އަހަރުތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ގޮސް އަލީތަކުރުފާނު މުސްކުޅިވެ ބަލިއެނދުގައި އޮށޯވެއްޖެއެވެ. އަލީތަކުރުފާނަށް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅު ހަސަންމަނިކު ވެސް މީހަކާ އިނދެ މިހާރުވަނީ އޭނާއަށް ވެސް ވަނީ ދަރިއަކު ލިބިފައެވެ. އެއީ އަލީތަކުރުފާނަށް ކާފަކިޔާ ދަރިއެއްކަމުގައިވާ އުސްމާނުއެވެ.

އަލީތަކުރުފާނު ވަނީ އޭނާ ދުނިޔެއަޅާ ދިޔުމުގެ ކުރިން އޭނާގެ ދަރިފުޅު ހަސަންމަނިކަށް އާއިލާތެރޭގައިވާ ގުޅިއާ ސިހުރުފޮތުގެ ވާހަކަ ކިޔައިދީފައެވެ. ފަންޑިތައިގެ އެކިކަންތައްތައް ކުރަން ދަސްކޮށްދީ ތަވީދު ހަދާނޭގޮތާއި ފާލުބަލާނޭ ގޮތްވެސް ވަނީ ބުނެދީ ދަސްކޮށްދީފައެވެ.

މި ރޮނގުން ކުރިއަށް ދިޔުމަށް ހަސަންމަނިކު ގެ ދަރިންގެ ދަރިންނަށް ވެސް ދަސްކޮށްދީ ހަދަންވީ ގޮތް ވަނީ ބުނެދީފައެވެ. ލިބިފައިއޮތް ގުޅިއާ ސިހުރުފޮތް ރައްކާކުރާނޭ ތަނެއް ލިބިފައިވާ ގޯތީގައި ބިނާކޮށް އެތަކެތި ވަންހަނާ ކުރާނޭގޮތް ވަނީ ވަރަށް ރަނގަޅަށް ބުނެދީފައެވެ. މިއަދު ދަސްކޮށްފައި ހުރި އިލްމަކުން ނޫނީ ކުރިއަށް އޮތް ތާނގައި ކުރަން ބޭނުންވާކަމެއް ނުކުރެވޭނެޔޭ އަލީތަކުރުފާނު ވަނީ ބުނެފައެވެ.

ދުވަސްތައް ފާއިތުވެ މާގިނަ ދުވަސް ތަކެއްނުވެ އަލީތަކުރުފާނު މަރުވެއްޖެއެވެ. ހަސަންމަނިކު އޭނާގެ ބައްޕަ ބުނިފަދައިން ކަންތައްތައް ކުރުމުގައި ދެމިހުއްޓެވެ. ދުވަސްތައް މާޒީއާ އެކުވަމުން ގޮސް އުސްމާނު ވެސް ބޮޑުވެ މީހަކާ އިނެވެ. އުސްމާނު މީހަކާ އިނދެގެން އޭނާއަށް ވެސް މިހާރު ދަރިއަކު ލިބިއްޖެއެވެ. އެއީ ވެސް ހަމަ ފިރިހެން ކުއްޖެކެވެ. އޭނާއަށް ކިޔަނީ ސިއްދީގުއެވެ.

މިއާއިލާ ތެރޭގައި ހައިރާން ވާވަރު ގެ ކަންތައްތައް އަބަދު ވެސް ވެއެވެ. އެންމެ އަޖައިބީ މި އާއިލާގެ ކޮންމެ މީހަކު ކައިވެނި ކުރާ އަނބިން ވަނީ ކޮންމެ ވެސް ހާދިސާތަކެއްގައި މަރުވެފައެވެ. ހަސަންމަނިކު ގެ އަންހެނުން ރުގިއްޔާ ވަނީ އެގޭގިފިލީ ވަޅަށް ވެއްޓި ގެނބިގެން މަރުވެފައެވެ. އުސްމާނުގެ އަނބިމީހާ ވަނީ ގަޔަށް ކެކިކެކިހުރި ގަރުދިޔަ ތެއްޔެއް ބަންޑުންވެގެން ފިހިގެން މަރުވެފައެވެ. މި ފިހިގެން މަރުވި ސަފިއްޔާ އަކީ ސިއްދީގު ގެ މަންމައެވެ. އުސްމާނު އޭގެފަހުން ކައިވެންޏެއް ނުކުރެއެވެ.

