުރުފާނު ހޭއަރައިފިއެވެ. އޭނާ ހުރީ ވަރަށް ގަދަޔަށް ހުން އައިސް ހީކަރު ވައިގެން ފައެވެ. އެއީ އަލީތަކުރުފާނު ބިރުގަންލެއް ބޮޑުކަމުން ވީގޮތެކެވެ.

އަލީތަކުރުފާނަށް މިރޭ ބަދިގެ ފަރާތަށް ފެންބަނޑިޔާ ދޮށަށް ފެންފޮދެއް ވެސް ބޯލަން ދާކަށް ނުކެރޭނެއެވެ. އޭނާއަށް ހޭވެރިކަން ވީއިރު ޖިފުޓީގައި ހުރި ޓިނުދޮރެއް ހަމަ ރަނގަޅަށް ވެސް ނެތެވެ. ކުރާނެ އެއްވެސް ކަމެއްނެތެވެ. މިރޭ ކަނޑުން ފުރޭތައަރައި އޭނާ ރޮލައި ކެއަސް ޖެހޭނީ މިހެން ޖިފުޓީގެ ތެރޭގައި ބިރުން އިންނާށެވެ.

މިހާރު އޭނާއަށް ކުރިންއެފެނުނު ކަޅު ހިޔަނި ފެންނާކަށް ނެތެވެ. އެހެންނަމަ ވެސް އަލީތަކުރުފާނު އިނީ ވަރަށް ބިރުންނެވެ. އޭނާހުންގަދަވެ ބޮލުގައި ވެސް ވަރަށްބޮޑަށް އެބަ ރިއްސައެވެ. އަލީތަކުރުފާނު އެހެން ހުމާއިނދެ ކުޑަކޮށް އެބަ ތާއްޔަށް ޖެހެއެވެ. އެހެން ނިދި ތާއްޔާ ޖެހެމުން ވަރުބަލިކަންމަތީ އޭނާއަށް ނިދުނީކަމެއް ނުވަތަ ހޭނެތުނީކަމެއް ނޭނގެއެވެ.

ހަގީގަތުގައި އަލީތަކުރުފާނަށް މިހާރު އެއޮތީ ދެބަދޭތެރޭގައެވެ. މިހެން އޮއްވައި އޭނާގެ ގާތަށް މީހަކު އައިސް ވާހަކަތަކެއް ދައްކަން ފަށައިފިއެވެ. އެމީހަކު ހުރީ ވަރަށް ބިރުވެރި ފާޑަކަށެވެ. އެމީހާ ގެ ހަށިގަނޑު ހުރީ ވައްތަރެއް ގެ އޮލަތަކެއް ފައިބައިފައި ހުރި ދިޔަތަކެއް އުނގުޅާފައި ހުންނަ ކަހަލަ ހުޅުނބު ތޮށި ފާޑުގެ އެއްޗެއްފަޅާފައެވެ.

ހީވަނީ ނުބައި ބައްޔެއް ޖެހިފައިހުރި މީހެއްހެންނެވެ. އެމީހާގެ ބޮލުގެ ދެފަރާތުގައި ދެދަޅު ފަޅައިފާ ހުރިއިރު ބޮލުގެ ފުއްކިބާގައި ވެސް ހުރީ ބޮޑު ދަޅެއްފަޅައި ފައެވެ. އެމީހާގެ ދެއަތް ވެސް ހުރީ އޭނާގެފައިގެ ކަކުލާހަމައިން ތިރިވާހާ ދިގުކޮށެވެ.

އެމީހެއްގެ ދެއަތުގައި ވެސް އުޅަނބޮއްޓެއް ނުހުރެއެވެ. އެ އެއްޗެއްގެ ދެ އަތުގެ އިނގިލިތައް ވަރަށް ދިގެވެ. އަދި ކޮންމެ އަތްތިލައެެއް ގައި ތޭރަވަކަށް އިނގިލި ހުއްޓެވެ. އަދި އެމީހާގެ ދެފައިތިލަ ހުރީ ބޮޑު ބިޔަ އެތެއްގެ ދެފައިހެންނެވެ. ފައިގެ ނިޔަފައްޗާއި ފައިގެ ފަލަމިނާއި ފުޅާމިން ވެސް ހުރީ ބޮޑު އެތެއްގެ ފައި ހެންނެވެ. މި މީހަކު އައިސް ވަރަށް ކުރަކި އަންހެން ފިރިހެން ދެވައްތަރުގެ އަޑު އެއްވެފައިވާ ކަހަލަ އަޑަކުން އެބަބުނެއެވެ.

"އަލީތަކުރާ މިހާރު މިއޮތީ ކަލެއާ ޖެހިފަ............"

