އެންމެ މުއްސަނދި ގައުމުގެ ލަގަބް އެމެރިކާއަށް 2037 ވަނަ އަހަރު ގެއްލޭނެ ކަމަށް އިނގިރޭސިވިލާތުގެ ސެންޓަރ ފޯރ އިކްނޮމިކްސް އެންޑް ބިޒްނަސް ރިސަރޗްއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާއިން ދައްކާ ގޮތުން އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މުއްސަނދި ގައުމުގެ ލިސްޓުގެ އެއްވަނައިގައި 2037 އޮންނާނީ ޗައިނާއެވެ. އެމެރިކާއަށް ލިބޭނީ 2 ވަނައެވެ. ތިންވަނައިގައި އޮންނާނީ އަވަށްޓެރި އިންޑިޔާއެވެ.

މިދިރާސާގައި ވަނީ 2037 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދުގައި އެންމެ ނުފޫޒުގަދަވާނެ ކަމަށް ލަފާ ކުރާ 25 ގައުމުވެސް ތަރުތީބު ކޮށްފައެވެ.

މިލިސްޓުން އެންމެ ބޮޑު ހައިރާން ކަމެއް ގެނުވި ގައުމަކީ މިހާރު ވަރަށް ފަގީރު ހާލަތުގައި އޮތް އަވަށްޓެރި ބަންގްލަދޭޝްއެވެ. ބަންގްލަދޭޝް ހިމަނާފައި ވަނީ މިލިސްޓުގެ 20 ވަނައިގައެވެ. މީގެ އިތުރުން އިރާނާއި ތައިވާން އަދި ތައިލެންޑްވެސް ހިމަނާފައި ވަނީ 2037 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދިވާނެ ކަމަށް ލަފާ ކުރެވޭ 25 ގައުމުގެ ތެރޭގައެވެ.

މެދު އިރުމަތީގެ ގައުމުތަކަށް ބަލާއިރު މިލިސްޓުން ޖާގަ ލިބުނީ ހަމައެކަނި ސައުދީ އަރަބިއްޔާއަށެވެ. މިލިސްޓުގައި ސައުދީ ހިމަނާފައި ވަނީ 18 ވަނައިގައެވެ. 2037 ވަނަ އަހަރު ސައުދީގެ ޖީޑީޕީ ހުންނާނެ ކަމަށް ލަފާ ކޮށްފައި ވަނީ 1.926 ޓްރިލިޔަން ޑޮލަރުގައެވެ.

ތިރީގައި މިވަނީ 2037 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ލީޑް ކުރާނެ ކަމަށް ލަފާކޮށްފައިވާ 10 ގައުމެވެ.

1. ޗައިނާ (ޖީޑީޕީ: 45.490 ޓްރިލިޔަން) 2. އެމެރިކާ (ޖީޑީޕީ: 44.948 ޓްރިލިޔަން) 3. އިންޑިޔާ (ޖީޑީޕީ: 12.050 ޓްރިލިޔަން)

4. ޖަޕާން (ޖީޑީޕީ: 8.754 ޓްރިލިޔަން) 5. ޖަރުމަނު (ޖީޑީޕީ: 6.889 ޓްރިލިޔަން) 6. އިނގިރޭސިވިލާތް (ޖީޑީޕީ: 5.601 ޓްރިލިޔަން)

7. ފްރާންސް (ޖީޑީޕީ: 4.606 ޓްރިލިޔަން) 8. ބްރެޒިލް (ޖީޑީޕީ: 4.029 ޓްރިލިޔަން) 9. ދެކުނު ކޮރެއާ (ޖީޑީޕީ: 3.801 ޓްރިލިޔަން)

10. ކެނަޑާ (ޖީޑީޕީ: 3.591 ޓްރިލިޔަން)