(ލިޔުނީ: މަމްދޫޙު އިބްރާހީމް (އެކާވީސް ވަނަ ބައި / 13 މެއި 2023ގެ އަދަދާގުޅޭ)

ހަވީރުގެ ވަގުތެކެވެ. އަލީތަކުރުފާނު ގެއަށް އައީ މުށިމަސްކޮޅެއް މުޅޯށިގަނޑަކަށް އަޅައިގެންނެވެ. އަދިގޭތެރެއަށް ވަދެ އާޤިސާއަށް ގޮވައި އެބަހޯދާއެވެ. އާޤިސާގެ އެއްވެސް އަޑެއް ނީވިގެން ހީކުރެވުނީ އަނެއްކާ ދަރިފުޅު ހަސަންމަނިކު ގޮވައިގެން އެދުރުބޭ ގެއަށް ދިޔައީ ކަމަށެވެ.

އަލީތަކުރުފާނު މަސް މުޅޯށި ހިފައިގެން ދިޔައީ ބަދިގެ ފަރާތަށެވެ. އަސްތާ ކަމަކުދާކައްނެތެވެ. އެއްކަލަ ގުޅި އެހުރީ ނަގައި ވެއްޓި ފުރޮޅިފައެވެ. އޭގެ ތެރޭގައި އޮތް ފޮތް އޮތީ ބަދިގޭ ކައިރީގައި އެއްކޮށްފައިހުރި ކުނިތަކުގެ ތެރޭގައެވެ. އަލީތަކުރުފާނު ބަހައްޓައިފައިވާ ބޮނބިތަކާއި ނާށިތައް އެހެރީ ހާވައި ނަގައިފައެވެ.

އަދި އޭނާ ފޮރުވައިގެން އުޅުނު ބިންގަރާސް އެހެރީ އޭގެ މަތިގަނޑު އަޅާފައި ހުރި ފިލާގަނޑު ނަގައި ހާމައަށެވެ. އަދި ހުރިހާ ކަމަކަށް ވުރެ ބިރުގަތީ އޭނާގެ އަނބިމީހާ އާޤިސާ އޮތީ މުޅިގައިން ހަން ނޮޅައި އުނަގަނޑު އެއްކޮށް އަނެއްފަރާތައް އަނބުރައިފައެވެ.

އޭނާ އޮތީ މަސް ވަަޅޯކުރަން ހަދާފައިވާ ފުއްޑަނުމަތީގައި ހުރި ދުމަށިމަތީގައި އެކޮޅުކޮޅުން އެލުވައިފައެވެ. ލެ އާ ތަތްތެޅިގެން ގޮސް އާޤިސާ ގެ ރޯ މިނި މަސްގަނޑުގައި ކުނަމެހި ބުރަނީއެވެ. ފުއްޑަނުގެ ތެރެއިން މީދަލާއި ހޯނު އަރައި އެރޯ މިނިމަސްގަނޑު ވަށައިގެން ކަނީއެވެ. އާޤިސާ ގެ ދެލޯ ހުރީ ކޮނެލާފައެވެ.

\މާގިނައިރު ތަކެއްނުވެ އަލީތަކުރުފާނު ހަދާނެ ގޮތް ހުސްވެގެން ބޮލުގައި އަތްއަޅައި ރޯން ފެށިއެވެ. އެހެންމީހެއް ގެ ގާތުގައި މިވާހަކަ ދައްކަން ނުކެރިގެން ހާސްކަން މަތީހުރެ ހިތައް އެރީ އަނެއްކާ ރަށު ރަތްޔިތުން އަލީތަކުރުފާނު ބޮލުގައި އޭނާގެ އަންހެނުން ހައްޤުން ކަމަކައި ނުލައި އަނިޔާވެރި މަރަކުން މަރާލިކަމުގެ ތުހުމަތާއި އިލްޒާމް އަޅުވައިފާނެ ކަމުގައެވެ. ނުވަތަ އޭނާ ގެ އަންހެނުން ކަތިލައިގެން ކައިފިޔޭ ވެސް ކިޔައިފާނެއެވެ.

އަލީތަކުރުފާނުގެ ސިނކުޑީގައި މިހެން އެކި ޒާތް ޒާތުގެ އެކި ވަހުމްތަކެއް ބޮލުގައި އެބުނރި ހިތަށް ބައިވަރު އެއްޗެހިތަކެއް ޖަމާވެ އަރަމުން ދިޔައެވެ. މިހެން ހުއްޓާ މުޅި ބަދިގެ ތެރެއަށް ދުންފިނިތަކެއްވަދެ ވާނުވާނޭނގޭ ވަރު ވެއްޖެއެވެ. އަލީތަކުރުފާނު މީގެކުރީގައި ދެބަދޭތެރޭގައި ފެނުނު މުޑުދާރު ހުތުރުސިފައިގައި ހުރި ކަޅުހިޔަނި މިދުންގަނޑު ތެރެއިން ފެނިއްޖެއެވެ.