"މިވީހާ ގަރުނުތަކާއި އަހަރުތަކައް މިމަޑުކުރަން ޖެހުނީ މީހަކުމިކަމާ ހަވާލުވަންދެން..."

"ކަލޭ މިފޮތުން ބަލައިހޯދާ...."

"ކަލެއަށް އެނގުނު އެއްޗެއް މިފޮތުން ދަސް ކުރޭ...."

"ނަމަ ނަމަ އެހެންމީހަކު ތިފޮތުގާ އަތްލިޔަ ނުދޭތި...."

"ކަލެއާ ކަލޭގެ ލޭހިނގާ މީހަކު ނޫން އެހެންމީހަކު ތި ފޮތުގައި އަތްލާފިނަމަ އެމީހަކަށް ބޮޑު ބައްޔެއް ޖެހޭނެ...."

"ކަލޭނޫން މީހަކާ ތި ފޮތް ހަވާލު ނުކޮށް ކަލޭ ތިފޮތުގެ ބޭނުން ހިފާ....."

"ކަލޭގެ ދަރިފަސްކޮޅުގެ އެންމެ ފަހުމީހާއާ ޖެހެންދެން މިފޮތް ދާނީ ވާރުތަވަމުން....."

"ކަލެއާ ދެކޮޅުހަދައިފި މީހެއްގެ ދުވަސް ދުއްވާލާނަން...."

"ކަލޭގެ ހަށިގަނޑުގެ ލޭ ހިނގާ އެއްވެސް މީހަކަށް ގޯނާއެއްނެތް...."

"އެކަމަކު ކަލޭގެ ދަރިފަސްކޮޅުގެ ލޭ ހިނގާ އެންމެފަހުމީހާގެ އަޖަލު ޖެހެންދެން ނުވަތަ އެމީހަކު ދުނިޔެއިން މޮޔަވެގެން މެނުވީ އަހަރެންނަކަށް ދުވަހަކު ވެސް މި މުސީބާތަކުން މިނިވަންވެ ސަލާމަތެއް ނުވާނެ... "

މިހެން މި އަޑުތައް އަލީތަކުރުފާނަށް އަޑުއިވޭއިރު އޭނާއަށް ދެބަ ދޭތެރެއިން މީހަކު ނުވަތަ ހިޔަންޏެއް ފެންނަން އުޅޭހެން ހީވެއެވެ. އެމީހަކު އެހެން ވާހަކަ ދައްކަން ހުރެފައި ކުއްލި ކުއްލިއަށް އެމީގެ ބޯ އަނެއްފަޅި އަށް ފަހަތަށް ހުރި ގޮތަށް އަނބުރާލައެވެ.

އެހެންނަމަ ވެސް އެމީހާގެ ބޮލުގެ ފަހަތުގައި ވަރަށް ބޮޑު ވަށް ކޮށް ހުރި ލޮލެއް ފަޅާފައިވާތަން ދެބަދޭތެރޭގައި އޮތް އަލީތަކުރުފާނަށް ފެނެއެވެ. އަދި ވަރަށް ނުބައި ކުނިވަހެއް ނޭފަތުގައި ޖެހޭހެން ވެސް ހީވެއެވެ. އަނެއްބައި ފަހަރު ބިލެެތް ޗިސް ކުރީމައި ދުވާކަހަލަ ޒަވި ވަހެއް ދުވާހެން ވެސް ހީވެއެވެ. ބިލެއްފަތުގެ ވަސް ދުވަދުވާ ހުރެފައި އަނެއްކާ ވެސް ދިރޭ އެއްޗެއް މަރުވެ ފުޅަ އެޅީމައި ދުވާކަހަލަ ނުބައި ވަހެއް ދުވައެވެ. ހަމަގައިމުވެސް އެއީ މޭނުބައި ވާކަހަލަ އެއްޗެއް ކުނިވެ ފުޅައެޅީމައި ދުވާކަހަލަ ކުނި ވަހެކެވެ. ދެން އަލީތަކުރުފާނަށް ހޭލެވިއްޖެއެވެ.

އަލީތަކުރުފާނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންޤީގެ އަޑަށެވެ. މިހާރު އޭނާ އޮތީ ދާހިއްލާ ފޯވެ އޭނާގެ ހުންގަނޑު މައިތިރި ވެފައެވެ. އޭނާއަށް ދެބަދޭތެރޭގައި ހަމަ ޔަޤީނުން ވެސް މީހަކު ޖިފުޓީގެ ތެރެއަށްް ވަދެ ކޮންމެ ވެސް ވާހަކަ ތަކެއް ދައްކައިފިކަން ކަށަވަރެވެ. މުޅިޖިފުޓީގެ ތެރެއިން ދުވަނީ ހިކަނދިފާޑު ގެ ޖަނަވާރެއް މަރުވެގެން ފުޅަ އެޅީމައި ދުވާކަހަލަ މޭނުބައި ކުރާ ކުނިވަހެކެވެ. އެދުވާ ކުނިވަހުގެ ސަބަބުން އަލީތަކުރުފާނު އިންތަނަށް ހޮޑުވެސް ލައިފިއެވެ.

