ރާއްޖެ އާއި މިޞްރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާމެދު މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންގާރަ ދުވަހު މިޞްރުގެ ޚާރިޖީ ވަޒީރާއި އެމަނިކުފާނާއި ފޯނުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖެ އާއި މިޞްރާ ދެމެދު އޮންނަ ގާތް އަދި ތާރީޚީ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖެ އާއި މިޞްރުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރު ދިވެހިރާއްޖެ އާއި މިޞްރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާތާ 54 އަހަރު ވަނީ ފުރިފައެވެ.

ދިވެހިރާއްޖެ އާއި މިޞްރާ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުނީ 12 ފެބްރުއަރީ 1969 ގައެވެ.