މި އެއްޗެއް ހުރީ އަލީތަކުރުފާނަށް ފެންނަގޮތަށް ބިރުވެރި ސިފައެއްގައެވެ. އޭތީގެ ބަރު އަންހެން ފިރިހެން ބިރުވެރި ކުރަކި އަޑުން ބުންޏެވެ.

"އަލީތަކުރާ މިއޮތީ ކަލެއާ ޖެހިފަ.."

"ކަލޭގެ ލޭ ހިނގާ މީހަކު ނޫންމީހަކު މިފޮތުގައި އަތްލައި ބޭނުންހިފަން އުޅެފިއްޔާ ދުވަސް ދުއްވާލާނަން."

މިގޮތަށް ބުނެފައި އެކަޅުހިޔަނި ބޮޑު ކަށިބިޗޫ އައިނަކަށް ވެގެން ބަދިގޭ އެތައްމިތަނަށް ބެހިގެން ފެތުރިގެން ހިނގައްޖެއެވެ. އަލީތަކުރުފާނަށް މި ވީގޮތް މިއެނގުނީ އަދި ކިރިއާއެވެ. އަލީތަކުރުފާނަށް މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުބުނެ އެކުޑަ ބަދިގެގަނޑުގެ ތެރެއަށް ބޯކޮށް ރުކުގެ ހިކިފަނާ ކެޔޮފީނީގައި ހުރި ފީފަތްތައް ވައްދައި އޭނާގެ މަރާލެވިފައިވާ އަނބިމީހާ އާޤިސާ އާއެކު މުޅިބަދިގޭގައި ހުޅުރޯކޮށް އަންދައި ހުލިކޮށް އަޅިއަށް ހަދައިފިއެވެ.

މި ހުރިހާ ކަމެއް ކުރުމުގެ ކުރީގައި އަލީތަކުރުފާނު ވަނީ އެއްކަލަ ގުޅިއާއި ސިހުރުފޮތް އެތަނުން ބޭރުކޮށްފައި ފޮރުވައިފައެވެ. މިހާދިސާއަށް ފަހު އަލީތަކުރުފާނު ރަށުރައްޔިތުން ނަށް ބުނީ ބޯކިބާ އަޅަން ނާށި އަންދާ ހަދައި އުޅެނިކޮށް ބަދިގެ ތެރޭގައި ހުރި ބޮނބިތަކުގައި ހުޅުހިފައިގެން ފަން ބަދިގޭގައި ރޯވީކަމުގައެވެ.

އަލީތަކުރުފާނު ގެ އަންހެނުން އާޤިސާ އެއްގޮތަކަށް ވެސް ރަށުތެރެއިން ވެސް ނުފެންނާތީ މީހުން ސުވާލު ކުރޭއެވެ. ކޮންމެ މީހެއްގާތުގައި ވެސް އަލީތަކުރުފާނު ދެނީ އެއްޖަވާބެކެވެ. ޖަވާބުގައި ބުނަނީ އޭނާގެ އަންހެނުން މިހާރުވީ އޭނާގެ ގާތުން ވަރިވެގެން އެހެންމީހަކާ އިނދެގެން އެރަށުން ވެސް ގޮސްފައި ކަމުގައެވެ.

އަދި ދިޔައީ ކޮން ރަށަކަށްކަމެއް ނޭނގޭ ކަމުގައެވެ. އަލީތަކުރުފާނު އޭނާގެ ހަމަ އެކަނި ހުރި ދަރިފުޅު ހަސަން މަނިކު އެކުއްޖާ ބޮޑުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމެއް އުޅެވެންދެން ރަނގަޅަށް ބަލަހައްޓާނެ ކަމުގެ އަޒުމް ހިތުގައި އެޅިއެވެ.