ހަސަންމަނިކު ނިޔާވުމުން ރަތްއަކިރީ ގޭގެ ވެރި މީހާއަކީ އެނާގެ ހަމައެކަނި ހުރި ދަރިފުޅު އުސްމާނެވެ. އުސްމާނު އޭނާގެ ދަރިފުޅު ސިއްދީގު ބޮޑުވެގެން އައި އިރު އޭނާއާ ކޮންމެ ވެސް ވަރަކަށް ސިހުރު ގެ ބައެއް ވާހަކަތައް ދައްކައިހެދިއެވެ. ސިހުރާއި ފަންޑިތަ އަދި ތަވީދުހަދައި ފާލުބަލާނޭ ގޮތް ކިޔައިދީ ދަސްކޮށް ދީފިއެވެ.

ނަމަވެސް ސިއްދީގު އަކީ މި ކަހަލަ ކަންތައްތަކާ އެހާގަޔާވާ ކުއްޖަކަށް ނުވެފައި އޭނާގެ މުނިކާފަމެންްގެ ހިސާބުން އައިސްފައިވާ ވާހަކަ ތަކަކީ ބޯދާ ފުލޯކު ވާހަކަތަކެއް ކަމުގައި އޭނާ ދެކެމުންއައެވެ. ސިއްދީގު ޤަބޫލުކުރާ ގޮތުގައި އެކަހަލަ ހުރިހާ ވާހަކަ ތަކަކީ ހައްތަހާ ވެސް މީހުން ބިރުގަންނަވަން ދައްކައި ކިޔައި އުޅުނު ޙިޔާލީ ވާހަކަތަކެވެ. އެގޮތައް ޤަބޫލުކޮށްގެން އޭނާ އެއްވެސް ވަރަކަށް ސިހުރު ގެ ކަމެއްގައި ޝައުޤުވެރިއެއް ނުވެއެވެ.

*** **** ***

ސިއްދީގާއި މުއާވިޔަތު/ ސިއްދީގުގެ ކަޅުސިހުރުން ޝަބީބާ ކަމަނާ ހައްޔަރުކުރަން ޖެހުނު ހަގީގަތް!

އަހަރަކީ 1964 އެވެ. ސިއްދީގު އުމުރުން މިހާރު އަށާރަ އަހަރެވެ. އުސްމާނަށް ސިއްދީގު ލިބުނީ 1946 ގައެވެ. ސިއްދީގު ބަލައި ބޮޑުކޮށްހަދާ ފައިވަނީ އުސްމާނު އެކަންޏެވެ. ސިއްދީގު ކުޑައިރު އޭނާގެ މަންމަ ސަފިއްޔާ ނިޔާވީއްސުރެ އުސްމާނު އިތުރު ކައިވެންޏެއް ނުކުރެއެވެ. ދުވަހަކީ އެހެން ދުވަސް ތަކެކޭ އެއްފަދައިން ސިއްދީގު އޭނާގެ ގޭގައި އެ ހުންނަ ގަސްތަކުން ލިބޭ ކެޔޮތަކާއި މޭވާ އާއި ތަރުކާރިތަށް ވިއްކަން އުޅުނު ދުވަހެކެވެ. ސިއްދީގު ގެ އެންމެގާތް ރަހްމަތްތެރި އެކުވެރިއަކީ މުއާވިއަތުއެވެ. އޭނާގެ ނަން ކުރުކޮށްލާފައި ވަނަމަކަށް މުއާ ވެސް މީހުން ކިޔައެވެ.

މިހާރު ދިވެހި ރާއްޖޭގެ ތަރައްޤީވެ ބޮޑެތި މަސްދޯނި ފަހަރު ރަށްރަށުގައި ބަނދެ ބޮޑެތި ރިޔާނެގި ދޯނިތަކުގައި ބައިވަރު ކެޔޮޅުން މަހަށް ގޮސް ހަދައެވެ. ހިތްވަރުގަދަ ކެޔޮޅުން މަސްބާނައި މަސްތިޔާގި ދުވަސްވަރެއް ވިއްޔާ މަސް ކައްކައި ރިހާކުރާއި ވަޅޯމަސްހަދައި ބޮޑެތި ވިޔަފާރިތައް ކޮށްހަދައެވެ. ހަމަ އެފަދައިން ދަނޑުވެރިން ދަނޑުތައް ހައްދައި ވަރަށް އުފާވެރިކަންމަތީ ގައި މީހުންދިރި އުޅެއެވެ.