އަލީތަކުރުފާނަށް ފާހަގަ ކުރެވުނީ މީހެއްގެ ފިޔަވަޅު ތަކެއް ބިންމައްޗަށް ވަދެފައި ހުރި ގޮތަށެވެ. އެފިޔަވަޅު ތައް ހުރީ ވަރަށް ބޮޑަށް ވެލިގަނޑު ތެރެއަށް ގަނބައިގަނެ އަޑިއަށްވަދެފައެވެ. މުޅި ޖިފުޓީގައި ވަރަށް ބައިވަރު ބޮޑެތި ކުރަފިތަކެއް ދުވެހަދާ ތަންވެސް އަލީތަކުރުފާނަށް ފެނެއެވެ. އަލީތަކުރުފާނަށް އޭނާއަށް މިފެނުނީ ހުވަފެނެއްނޫންކަމާއި މިއީ އަސްލަށް ވެސް އޭނާގެ ޖިފުޓީގެ ތެރެއަށް ވަންމީހެއް ގެ ނިޝާންތަކެއްކަން މިހާރު ޔަޤީންވެއްޖެއެވެ.

އަލީތަކުރުފާނަށް އެކަމަކު ޔަޤީން ކުރެވެނީ މިއީ އިންސާނެއްގެ ކަމެއް ނޫންކަމާއި ޖިންނީގެ ކަމެއް ނުވަތަ ހަންޑި އެއްކަހަލަ އެއްޗެއްގެ އަވާގައި ޖެހުނީ ކަމަށެވެ. މިފާޑުގެ އެއްޗެހި ތަކެއް އަލީތަކުރުފާނު ގެ ހިތަށް އަރުވައި އޭނާ ތެދުވެގެން ޖިފުޓީގެތެރެއިން ބޭރަށް ނިކުމެއްޖެއެވެ. އަލީތަކުރުފާނު ނިންމީ މިހިނގާދިޔަ ބޮޑު ހާދިސާގެ ވާހަކަ އެއްވެސް މީހެއްގާތު ނުދެއްކުމަށެވެ.

އަލީތަކުރުފާނަށް އެނގޭހާ ވެސް ކަމަކީ އޭނާއަށް ގޮތްނޭނގޭ އެއްޗެއް މިހާރު އޭނާގެ ފަހަތުގައި އޭނާގެ އަމިއްލަ ހިޔަނި ފަދައިން އަބަދުމެހެން އުޅޭކަމެވެ. ބައެއް ފަހަރު އަލީތަކުރުފާނުގެ އަމިއްލަ ހިޔަނި ވެސް އޭނާގެ އަމިއްލަ ހަރަކާތް ކުރާގޮތްނޫން އެހެންގޮތްގޮތަށް ކުރާހެން ހީކުރެވެއެވެ.

*** *** ***

ދުވަސްތައް ފާއިތުވަމުންގޮސް އަލީތަކުރުފާނު ކައިވެންޏެއް ކޮށްފިއެވެ. އޭނާ ކައިވެނިކުރީ އާޤިސާ ކިޔާ އަންހެނަކާއެވެ. މިދެމަފިރިންނަށް ދަރިޔަކު ވެސް ލިބިއްޖެއެވެ.

މިދެމަފިރިންނަށް ފުރަތަމަ ލިބުނު ދަރިފުޅު ފިޔަވައި ދެންލިބޭ ކޮންމެ ކުއްޖަކުވަނީ މަރެވެ. ނުވަތަ އާޤިސާ ބަލިވެ އިންނަތާ ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ބައިގެން ދަނީއެވެ. އަލީތަކުރުފާނު ވަނީއޭނާގެ އަންހެނުންނަށް ނުފެންނަ ގޮތައް އެއްކަލަ ގުޅިއާއި ފޮތް އަބަދު ވެސް ފޮރުވައި ރައްކާ ކޮށްފައެވެ. މިފޮތް އޮންނަކަމެއް އާޤިސާ އަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

ގުޅިފޮރުވާފައި ބަހައްޓާފައި ހުންނަނީ ޖިފުޓިގަނޑާ މާދުރުނޫން ހިސާބެއްގައި ހުންނަ ފަން ބަދިގެ އެއްގެތެރޭގައި ހުންނަ ކުޑަވަރެއްގެ ބިންގަރާހެއްގައެވެ.