ކޮންމެ ގޮތެއް ވިޔަސް އަލީތަކުރުފާނަށް އޭނާ އަށާއި އޭނާގެ ދަރިފަސްކޮޅަށް މި އޮތީ ބޮޑުވެގެންވާ ބަލާވެރިކަމެއް މި ލޮއި ފޮތްގަނޑަކުން ލައިގަނެފަކަން އެނގިއްޖެއެވެ. މިހާރު އަލީތަކުރުފާނު ބޭނުންވަނީ އޭނާ އަތުގައި އޮތް ފޮތުގެ ހަގީގަތް ހޯދައި ބަލާށެވެ. އެފޮތުގައިވާ އެއްޗެއް ދަސްކޮށް އޮޅުންފިލުވާށެވެ. އަލީތަކުރުގެފާނު ނިދުމުގެ ކުރީގައި އަބަދު ވެސް އެކަޅުހިޔަނި މަތިން ހިތަށް އަރުވައި ނިދައިފި ކޮންމެ ފަހަރަކު ދެބަދޭތެރޭގައި އެކަޅު ހިޔަނި އައިސް ފާލުބަލާނޭ ގޮތާއި ރާހި ތަށް ބަދަލުވާނެ ގޮތާއި އަދި ފަންޑިތަސިހުރު ފަދަ ނުބައިވެގެންވާހާ ޝައިޠާނީ ކަންތައްތައް ކުރާނޭގޮތް ދަސްކޮށްދީ އޮޅުންފިލުވައިދީ ހަދައެވެ.

** ** **

އެއްދުވަހެއްގައި މެންދުރުފަހު އަލީތަކުރުފާނު ހުރީ ވަޑާމުގެ މަސައްކަތެއް ކުރާށެވެ. އޭނާ ހުރީ ފަންޑިތަ ފޮތް ހުޅުވައިގެން އެއިން ކުރަހާފައި ހުރި ކުރެހުމެއް ބަލައިގެން ފިލާގަނޑެއްގައި ވަޑާން ކައްޓަކުން އެ ކުރެހުން ކަނޑައި ނަގައި ހަދަންށެވެ. އެއްކަލަ ބޮޑުގުޅި ވެސް އެތާކައިރީގައި ހުއްޓެވެ.

އެރަށު ބަކުރުބޭ އައީ އަލީތަކުރުފާނު ގޯޗަށް ދޮންކެޔޮ އަރިއަކާއި ބަނބުކޭލެއް ލިބޭތޯއެވެ. ބަކުރުބޭ ރަތްއަކިރީ ގެ އަށް ވަދެގެން އައީ ސަލާމް ވެސް ނުގޮވައެވެ. އެހެންވެ އަވަދި ނެތި ބުރަ މަސައްކަތުގައި ހުރި އަލީތަކުރުފާނަށް އެހެން މީހަކު އެ ގެއަށް ވަދެގެން އައިކަމެއް ނުދެނަ ހުއްޓެވެ. އަލީތަކުރުފާނު މަސައްކަތުގައި ހުއްޓައި ބަކުރުބޭ އައިސް ކުއްލިއަކަށް އެހިސާބާ އަރައި ހަމަވުމުން ވަރަށް ބާރަށް ބުނެލިއެވެ.

"އަސްތާ! އަލީތަކުރާ މިޔަދު ކޮން ވަޑާމެއްގަ؟...."

މިހެން ބަކުރު ބުނެލި އަޑު އަލީތަކުރުފާނަށް އިވުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ.

ބަކުރުބޭ އަށް ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ވަޑާންކުރަން ހުރި މޭޒުމަތީ ގައި ބާއްވައިފައި އޮތް ބޮޑު ފަންޑިތަފޮތެވެ. އަލީތަކުރުފާނު އަވަސް އަރުވައިލާ އެނާ ކުރަންހުރި މަސަށްކަތް ވަގުތުން ހުއްޓާލިއެވެ. ކުއްލި އަކަށް ފަންޑިތަ ފޮތް ނަގައި އެ ގުޅީގެ ތެރެއަށްލިއެވެ. އެގެއަށް ބަކުރުބޭ އައީ ދޮންކޭލާ ބަނބުކޭލެއް ހޯދަން ކަމަށް ބުންޏެވެ.

އަލީތަކުރުފާނު މާނޭވާއެއް ލައި އެތާނގައި ހުރި ޖޯލީގައި ބަކުރުބޭ ގާތުގައި މަޑުކޮއްލުމަށް ބުންޏެވެ. ދެން އަލީތަކުރުފާނު ބޮޑުކަތިވަޅިއެއް ހިފައިގެން އެ ދިޔައީ ގޯތީ ގެ ގަސް ހައްދާފައިވާ ދިމާލަށެވެ. އަލީތަކުރުފާނު އެފަރާތަށް ދިޔުމުން ބަކުރުބޭ ދެފަރާތް ބަލައިލާފައި ސިއްރު ސިއްރުން އެއްކަލަ ގުޅީގެ ތެރެ އަށް އަތްބާނައިފައި ފަންޑިތަ ފޮތް ނެގިއެވެ.

މި ފޮތަކީ ބަކުރުބޭ އަދި ދުވަހަކު ވެސް ނުދެކޭ ފާޑު ފޮތެކެވެ. މިފޮތް ޒާތްޒާތަށް ތަޅުވައި އެފޮތުގައި ހުރި އެއްޗެއް ބަލައި ހަދަމުން ގެންދިޔައެވެ. އެއިން ނުބައި ވަހެއްވެސް ދުވިއެވެ. އަދި ވަޑާންކުރަން ހުރި މޭޒުމަތީ ބާއްވައިފައި އޮތް ފިލާގަނޑަށް ބަލާލިއެވެ.