ދުވަސްވަރު ގެ ތަރަށްގީއާއެކު ކޮންމެ ގެއެއްގެ ކުއްޖަކު ވެސް އެދުރުބޭ ނުވަތަ އެދުރުދައިތަ މެން ގެއަށް ފޮނުވައި ވޮށުފިލާ އަޅުވަން ދަސްކޮށްދީ ލިޔަންކިޔަން އުނގަނައިދީ ރަށުގެ މަކުތަބަށް ޢިލްމު އުނގަނައިދީ ހަދަން ފޮނުވައެވެ. މާލޭގެ ދަތުރުވެރިން ރަށްރަށަށް އަތުވެއްޖެއްޔާ ރީތި އަތުކުރި ގަޑިޔާއި މުންޑާއިގަމީސް އަދި ލިބާސް ފަހާ ފޮއްޗާއި އަންނައުނުތަކާއި މީރު ވަސް ދުވާ ސެންޓާއި ސާބޯންޏާއި ގަހަނާ ފަދަރީތި ތަކެތި ގެނެސް ވިއްކާހަދައެވެ.

ސިއްދީގަކީ އަށާރަ އަހަރަށްދާ ދުޅަހެޔޮ ބަލައިލަން ވަރަށް ރީތި ހަމުގެ ކުލަ އަލި އިސްކޮޅުން ދިގު ޒުވާނެކެވެ. އެހެންނަމަ ވެސް ސިއްދީގު އަދި އެއްވެސް އަންހެނަކާ ލޯބީގެ ގޮތުން ގުޅިފައެއްނުވެއެވެ. އޭނާ އެންމެ ގާތް އެކުވެރިޔާ މުއާވިއަތު އަކީ ސިއްދީގަށްވުރެ އެއްއަހަރު ހަގު ޒުވާނެކެވެ. މުއާވިޔަތު ވެސް އަދި ހުރީ މީހަކާ ނުއިނދެއެވެ. މި ދެއެކުވެރިން ނަކީ އަބަދު ވެސް އެކަކު އަނެކަކަށް އެހީތެރިކަން ވީމިންވަރަކުން ފޯރުކޮށްދީގެން އުޅެމުން އަންނަ ގާތް ދެރަހްމަތް ތެރިންނެވެ. ސިއްދީގުމެން ގެ ގޯތީގައި މިހާރު ހުންނަނީ ތިންކޮޓަރި ރާނައި ބަދިގެ އާއި ގިފިލި ހަދައިފައި ވަރަށް ރީތިކޮށެވެ. މިގެ ހުންނަ ހިސާބުގަނޑަކީ އެހެން މީހުން ދިރިނޫޅޭ ތަންކޮޅެއް ދުރު ހިސާބެކެވެ.

އެކަމަކު ވެސް މުއާވިއަތު އޭނާއަށް މަސް ކޮޅެއް ނުވަތަ ރިހާކުރުކޮޅެއް ލިބުނަސް ސިއްދީގަށް ދީގެން މެނުވީ ނުކާނެއެވެ. އެހެން ދުވަސް ތަކެކޭ އެއްފަދައިން ސިއްދީގު ވަނީ އޭނާގެ ބަލިއެނދުގައި އޮތް ބައްޕަ އުސްމާނަށް މެންދުރުގެ ކެއުންދީ ބޭސްދީ ހަދާފައެވެ. މިހާރު އުސްމާނު އެހެން ބަލިވެ އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އުސްމާނު ގިފިލީތެރޭގައި ފެންވަރަން އުޅެނިކޮށް ކައްސައިލައިގެން ވެއްޓި އޭނާގެ އެއްފައިވަނީ ބިނދިފައެވެ. މިހާރު އުސްމާނު އެހެން ބަލިއެނދެއްގައި އޮންނަތާ ހައެއްކަ މަސް ވަނީއެވެ. ސިއްދީގު އޭނާއަށް ވެވުނު އެންމެ ރަނގަޅަކަށް އޭނާގެ ބައްޕަ އަށް ހެޔޮކޮށް ކަންތައް ކޮއްދެއެވެ. މާގިނަ ދުވަސް ތަކެއްނުވެ އުސްމާނު ވެސް ނިޔާވެއްޖެއެވެ.

މިހާރު ސިއްދީގު އުޅެނީ ވަރަށް އެކަނިވެރި ކޮށެވެ. އޭނާ ކުޑައިރު މަންމަ މަރުވެ އަދި އޭނާގެ އެންމެ ޒުވާންފުރައިގެ ދުވަސްވަރު މިވަނީ އޭނާގެ ބައްޕަ ވެސް މިދުނިޔެއާއި ވަކިވެފައެވެ. އޭނާގެ ބައްޕަ އޭނާއަށް ކުޑަ އިރުއްސުރެ ދަސްކޮށް ދީފައިވާ ބައެއް ސިހުރުގެ ކަންތައް ތަކަކީ އޭނާ މިހާރު ހަނދާންހުންނަ ކަންތައްތަކެއް ނޫނެވެ. އަދި އެފަދަ ކަމަކާ ޝަޢުގުވެރި ވެގެން އޭނާއެއް ނޫޅެއެވެ. ފަހަރުގައި އެފަދަ ކަމެއް ކުރާނޭވަރުގެ ކަމެއް ސިއްދީގު ގެ ހަޔާތުގައި އަދި ދިމާ ނުވަނީ ކަންނޭނގެއެވެ. ސިއްދީގު ތަންކޮޅެއް ކުރިއަކުން އެއްރެއްގައި ކައިނިމިގެން ބިޑިއެއްބޯލައި ދުފާހަދައިލައިގެން ނިދަން އޮށޯވެއްޖެއެވެ. އަދި ސިއްދީގަށް ވަރަށްް ގަދައަށް ނިދިއްޖެއެވެ.

އޭނާއަށް ފެންނަނީ ހުވަފެނެއްކަމެއް ނުވަތަ އޭނާ އޮތީ ދެބަދޭތެރޭގައި ކަމެއް އޭނާ އަކަށް ނޭނގެއެވެ. ސިއްދީގަށް ތަކުރާރު ކޮށް ފެންނަ ހުވަފެނެއް އޮވެއެވެ. އެއީ ހަގީގަތުގައި ހުވަފެނެއްކަމެއް ނުވަތަ ހިތަށް އަރާ އެއްޗެއްކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. އޭނާގެ ހަވާނަފްސަށް އިވޭ އަޑެއްހެން މިކަން ވެއެވެ. މިއީ ހުވަފެނެއް ކަމުގައި ސިއްދީގަށް ހީވެއެވެ. ސިއްދީގަށް އޮޅިގެން ދެނަމާދު ދޭތެރޭގައި ނިދިއްޖިއްޔާ މިފެންނަ ހުވަފެނެއް އަބަދު ވެސް ތަކުރާރުކޮށް ފެނެއެވެ. ސިއްދީގަށް ފެންނަހުވަފެނުގައި މީހަކު އައިސް އޭނާ ގާތުގައި ލ.ގަމަށް ލަސްނުކޮށް އަވަހަށް ދާން ޖެހޭނޭ ބުނާތީ އަޑުއިވެއެވެ.

"މިހާރު މި އޮތީކަލެޔާ ޖެހިފަ"

މިހެން ވެސް މީހަކު ހުވަފެނުގައި ބުނާތީ އަޑުއިވޭއެވެ. އަދި ލ.ގަމަށް އަވަށް ދާން އުޅޭށޭ ހިނދު ހިނދުކޮޅުން މީހަކު ކަންފަތް ބުޑުގައި ބުނާތީ އަޑު އިވޭއެވެ. މިއީ ވެސް ސިއްދީގު އެތަނަކަށް ދާން ހިތްޖެހޭ ހިޔާލުކުރެވޭ ކަމެކެވެ. މިވާހަކަ އޭނާ އެއްވެސް މީހެއްގެ ގާތުގައި ނުބުނެއެވެ. ކުޑަމިނުން މުއާވިއަތަށް ވެސް އޭނާ މިހުވަފެން ފެންނަ ވާހަކައެއް ކިޔައެއް ނުދެއެވެ. ސިއްދީގު ވެސް އުންމީދު ކުރަމުން އައީ ލ.ގަމަށް ގޮސްލުމަށެވެ. ފަހަރުގައި އެއީ ސިއްދީގު ގެ ނަސީބުކަމުގައި ވެސް ވެދާނެއެވެ.

މުއާވިއަތު އޭނާއަށް ފަރުމަސް ކޮޅެއް ލިބިގެން މެންދުރުފަހުގެ ވަގުތެއްގައި މަސްކޮތަޅު ހިފައިގެން ސިއްދީގު ގާތަށް ހިނގައްޖެއެވެ. ދެން ދެރަހުމަތްތެރިން ޖޯލިފަތީގައި ތިބެ ވާހަކަ ދައްކާލާ ގުޑުގުޑާބޮއެ ދުފުންގަނޑެއް އަޅާލައި މުއާވިއަތަށް ސިއްދީގު ހިޔާލެއް ދިނެވެ. ސިއްދީގު ބުންޏެވެ. މިފަހަރު ޢީދު ޗުއްޓީގައި ލ.ގަމަށް ގޮސްލަން ހިނގާށެވެ.

އެއީ އަދި ނުދާ ރަށަކަށް ވެފައި އެއީ ބޮޑު ރަށެކޭ ކިޔާތީ އަޑުއަހަމެވެ. މިފަހަރުގެ ބޮޑުޢީދުގައި އެހެން ރަށެއްގެ ކުޅިވަރުތައް ބަލާލަން ދާންހަމަ ޝައުޤުވެރި ވީކަމުގައި ވެސް ބުންޏެވެ. މުއާވިއަތު ުވެސް އެއީ މޮޅު ހިޔާލެއްކަމަށްބުނެ ދެރަހްމަތްތެރިން ނިންމީ ބޮޑު ޢީދުގައި ލ.ގަމަށް ދާށެވެ. ލ.ގަމަކީ ވަރަށް ރީތި ރަށެކެވެ.

ކޮންމެ ޢީދެއްގައި ވެސް އެތައްބައިވަރު މީހުން މި ރީތި ރަށަށް ގޮސް ޢީދު ކުޅިވަރު ތަކުގައި ބައިވެރިވެ މަޖާކޮށް ހަދައެވެ. ޢީދުގެ ބޮޑުމަސް ދުއްވުމާއި ބޮޑުމާއްޔާއި ބިލެއްދަފި ނެގުން ފަދަ ކުޅިވަރުތައް ކުޅެއެވެ. އަދި ހުރިހާ ކުޅިވަރުތަކު ގެ ތެރެއިން ވެސް ބޮޑުބެރުޖަހައި ނެށުންވަނީ އެންމެ މަޖާ އެންމެންނަށް ޢީދުގެ ފޯރި އަންނަ ކަމެއްކަމުގައި ވެފައެވެ. ރަށަކީ ބޮޑު ރަށަކަށް ވެފައި އެކި ރަށްރަށުން މިރަށަށް މީހުން އައިސް މަޖާކޮށް ހަދައެވެ. ސިއްދީގުމެން ވެސް ވަނީ ލ.ގަމަށް ގޮހެވެ. ދުވަހުގެ އިރު އޮއްސިއްޖެއެވެ. މިރޭގެ އިޝާނަމާދަށްފަހު އޮންނާނީ ރަށުގެ ގޮނޑުދޮށުގައި ބޮޑުބެރު ޖެހުމެވެ.

މި ބޮޑުބެރަކީ ކުޑަކުދިން ވެސް ވަރަށް ފޯރިއާއެކު ނަށާހަދާ ކުޅިވަރެކެވެ. ސިއްދީގާއި މުއާވިއަތު ވަނީ އެރަށު ބައެއްގެ ގޭގައި ޢީދު ނިމެންދެން ތިބޭނެގޮތަށް ހަމަޖައްސާފައެވެ. މުޅިދުވަހު ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ ފައި މިރޭވާނީ ފޯރި ހުންނަ ބޮޑުބެރުގެ ރެއަކަށެވެ. ސިއްދީގުވަނީ ދުވާލުގެ ޢީދު މަޖަލުގައި ބައިވެރިވެ ވަރަށް ވަރުބަލި ވެފައެވެ. ސިއްދީގު ބޭނުންވަނީ ކުޑަކޮށް އަރާމުކޮށްލާށެވެ. މުއާވިޔަތު ވަރަށް ހަލަބޮލިކަމާއެކު އައިސް ސިއްދީގު ގާތުގައި ބޮޑުބެރުޖަހާ ތަނަށް ކުޅިވަރު ބަލައިލަން ހިނގާށޭ ބުނުމުން ސިއްދީގު ޖަވާބުގައި ބުންޏެވެ.

"އަހަރެން ހާދަ ވަރުބަލިވެފައޭ މިއޮތީ.....! މުޅިދުވަހު ވެސް ހުސް މަޖާ ކުރީ! މިހާރު މިއޮތީ އަހަރެން ވަރަށް ބޮޑަށް ވަރުބަލި ވެފަ.....!"

"ބޮޑެތި ތެލިތެލީގައި އެބަހުއްޓޭ ގޮދަން ބޮނޑިބަތާ މަސްވެސް ހަނާކޮއްފަ....! އެއިން އެއްޗެއް ރަހަބަލާލާ ކާންދަމާ ހިނގާ......!" މުއާވިޔަތު ހެމުން ޖަވާބުގައި ބުނެލިއެވެ.

"ބަލަކަލޯ މިއަދު ކޭހާ އެއްޗެހި މަދީތަ....؟ މެންދުރުން ފެށިގެން ކުކުޅު ބިރިޔާންޏާއި މުގުރިހައާއި ބަތާ ކަސްޓަޑާ ހަލުވިދާ ދެން މިހެން ކިޔަން އެބައޮތްތަ ޖާގައެއް އަޅެފަހެ؟" ސިއްދީގު ޖަވާބުގައި ހެމުންހެމުން ބުންޏެވެ.

މިހެން އެކަކު އަނެކަކާ ހީސަމާސާ ކޮށް ވާހަކަ ދައްކާ ހެދިއެވެ. މުއާވިޔަތު އަނެއްކާ ވެސް ސިއްދީގު ޢީދު ބޮޑުބެރަށް ނަށުވަންވެގެން ގެންދަން ބަހަނާއެއް ދައްކައިފިއެވެ.

"ހުވާ މިބުނީ ކަލޭ މިރޭ އެތަނަށް ގޮއްސިއްޔާ އިންނާނެ ރަނގަޅު ރީތި އަންހެން ކުއްޖަކު ވެސް ވެދާނެއެއްނުން؟"

މުއާވިޔަތު ބުންޏެވެ..

ހާދަރީތި އަންހެންކުދިން އެބަތިއްބޭ ދަތުރުވަރި ތަކުގައި މިރަށަށް އައިސް" ؟! މުއާވިޔަތު މަޖާވެލާފައި ބުންޏެވެ.

"މުއާ ދާންވީނު އެތަނުން އަންހެން ކުއްޖަކު ހޯދަން؟" ސިއްދީގު ވެސް ވަރަށް މަޖާވެލާފައި ބުންޏެވެ. "އަހަރެން މިރޭ މާ ވަރުބަލި.... އަހަރެން ބޭނުމީ ކުޑަވަގުތު ކޮޅަކަށް އަރާމުކޮއްލަން.....!" ސިއްދީގު ޖަވާބުދިނެވެ.

"އާނ އާނ! އެކޮޔެ ދެން މިރޭ އޮވެލާ.....! މަމިދަނީ ބޮޑުބެރުޖަހާ ތަނަށް ކުޅިވަރުބަލާލާ އެތަނުން ބޮނޑިބަތް ކޮޅެއް ކާލާ ހަދާލަން."

މިހެން ބުނެފައި މުއާވިޔަތު ދާން ހިނގާގަތެވެ. ސިއްދީގު ވަރަށް މަޖާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.

"އާނ އާނ! މިރޭ މުއާ ގެ އަނގަޔަށް ބޮނޑިބަތް ލަވާދޭނެ އަންހެން ކުއްޖެއް ވެސް ހޯދާ......!"

ދެމީހުން ވެސް އެކަކު އަނެކަކަށް ހީ ސަމާސަ ކޮށް ހެދިއެވެ. ދެން މުއާވިޔަތު އެދިޔައީ ބޮޑުބެރުގެ ކުޅިވަރު ކުޅޭ މައިދާނަށެވެ. ސިއްދީގު މިހެން އެނދުގައި އޮވެއޮވެ އެއްގޮތަކަށް ވެސް ނިދި އަންނަ ގޮތެއް ނުވިއެވެ. ސިއްދީގު ހިތައް އެރިއެވެ. ރަށު ތެރޭގައި ހިނގާލަން ނިކުމެލަން ވީއެވެ. ދެން އެނދުން ތެދުވެ ބިޑިއެއްރޯކޮއްލައި ދުފާލައިގެން އޭނާ ނިކުތީ ރަށުތެރެ ބަލާލުމަށެވެ.

އެރެއަކީ އުޑުމަތި ސާފު ހިއްގައިމު ފިނި ވައިރޯޅި ޖެހޭ ރެއެކެވެ. ސާދަވިލޭރޭގެ ހަނދު ފުރިހަމަވާ ރެއަކަށް ވެފައި މުޅިރަށުތެރެއަށް ވެސް ވަނީ ހަނދުވަރުގެ ރީތި ފަނޑު އަލިކަން ވެރިވެފައެވެ. އުޑުގެ ތަރިތައް ވެސް ވިދާލަވިދާލަ ހުއްޓެވެ. އެއްވެސް ވިލާކޮޅެއް ވެސް އުޑުމަތިން ފެންނާކަށް ނެތެވެ. ވަރަށް ވެސް ސާފު ހިތްގައިމު ރެއެކެވެ. އެންމެން ވެސް އުފާ ފާޅުކޮށް ހަލަބޮލިވަމުން އަންނަ މަޖާ ރެއެކެވެ. ސިއްދީގު އެކަނި ރަށު ތެރޭގައި ހިނގަމުން ގޮސް ރަށުގެ އެކި ހިސާބު ބަލަމުން އެބަދެއެވެ. އޭނާއަށް ބައެއްފަހަރު ދެވޭ ނުދެވޭ ތަނެއް ވެސްް ނޭނގެއެވެ.

ބައެއްފަހަރު އޭނާއަށް މީހަކު ފަހަތުން އަންނަހެން ވެސް ހީވެއެވެ. އެކަމަކު އެއީ ހަމަ ހީވާގޮތެވެ. މުޅިރަށް ވަނީ އެތައްބަޔަކު އެކި ރަށްރަށުން އައިސް ފައެވެ. އެހައި ގިނަ ބަޔަކު މަޖާކޮށް ހަދާތީ ހީވަނީ ދުވާލަކަސް އަދި ރޭގަނޑު ވިޔަސް ުމީހުންފުރިގެންވާ ޢީދެއްހެންނެވެ. މިހެން ހިތަށް އަރުވައި ސިއްދީގު ހަމަޖެހިލައިގެން ހިނގަމުން ވަކިހިސާބަކަށް ދެވުނުތަނާ އޭނާއަށް ގަހެއްގެ ފަތްތަކުގެ ތެރެއިން ކުޑަކުޑަ އަލިކަމެއް ފެނިއްޖެއެވެ. ސިއްދީގު އެދިޔަ ގޮތަށް ގޮސް އެގަސް ހާވައި ގަސްތަކުގެ ތެރެއަށް ބޯ ވައްދައި ރަނގަޅަށް ބަލައިލިއިރު އެފެންނަނީ ހާދަރީތި ފެންގަނޑެކެވެ.

މުޅިފެންގަނޑުގެ ހިތްގައިމުކަން ބުނެދޭން ވެސް ނޭނގެއެވެ. ސާފު އުޑުމަތީގައި ވާ ރީތި ހަނދު ގެ ވަށައިގެން އަލިގަދަ ރިހި ކުލައިގެ ބޮޑު ވަށްބުރެއް ވަނީ ޖައްވުގައި ފެތުރިފައެވެ. ފުރިހަމަ ވެފައި ހަނދު އެ ފެންގަނޑު މަތީގައި ބަހައްޓާފައި ހުރިކަހަލަ އެވެ. ރިހިކުލައިގެ ބޮޑު ވަށް ލޯގަނޑެއް ދަޅަ އަޅައި ފަދައިން ހަނދުގެ އަލިކަން މުޅިފެންގަނޑަށް އެޅިފައިވާ އިރު ހީވަނީ އަޖައިބު ކުރުވާ ބޮޑު ރިހިކުލައިގެ އަލިފާން ތަވައަކުން ހަނދުގެ އަލިކަން ދިޔާކޮށްލާފައި އެފެންގަނޑަށް ބަންޑުން ކޮއްލައި އޮއްސާލާފައިވާ ހެންނެވެ.

ަނދު ރިހިކުލައިން ދިއްލިފައި އެފެންގަނޑަށް އެޅިފައިވާ ހިޔަނިން ހީވަނީ ހަނދުގެ އެއްފަޅި ފަޅިކޮށްލާފައި އެތާނގައި ބާއްވާލާފައި އޮތްހެނެވެ. އަދި ދުރަށް މިމަންޒަރު ފެންނަ އިރު ހީވަނީ އުޑުގެ ތަރިތައް ޖަވާހިރުތަކެއްހެން ވިދައި ބަބުޅާ ބެބުޅުން ތަކުން އުޑުމައްޗަށް އުކާލައިފައިވާ ދިއްލޭ ފަސްއޮށްތަކެއް ހެންނެވެ. ވަށައިގެން ވާ ބިޔަ ގަސްތަކާއި ރުއްތަށް ވަޔާ ވިހުރެލާ ފެންނަން ހުންނައިރުގައި އެހާމެ ބަލައިލަން ހިތަށް ފަސޭހަ ކަމަކާއި ހިއްގައިމު ކަމާއި ނަލަކަމެވެ. ސިއްދީގަށް މިފެންނަނީ އޭނާގެ ހަޔާތުގައި ދުވަހަކު ވެސް ނުފެންނަފަދަ ރީތި މަންޒަރެކެވެ. ސިއްދީގުގެ ހިތަށް އަރަމުން ދިޔައެވެ. މިއީ އަނެއްކާ ހަމަ މިރަށުގައި އޮންނަ ފެންގަނޑެއް ބާ؟