މި ބިންގަރާސް އެކީ ހުންނަ ތަނެއްކަމެއް އެއް އިރެއްގައި ވެސް އާޤިސާއަކަށް ނޭނގެއެވެ. އަލީތަކުރުފާނު ހުންނަނީ ގުޅި ބިންގަރާސްތެރެއަށް ލައި އެތާމަތީގައި ފިލާގަނޑެއްއަޅައި ބަންދުކޮށްފައެވެ. އަދި އޭގެ މަތީގައި ބައިވަރު ބޮންބާއި ނާށި ފުރެންދެން އަޅައި ނިވައިކޮށް ފޮރުވާފައެވެ.

އެއް ދުވަހެއްގައި އާޤިސާ ބަދިގެ ތެރެއަށް ވަދެ އެތަންކުނިކަހާ ސާފުކުރަން އުޅުމުގެ ތެރޭގައި ބޮނބިތަކާއި ނާށިތައް ގޯންޏަކަށް އަޅަން އެތަކެތި އެތަނުން ނަގައި ދުރުކޮށް ހަދަނިކޮށް ކުޑަ ބިންގަރާހު ގެ މަތިގަނޑު އަޅާފައިވާ ފިލާގަނޑު ފެނިއްޖެއެވެ.

މިއީ އަދި އާޤިސާ އަށް ކޮންއެއްޗެއްކަމެއް ނުއެނގުނެވެ. ފިލާގަނޑު ނެގިއިރު ފެނުނީ ވަޅުގަނޑެކެވެ. އަދި އެވަޅުގަނޑުގައި އޮތް ގުޅިއެއް ފެނިއްޖެއެވެ. މިކަމާ އާޤިސާ ވަރަށް ހައިރާންވިއެވެ. އާޤިސާ އަށް ހީކުރެވުނީ މިއީ އަލީތަކުރުފާނު އޭނާ އަށް ފޮރުވައިފައި ހުރި ރަންގުޅިއެއް ކަމަށެވެ.

ނުވަތަ އަލީތަކުރުފާނު މީހެއްގެ މުދާގަނޑެއް ވަގަށްނަގައިފައި ހުރިކަމަށެވެ. މިގުޅި އެތަނުން ނަގައި ގުޅީގެ ތެރެއަށް އަތްބާނައި ނެގީ ޒާތެއްގެ ފޮތެއްފާޑު އެއްޗެކެވެ. މިއެއްޗެއްނަގައި މިއާދިމާލަށް ބަލަހައްޓައި އޭނާއަށް ޝައްކު ކުރެވެމުން އައީ މިވާނީ އަލީތަކުރުފާނު އަނެއްކާ މީހެއްގެ މުދާގަނޑު ހަމަ ރަނގަޅަށް ވެސް ވަގަށް ނަގައިގެން ގެނެސް ފޮރުވައިފައި އޮތީކަމަށެވެ.

ބޮޑު ލޮއިގަނޑެއްހެން އޮތް ފޮތެއްފާޑު އެއްޗެއްނަގައި އެހުޅުވައި ލިޔެފައިހުރި ތަންދޮރު ވަކިނުވާ ނޭނގޭ އެއްޗިހިތަކެއް ފެނި އެއިން ނުބައިވަހެއް ދުވާތީ މިއެއްޗަކީ ބޭނުންހިފޭނެ އެއްޗެއް ނޫންކަމަށް ހިތައި އާޤިސާ ފޮތް ނަގައި އެއްލައިލީ ބަދިގޭ ކުނިކަހައިފައި ހުރި ކުނިތަކުގެ ތެރެއަށެވެ. އަދި އާޤިސާ އެ ފޮތުގައި އަތްލީފަހުން އޭނާ ކުނިނަގަން އޮތް އިރުގައި ދެ އަތް ވަރަށް ބޮޑަށް ކަހަން ފެށިއެވެ.

އެފޮތް ނަގާ އެއްލާލިތާ ގިނައިރެއްނުވެ ބަދިގޭ ދޮރުމައްޗަށް ވައިރޯޅިއެއް ޖެހުނު ފަދައިން ކަޅު ކުލައިގެ ނަގޫރޯޅިއެއް އަތުވެއްޖެއެވެ. މި ނަގޫރޯޅި ބޮޑު ކަޅުހިޔަންޏަކަށް ބަދަލުވިއެވެ. އާޤިސާ ބިރުން ހަޅޭ ލަވައިގަންނަން އަނގަހުޅުވައިލި އިރު އެހިޔަނި އެއައި ގޮތަށް އައިސް އާޤިސާ ގެ ކަރުގަ ހިފައި ފިއްތާ ބާރުކޮށްްލައި ނޭވާލުމަށް ދަތިކޮށްލިއެވެ.

އާޤިސާގެ ދެލޮލަށް ބާރުވެގެން ގޮސް ދެލޮލުގެ ގޮބޮޅި ބޭރަށް ވެއްޓިއްޖެއެވެ.

(ނުނިމޭ)