އޭގައި ވަނީ އެކި ކުރެހުން ތަކާއި ތަފާތު ގޮތެއް ހުރި އެއްޗެއް ފިލާގަނޑުގައި ކަނޑާނަގައި އަދި ލިޔެ ހަދާފައެވެ. އަދި ބަރަހަނާ ހާލުގައި ވާ އަންހެނެއްގެ ސޫރަ ސިފަވާ ގޮތަށް ކަނޑައި ނަގައިފައި ހުއްޓެވެ. އޭގައި އެކި ގޮތް ގޮތަށް ނަވަތައިގެ އަކުރުތަކާއި ފާހަގަ ތަކެއްޖަހައި ކަނޑައިފައިހުއްޓެވެ. އޭގައި ލިޔެފައި ހުރި ބަހަކީ ބަކުރުބޭ ދަންނަފާޑުގެ ބަހެއްނޫނެވެ.

އަލީތަކުރުފާނު ގެ ފިޔަވަޅުގެ އަޑު އިވިގެން ބަކުރުބޭ އަވަހަށް އެ ފޮތް ގަނޑު އެ ބޮޑު ގުޅީގެ ތެރެއަށްލިއެވެ. އަލީތަކުރުފާނަކަށް ކުޑަކޮއް ވެސް ބަކުރުބޭ އެ ސިހުރު ފަންޑިތަ ފޮތް ނެގި ހެދި ކަމެއް ނުދެނަހުއްޓެވެ. އަލީތަކުރުފާނު ދިން ތަކެތި ހިފައިގެން ބަކުރުބޭ ހަލުވިކަމާއެކު ދިޔައީ އޭނާގެ ގެއަށެވެ. އެދިޔަ ގޮތަށް ގޮސް ބަކުރުބޭ އަންހެނުން ދޮންދަލޭކަދައިތަ ގާތުގައި މި ފެނުނު ފޮތެއްގެ ވާހަކަ ބުނެފިއެވެ.

އެވަގުތުގައި ދަލޭކަދައިތަ އިނީ ބަތްޕޮޅިއެއް ހިފައިގެން ހަނޑޫ ފޮޅަންށެވެ. ދަލޭކަ އަކީ ވަރަށް މަސައްކަތްތެރި މުރާލި އަންހެނެކެވެ. ދަލޭކަދައިތަ ހަވާދު ފުޑަން ސާމާނު ތައްޔާރުކޮއްފައި އައިސް ބަކުރުބޭ ގާތުގައި ތި ފެނިގެން އުޅޭ އެއްޗެއްގެ ވާހަކަ ކިޔައި ދޭށޭ ބުންޏެވެ. އަދި ބަކުރުބޭ އޭނާ އަށް ފެނުނު އެއްޗަކާއި ވީ ކަމެއްގެ ވާހަކަ ދަލޭކަދައިތަ އަށް ކިޔައި ދޭން ފެށިއެވެ.

އަލީތަކުރުފާނު ޒާތެއްގެ ހުތުރު ބަރަހަނާ ސިފަޔަކަށް ހުރި އަންހެނެއްގެ ސޫރަ ސިފަވާ އެއްޗެހި ތަކެއްގެ ވަޑާމުގެ މަސައްކަތުން ކުރަމުން ގެންދިޔަ ކަމުގައި ބުންޏެވެ. ބަކުރުބެއަށް އެ ފެނުނު ޒާތެއްގެ ފޮތް އޮތީ ވަރުގަދަ ބޮޑު ލޮއިގަނޑަކުން ހަދައިފައި ވާ ކަމަށާއި އެ ފޮތުގައި ހުރި ގަނޑުތަށް ބަލައިލީމައި އެއީ ޔަޤީނުން ވެސް ޖަނަވާރެއްގެ ހަން ހިއްކައިގެން ހަދަފައިވާ އެއްޗެއްކަން އެނގޭއެވެ. ބަލައިބެލުމަށް އެ ފޮތުގައި ލިޔެފައި ކުރަހާފައި ހުރި ތަކެއްޗަކީ ސިހުރުގެ ކަންތައް ގަނޑެއްކަން ބަކުރުބެއަށް ހުވާ ކޮއްފައި ބުނަން ކެރިދާނެއެވެ.

