އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އާފްތާބް ޝިވްދާސްނީ "ލޯބިވެވިއްޖެ'' ބަލަން ރާއްޖެއަށް

މިހާރު އޮލިމްޕަހުގެ ރިހި ސްކްރީނުގައި ދައްކަމުން އަންނަ ދިވެހި ފިލްމް ''ލޯބިވެވިއްޖެ'' ބަލާލުމަށް އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އާފްތާބް ޝިވްދާސްނީ ރާއްޖެ އައިސްފިއެވެ.

އާފްތާބްގެ މި ދަތުރަކީ ''ލޯބިވެވިއްޖެ'' ގެ ޓީމްގެ ފަރާތުން އޭނާ އަށް ދިން ދައުވަތަކަށް އެ ފިލްމު ބަލާލުމަށްޓަކައި އައި ދަތުރެކެވެ. މިހާރުވެސް އޮލިމްޕަހުގައި ކާމިޔާބު ޝޯވތަކެއް ދައްކަމުން އަންނަ ''ލޯބިވެވިއްޖެ'' ބަލާލުމަށް އާފްތާބް ރާއްޖެ އައިސްފައި ވަނީ މިއަދުގެ މެންދުރެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އަފްތާބް އަށް މަރުޙަބާ ކީ ފިލްމްގެ ޕްރޮޑިއުސަރުން ކަމަށްވާ ޝާނީޒް ޢަލީ އާއި އާމިނަތު ޝަނާޒްގެ އިތުރުން ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.

ފޮޓޯ: ޝައްފަ/ ހަލިނޫސް

އެއަރޕޯރޓްގައި ހުންނަވައި މީޑިއާ އަށް މަޢުލޫމާތު ދެމުން އާފްތާބް ބުނީ އޭނާ ރާއްޖެ އައީ "ލޯބިވެވިއްޖެ" ބަލަން ކަމަށެވެ. އަދި އެއްވެސް ހާއްސަ އިތުރު ޕްލޭނެއް ރާވާފައި ނެތްކަމަށެވެ. އެހެންނަމަވެސް ފިލްމު ބެލުމުގެ ތެރެއިން ކޮންމެވެސް ކަމެއް ފަހަރެއްގައި ރޭވިދާނެ ކަމަށްވެސް އާފްތާބް ބުންޏެވެ.

ފޮޓޯ: ޝައްފަ/ ހަލިނޫސް

''ލޯބިވެވިއްޖެ'' ޓީމުން ބުނީ އަފްތާބް، އޮލިމްޕަސް ސިނަމާއިން، ފިލްމު ބަލަންދާ ދިވެހި އޯޑިއެންސާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ: ޝައްފަ/ ހަލިނޫސް

ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެއް. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީ ގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާ ގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، ޢަލީ ޢާޒިމް (ދޮން އައްޔަ އަދި ޢަބްދުﷲ ޝާފިޢު (ފުބޫ)ގެ އިތުރުން އަދިވެސް އެތައް ހާއްސަ ފަންނާނުން ހިމެނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ) އެވެ.

ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަންއެވެ.