އިންތިގާލީ އިންސާފުގެ ބިލު ތަންފީޒުކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއްހާސް އަހަރު ވަންދެން އޮންނަންވަންޖެހޭނީ ޖަލުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކުރުމަށް އެކުލަވާލި ޤާނޫނެކެވެ.
އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރުހައްދުގައި "ވިސްނާ" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަލީމް ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލް މި ސަރުކާރުން ވަކި ބަޔަކަށް އަމާޒުކުރި ޤާނޫނެއް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި އެ ބިލް ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެގޮތުން އެ ގާނޫނުގެ ދަށުން 3 ނޮވެންބަރު 1988 ގައި ޝަހީދުވި ބަތަލުންގެ އާއިލާތަކަށް ވެސް އިންސާފް ހޯދައި ދެވޭނެ ކަމަށް ޖަމީލް ވިދާޅުވީ އެވެ.
ކުރިން ވިދާޅުވީ ދިގުމުއްދަތަކަށް ނަޝީދު ޖަލަށްލެވޭނެ ވާހަކަ ނަމަވެސް މިރޭ ވިދާޅުވެވެން އޮތީ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުވެއްޖެނަމަ ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައިސް މުޅި ނިޒާމު ފުޑުފުޑުކޮށް ރާއްޖޭގެ ދުސްތޫރު ނެތިކޮށްލާފައި ވާކަމަށެވެ. މިއަދު ރާއްޖޭގެ ޖުޑީޝަރީއަކީ އެމްޑީޕީން ބޭނުންގޮތަކަށް އަމުރުނެރެ ވަކި ބަޔަކަށް އިންސާފު ގާއިމްކުރެވޭ ގޮތަށް އެކުލަވާލާފައިވާ ނިޒާމެއްކަމަށެވެ.
ޖަމީލް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ބަހަނާއަކީ މެޖޯރިޓީ ނެތުންކަމަށް ނަމަވެސް ރައްޔިތުން މިސަރުކާރަށް ވެރިކަމުގެ ނިޒާމާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުންވެސް ރައްޔިތުންގެ ހާލަތު ނިކަމެތިވުން ނޫންކަމެެއް މިސަރުކާރަށް ކުރެވިފައި ނުވާކަމަށެވެ. މިއަދު މެޖޯރިޓީން ކަރަންޓު ކަނޑާލައި، ރައްޔިތުން ބިކަހަލާއިކުގައި ޖައްސައި ނުހައްގުން އެތައް ބަޔަކަށް އަދަބު ދެމުންދާކަމަށެވެ.
މިއަދު ރާއްޖޭގެ ޖުޑީޝަރީއަކީ އެމްޑީޕީން ބޭނުންގޮތަކަށް އަމުރުނެރެ ވަކި ބަޔަކަށް އިންސާފު ގާއިމްކުރެވޭ ގޮތަށް އެކުލަވާލާފައިވާ ނިޒާމެއް ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.