އެ އެއްޗެއްބަލައިގެން އަލީތަކުރުފާނު ސިހުރު ހަދަނީ ކަމުގައި ނުނީ ނުވާނެ ކަމުގައި ވެސް ބުންޏެވެ. އަދި ބަކުރުބޭ ދުވަހަކު ވެސް ނުދެކޭފާޑުގެ ވަރަށް ރީތި ބޮޑު ގުޅިއެއް ވެސް އެގެއިން ފެނުނު ކަމާއި އެ ގުޅީގެ ތެރޭގައި އެ ސިހުރުފޮތް ލައި ފޮރުވައިގެން އަލީތަކުރުފާނު އުޅޭވަހަކަ ވެސް ބުންޏެވެ.

ދަލޭކަދައިތަ އިނީ މި ވާހަކަތަށް އަޑުއަހާފައި ވަރަށް ބިރުގަނެފައެވެ. ދަލޭކަދައިތަ ބުނީ އެނާ އަށް އަލީތަކުރުފާނު އެފަދަ ސިހުރުގެ ކަމެއްކޮއްފާނެ ކަމަކަށް ޤަބޫލު ކުރަން ދަތިކަމެވެ. އެދުވަހު ބަކުރުބޭ އުޅުނީ އޭނާގެ ދެ އަތްތިލަ ކަހާވަރުންނެވެ. އެ ދުވަހު ބަކުރުބޭގެ އަަތްތިލައިގައި ބޮޑެތި ދޮސްފޮޅު ނަގައިގެން އަތުގައި ރިއްސާތީ އެއްވެސް މަސަށްކަތެއް ވެސް ނުކުރެވުނެވެ.

ބަކުރުބޭ ދެ އަތުގައި ރިހޭވަރުން ދަރުފަޅަން ފޮރޯގައި ހިފާލާނެވަރެއް ވެސް ނެތެވެ. ދަލޭކަދައިތަ ހުރީ ބަކުރުބޭ އަތުގައި ހިތިފަތާއި ލޮނުމެދާއި ފުނޑައިގެން އަދި ލޮނު އެއްކޮއްގެން ހިރުނދުފަތް އޮޅައި ބަނދެ ބޮޑު ބޭސްގަނޑެއް ވެސް އަޅައިފައެވެ. އެރޭގެ ދަންވަރުގެ ވަގުތެކެވެ. ގަދަނިދީގައި އޮތް ބަކުރުބޭ އަށް އޭނާގެ ނަމުން މީހަކު ދެތިން ފަހަރަކު ގޮވާލި އަޑު އިވިއްޖެ އެވެ.

"ހަސަން ބަކުރާ !...... ހަސަން ބަކުރާ... ހަސަން ބަކުރާ...................!"

ކުއްލިއަކަށް ބަކުރުބޭ އަށް ހޭލެވިއްޖެއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދަލޭކަދައިތަ އޮތީ ގަދައަށް ނިދާފައެވެ. ޖިފުޓި ތެރޭގައި ހުރި ފުޅިބައްތީގެ ފަނޑު އަލިކަން ފިޔަވައި އިތުރުކަމެއް ނެތެވެ. ބަކުރުބޭއަށް ހަމަ ޔަޤީނުން ވެސް މީހަކު އޭނާގެ ނަމުން ގޮވައިފިއެވެ. ބަކުރުބޭ އަނެއްކާވެސް ނިދަން މަސައްކަތް ކުރިއެވެ.

ދެން ކަންތަށް ވީ ތަފާތު ގޮތަކަށެވެ. ބަކުރުބޭ އަށް އޮއެވުނީ ދެބަދޭތެރޭގައިއެވެ. މިހެން އޮއްވައި ކަޅުހިޔަންޏެއް އަތުވެއްޖެއެވެ. އެ ހިޔަނި ވަރަށް ކުރަކި އަޑަކުން ބުނެފިއެވެ.

"ހަސަން ބަކުރާ ކަލޭ ކީއްކުރަން އަހަރެންގެ ފޮތުގާ އަތްލީ ؟"

މި އިވުނުގެ އަޑު އަންހެނެއްގެ އަޑަކާއި ވެސް ވައްތަރުވާން އުޅުނެވެ. އަދި ފިރިހެނެއްގެ އަޑަކާއި ވައްތަރުވި ހެން ވެސް ހީވިއެވެ. ނޭވަޔަށް އުދަނގޫ ވާ ޒާތެއްގެ ޒަވިގަދަ ހިތިހުތް ވަހެއް ދުވާހެން ވެސް ބަކުރުބޭ އަށް ދެބަދޭތެރެއިން އިހްސާސް ކުރެވުނެވެ. ދެން ކަންތަށް ވެގެން ދިޔައީ މީހެއްގެ ހިތަށް ވެސް ނާރާފަދަ ގޮތަކަށެވެ.

