ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 80 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސްހިސާބުތައް ބުނާގޮތުން، މީގެ އަހަރެއްކުރިން ޗައިނާއިން ފެނުނު ކޮވިޑްބަލި މިހާރުވަނީ ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިގެން ގޮސްފައެވެ.

މިއަދުގެ ނިޔަލަށް ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 80،412،311 އަށް އަރައިގެން ގޮސްފައިވާއިރު، މިދިޔަ ހަފްތާ ތެރޭގައި ކޮވިޑަށް ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 580،000 މީހުން ޕޮޒިޓިވްވަމުން ގޮސްފައި ވެއެވެ.

ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސް ބައްރަކީ ޔޫރަޕް ކަމަށް ރެކޯޑުތަކުން ދައްކައެވެ. ޔޫރަޕުން އެކަނިވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 މިލިއަނަށް އަރާފައިވާއިރު، ބަލީގައި ޔޫރަޕުން މަރުވި މީހުންގެ އަދަދުވަނީ 546،000 އަށް އަރާފައެވެ.

ކޮވިޑްބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދުގެ ނިޔަލަށް މަރުވި މީހުންގެ އަދަދުވަނީ 1.76 މިލިއަނަށްވުރެ މަތިވެފައެވެ.

ކޮވިޑްބަލިމަޑު ކަމުން އަރައިގަތުމަށް ޔޫރަޕްގައި މިއަދު ވަނީ ވެކްސިންވެސް ދޭން ފަށާފައެވެ. މިއީ، ބަލި ފެތުރުން ހުއްޓުވުމުގެ އުންމީދުކަމަށް އީޔޫއިން ދެކެއެވެ.

ޔޫރަޕްގެ ގައުމުތަކުންވެސް ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދިނުމަށް ކަނޑައަޅާފައިވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ.

އެކަމަކު، ވެކްސިން ދޭންފެށިއިރު، ޔޫރަޕަށް މިހާރުވަނީ އެހެން ބިރެއްވެސް ކުރިމަތިވެފައެވެ. އެއީ، ޔޫކޭއިން ފެނިގެންއުޅޭ ކޮވިޑްވައިރަހުގެ އާ ވޭރިއެންޓްގެ ބިރެވެ. މި ވޭރިއެންޓް ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް މިހާރުވަނީ ފެނިފައެވެ.

މިކަމާހެދި، އީޔޫގެ ބައެއް ގައުމުތަކުން މިހާރުވަނީ ޔޫކޭއިން މީހުން އައުން މަނާކޮށްފައެވެ. އަދި ބަލި ފެތުރުން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައްވެސް ގެންދަނީ އަޅަމުންނެވެ.