ބަކުރުބޭ އަށް ދެބަދޭތެރެއިން ހޭލެވިއްޖެއެވެ. ބަކުރުބޭ ވަށައިގެން ވަނީ ވަރަށް ކަޅު އަދިރިކަމެވެ. ބަކުރުބޭ އަށް މި ހުރެވުނީ ވާ ބޯވެފައި ހުރި ބޮޑު ޖަންގައްޔެއްގައެވެ. ބޮޑު ބިޔަ ނިކަ ގަހެއްގެ ެދަށުގައެވެ. ހަނދުވަރުގެ ފަނޑު އަލިކަމެއްވަނީ ފެތުރިފައެވެ. މިއޮށްފަދަ ދަންވަރުގަޑީގައި ބަކުރުބޭ އަށް ރަށުގެ މިހައި ދުރަށް އާދެވުނީ ކިހިނެއް ވެގެން ކަމެއްނޭނގުނެވެ.

ދެބަދޭތެރޭ ނިދީގައި ހުރެގެން ބަކުރުބޭ ދަންވަރުގަޑީގައި އެހުރީ ދޯނިތަށް އެހެލާ ތަނަށް އައިސްފައެވެ. ބޮޑު ހަރުގެ ހުރި ކުރިމަތީގައެވެ. އެތާނގައި ހުރި ބިޔަ ނިކަގަސް ކައިރީގައެވެ. މިހެން ވާނުވައި ނޭނގި ހުއްޓައި ބަކުރުބޭ އަށް ކުއްލި އަކަށް ބަކައްޓެއް ގޮވައިލި އަޑު އިވިއްޖެއެވެ.

ބަކުރުބޭ ތެޅިގަނެފައި ބިރުން ހުރެ ނިކަގަހުގެ މައްޗަށް ބަލައިލިއެވެ. ބަކުރުބޭ އަށް އެ ފެނުނީ އާދަޔާޚިލާފު ކަމެކެވެ.

ނިކަގަހުގެ ވަރަށް އުހުގައި ހުރި ގޮފިގަނޑެއްގައި ހުދު ކުލައިގެ ބޮޑު ބަކައްޓެއް ރަތް ކުލައިގެ ދެލޯ ބޮޑު ކޮއްގެން ބަކުރުބެޔާ ދިމާއަށް ބަލަން އޮތެވެ. މި ބަކަރީގައި ހަ ފައި ފަޅާފައި ހުއްޓެވެ. އެ ބަކަރި އޮތީ އޭތީގެ ދޫ ނެރިގެންއެވެ. އެއީ ވަރަށް ދިގުކޮއް ބޯވައިގެ ހުންނަ ވައްތަރު އުންތަކެއް ފަޅާފައި އޮތް ބިޔަ ދުލެކެވެ. އެ ދުލުގައި ހަތްފޫޓު ވަރު ހުންނާނެއެވެ. އެދޫ ފެންނަން ހުރިއިރު ހީވަނީ ބޮޑު ކަންނެލި ގޮދައެއްގެ ރޯ މަސްގަނޑެއް އެލިފައި އޮތް ހެނެވެ. އަދި އޭތިއޮތީ އޮލަ ދަވަތަކެއް އަނގައިން ބާލުވައި ބާލުވައެވެ. ނިކަގަހުގެ ބުޑަށް އެ އޮލަތަށް ފައިބަ ފައިބާއެވެ.

ބަކުރުބޭ ވަރަށް ބޮޑަށް ބިރުގަނެއްޖެއެވެ. ބަކުރުބޭ އަށް ބިރުން ދުއްވައި ގަނެވިއްޖެއެވެ. އެކަމަކު އެ ބަކަރީގެ ދިގުވެފައި އޮތް ދޫ ނިކަގަހުގައި ކޭއްތެމުން ދެމިގެން އެއައި ގޮތަށް އައިސް ދުވެ ދުވެ ހުރި ބަކުރުބޭގެ ކަރުގައި އޮޅާލައި ފިއްތާބާރު ކޮއްލިއެވެ. ހަމަ އެވަގުތު ބަކުރުބޭގެ ދެލޮލުގެ ގޮބޮޅި ބުރައިގެންގޮސް އޭނާގެ ހަށިގަނޑުން ބާރުދޫވެ ބިންމައްޗަށް ވެއްޓިއްޖެއެވެ.

ދަލޭކަދައިތަ އަށް ހޭލެވުނީ ދަންވަރު މުނާޖާ ގޮވާ އަޑަށެވެ. ތެދުވި އިރުގައި ބަކުރުބޭ ފެންނާކަށް ނެތެވެ. ދަލޭކަދައިތަ ހީކުރީ ބަކުރުބޭ އެވާނީ ތެދުވެ އަތިރިޔަކަށް ގޮނޑުދޮށާދިމާލަށް ދިޔައީ ކަމަށެވެ. ވަގުތުތައް އަރައިގެން ގޮސް ފަތިސްނަމާދުގެ ބަންޤީގެ އަޑުއިިވިއްޖެއެވެ. ދަލޭކަދައިތަ ފަތިސްނަމާދު ކޮއްލައިގެން ނިކުތީބޭރަށެވެ. އެކަމަކު އަދިވެސް ބަކުރުބޭ ގެއަކަށް ނާދެއެވެ.

މިހާރު ހެނދުނު ވާން ކައިރިވަނީއެވެ. ދަލޭކަދައިތަ ތެލިތައް ބޮލަށް އަރުވައިގެން ކިހިއްޔަށް ބަނޑިޔަލެއް ޖަހައިގެން ތެލި ދޮންނަން މޫދާ ދިމާއަށް އަތިރިމައްޗަށް ދާން ހިނގައިގަތެވެ. ކޮންމެ ދުވަހެއްގެ ބޮޑު ފަތިހާ ދަލޭކަދައިތަ ތެދުވެ ފަތިސްނަމާދު ކޮއްގެން ގެއިން ނިކުންނާނީ ތެލިތަށް ދޮންނަންށާއި ބަނޑިޔާގަނޑު ހިފައިގެން މިސްކިތުދޮށަށް ފެންބަލައި ދާށެވެ. އަތިރިމައްޗަށް ގޮސް ރާޅުޖަހައި ހިސާބު ރީތި ދޮންވެލިގަނޑު މަތީ އިނދެ ތެލިތައް ދޮވެ ސާފުކުރާށެވެ.

ތެލިދޮވެ ނިމުމުން ކައިރި ހުރި ވަލަށް ވަދެ ފަންތަކަކާއި ދަރުތަކެއް ވެސް ހޯދައިފިއެވެ. ފަނާއި ދަރު ބަނދެ ހުރިހާ ތަކެތި ބަރު ކޮށް ކިހިއްޔަށް ޖަހައި ހުރިހައި ތެލިތައް ހިފައިގެން ދަލޭކަދައިތަ އެދިޔައީ މިސްކިތުދޮށަށް ފެން ބަލައެވެ. ފެން ބަލައިގޮސް ދަލޭކަދައިތަ ގެއަށް އައިރު ވެސް ބަކުރުބޭ ގެއަކަށް ނާދެއެވެ.

ދަލޭކަދައިތަ ގޯއްޗަށް ވަދެ ދޮރާށި ބުޑުގައި ފަންބޮޑިވަރާއި ދަރުބޮނޑި ބެއްވިއެވެ. ދެން އެދިޔަގޮތަށް ގޮސް ބަދިގެ ފުއްޑަނުމަތީ ތެލިތަށް ބަހައްޓައިފައި ބޮލުގައި ހުރި ފެންބަޑިޔާގަނޑު ނުބެހެއްޓިގެން އުޅެނިކޮށް މީހަކު ތެޅެމުން ފޮޅެމުން ފަހަތުން އައިސް ވަރަށް ބާރަށް ބުނެފިއެވެ.

"ދޮންދަލޭކަ ދައިތާ ބަކުރުބޭ އެބަ އޮތް ނޮޅައި ސުންނާފަތި ކޮއްފާ ނިކަގަހެއްގާ އެލުވައިފާ.....!"

މިއަޑު އިވިފަައި ދަލޭކަދައިތަ ރޮއެ ހަޅޭލަވައިގަންތަނުން ބޮލުގައި ހުރި ފެންބަނޑިޔާގަނޑު އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ރަށު ރައްޔިތުން ހަރުގެ ހުރި ދޯނި އެހެލާ ތަނަށް އެއްވެ ޖަމާވެ ތިއްބެވެ. އެތާނގައި ހުރި ބޮޑު ނިކަގަހެއްގައި އެރަށު ބަކުރުބޭ ގައިން ހަންނޮޅައިލެޔާ ތައްތެޅިފައި އެކޮޅުކޮޅަށް އެލުވައިފައި އޮތެވެ.

ބަކުރުބޭގެ ދެ ލޮލެއް ނެތެވެ. އޭނާގެ ހަތަރެސް ފައިގެ ހުރިހާ ހުޅުތަށް ހުރީ އަނެއްފަޅިއަށް އަނބުރާފައިއެވެ. އެ ލޭތިކި ޖަހައިލަ ޖަހައިލަ އޮތް ރޯ މިނި މަސްގަނޑުގައި ބައިވަރު ކާކު އައިން ޖައްސައި އެމަސްގަނޑު ވިދާ ނޮޅައި ކައިކައި ތިއްބެވެ. މިއީ ކާކު ކޮންއިރަކު ކޮއްފައި ހުރި ކަމެއް އެއްވެސް މީހަކަށް ނޭނގޭއެވެ.

"ޔަޤީނޭ ރަށުތެރެ އަށް ކަނޑުފުރޭތަ އެއް އަރައިފި ނުނީ ވިގަނި އަރައި ބަކުރުބޭ ކައިފި"

މިހެން ކިޔައި މީހުން ބިރުން ހަޅޭލަވައި ރޮއެހެދިއެވެ. ބަކުރުބޭ ގެ ބިރުވެރި މަރުގެ ވާހަކަ މުޅި ރަށުގައި ފެތުރިއްޖެއެވެ. އަލީތަކުރުފާނަށް ބަކުރުބޭ އަށް މިވެގެން ދިޔަ ބޮޑު ހަދިސާ ގެ ކަންތަށްގަނޑު ވިސްނައި ގަނެވެއްޖެއެވެ. ބަކުރުބޭ އޮތީ ގައިން ހަން ދަމައިފައި އޭ މީހުން ކިޔާތީ އެއީ ރަތްއަކިރީގެ ތެރޭގައި އުޅެމުން ދާ ސިއްރުވެރި ހިޔަނީގެ ކަމެއްކަން ޚުދް އަލީތަކުރުފާނަށް ވެސް އެނގޭއެވެ. އަލީތަކުރުފާނަށް ލަފާކުރެވެނީ ބަކުރުބޭ އެ ގެއަށް އައި ދުވަހު އަލީތަކުރުފާނަށް ނޭނގި ނަމަ ވެސް އެވަނީ އެ ސިހުރު ފޮތުގައި އަތްލައި ހަދައިފައެވެ.

އެހެންނޫންނަމަ މި ހާދިސާ އެގޮތަކަށް ނުހިނގާނެކަމެވެ. ދެން އޭގެ ފަހުން އަލީތަކުރުފާނު އައީ ސިހުރުފޮތާއި ގުޅި ފޮރުވާނެ ގޮތަކާއި މެދު ރާވައި ވަރަށް ބޮޑަށް ވިސްނަމުންނެވެ. ކުރިއަށް އޮތް ތާނގައި އެއްވެސް ހާލަތެއްގައި އިތުރު އެހެން މީހަކަށް އެ ފޮތް ނުފެނި އަތުނުޖެހި ވާނެގޮތެއް ރާވައި ހަދަމުންނެވެ.

އަލީތަކުރުފާނުގެ އަލަތު އަނބިމީހާ އާޤިސާ ވެސް އޮތީ ގައިން ހަންދަމައި ނޮޅާފައެވެ. ހަމައެހެންމެ ބަކުރުބޭ ވެސް ވަނީ ހަމަ އެ ފަދަ ގޮތަކަށް އަނިޔާވެރި މަރަކުން މަރާލެވިފައެވެ. ބަކުރުބޭ ގެ ހުވަފަތްވެފައި އިން އަނބިމީހާ ދޮންދަލޭކަދައިތަ ރަށު ބައެއް މީހުން ގާތުގައި ވަނީ އަލީތަކުރުފާނު ފޮރުވައިގެން ގެންގުޅޭ ފަންޑިތަ ފޮތާއި ބޮޑު ގުޅި ބަކުރުބޭ އަށް ފެނިގެން އެވާހަކަ ބުނި ކަމަށް ބުނެފައެވެ.

އެހެނަސް އެ ރަށު އެއްވެސް މީ ހަކަށް ކަނޑައެޅިގެން އެއީ ދޮންދަލޭކަދައިތަ ދައްކާ ތެދު ހަގީގީ ވަހަކައެއް ކަމެއް ނެނގޭއެވެ. އެއްވެސް މީހަކަށް މިހައި ތަނަށް އެ ބުނާ ފަންޑިތަ ފޮތަކާއި ގުޅިއެއް ފެނިފައެއް ނުވޭއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ދިޔަހެން މީހުންގެ ދޫ ދޫމަތިން ވަނީ އަލީތަކުރުފާނުގެ ފަންޑިތަ ފޮތާއި ގުޅީގެ ގެ ވާހަކަ ޔޯލަ ޔޯލަ ވާހަކެއްގެ ގޮތަށް އެ އުސޫލުން ފެތުރިފައެވެ.

އަދި އެ ރަށުގެ ބައެއް މީހުނަށް އަލީތަކުރުފާނުގެ ގޯތި ހުންނަ ހިސާބުން ކަޅު ހިޔަންޏެއް ފެންނަ ވާހަކަ ވެސް ވަނީ ފެތުރިފައެވެ.

**** *** ****

(ނުނިމޭ)