މި ފެންގަނޑު މިއީ އަދި މީގެ ކުރީގައި އޮންނަ ތަނެއްކަމެއް ނޭނގެއެވެ. ހާދަހާ ރީތި އަޖައިބުން ފުރިފައިވާ މަންޒަރެކެވެ. މި ފެންނަ މަންޒަރު ބަލައިލަން މުޅިއުމުރު ދުވަހު މިތާނގައި ހުއްޓަސް އެއްވެސް ފޫހިކަމެއް ނެތި ހުރެވިދާނެއެވެ. މިއީ މިހައިތަނަށް ފެނުނު އެންމެ ރީތި ތަނެވެ. ފެންގަނޑާ ދިމާއަށް ހައިރާން ކަންމަތީ ބަލަން ހުރެފައި ސިއްދީގު އެހައިދުރުނޫން ހިސާބެއްގައި ހުރި ރުއްބުޑެއްގައި އިށީނދެއްޖެއެވެ. މި ރުއްބުޑު އޮތީ ފެންގަނޑާ އެހައިދުރުނޫން ހިސާބެއްގައި ހުރިގަސްތަކަކާ ނިވާވެފައެވެ. މިހާރު އޭނާއަށް ފަތްތަކުގެ ތެރެއިން ދުރުން އެފެންނަނީ އެފެންގަނޑެވެ.

ރަށުގެ އަނެއް ފަރާތުގައި މޫދާވީ ފަޅީގައި ރަށު ރައްޔިތުން ބޮޑުބެރުޖަހައި އެކިކުޅިވަރުތައް ކުޅޭ އަޑު އިވެމުންދެއެވެ. ސިއްދީގު ހުރި ހިސާބަށް ވެސް ކޮންމެ ވެސް ވަރަކަށް މިއަޑުތައް އިވެމުން އެބަދެއެވެ. އެހެންނަމަ ވެސް މިހާރު ސިއްދީގަށް މި ފެންނަނީ އަދި މާހައިރާން ކުރުވާ ކަމެކެވެ. ފުރަތަމަ ވެސް ސިއްދީގުގެ ހިތަށް އަރަމުން އައީ މިއީ އޭނާއަށް ހަމަ ހީވާ ގޮތް ކަމަށެވެ. އެކަމަކު އެއީ އޭނާއަށް ހީވާ ގޮތެއްނޫނެވެ.

ސިއްދީގު ދުރަށް ބަލަން އިން އިރުގައި މަތިން ދިޔަ ބޮޑު ތަރިއެއް ދިއްލޭތަން އެބަފެނެއެވެ. އެ ފެންނަ އިރުގައި ވައްތަރު ވަނީ އަލިފާން ބޮޑު ގިނިހިލައެއް ދަތުރު ކޮށްފައި ދާހެންނެވެ. މި ތަރި މިސްރާބު ޖަހަނީ ތިރިއަށް ހެން ވެސް އެބަ ހީވެއެވެ. އެއިން އެނިކުންނަ ގަދަ އަލި ހީވަނީ ބޮޑު އަލިފާންބޯޅައެއް ވިދަމުން އެނބުރެމުން އަންނަހެންނެވެ. އެކަމަކު އެއިން އެއްވެސް ދުމެއްނާރައެވެ. އެއިން ބޮޑެތި އަލިފާން ކަނި ބުރަނީއެވެ. ރީތި ގަދަ ނޫކުލައިންނެވެ. ހިސާބަކަށް ވައިބާރުވެ ފިނިވާން ވެސް ފަށައިފިއެވެ. ހަމަގައިމު ވެސް މިއީ ޢީދުގެ ކުޅިވަރުގެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.

މިއީ ކޮންމެވެސް އެހެންކަމެއްކަން ހަމަ ޔަޤީނެވެ. ސިއްދީގު އިނީ ވަރަށް ބިރުންނެވެ. އެހެންނަމަ ވެސް އެވާގޮތެއް ބަލަން ބޭނުމެވެ. ފެންނަމުންއައި އަލިފާންގުޅަ ތިރިވަމުން ތިރިވަމުން އައިސް އެތާނގައިވާ ފެންގަނޑާ ކައިރިވިތަނުން ވަރަށް މީރުވަހެއް މުޅިހިސާބަށް ފެތުރެން ފެށިއެވެ. މި ވަހަކީ އަދި ސިއްދީގު އޭނާގެ މުޅި ހަޔާތުގައި ވެސް ވަސް ބަލައިފައިނުވާ ފަދަ މީރު ވަހެއް ހުރި ހުވަނދެއްގެ ވަހެކެވެ. މިވަސް ދުވާލެއްގަދަކަމުން ހީވަނީ ހުވަނދުތެޔޮފާޑު އެއްޗެއް އަނދާތީ ދުވާ ވަހެއްހެންނެވެ. ވަރަށް މީރުވަހެކެވެ.

ސިއްދީގަށް އެއީ ކޮންތާކުން ކީއްވެގެން ދުވާ ކޮން އެއްޗެއްގެ ވަހެއްކަމެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ އެފަދަ މީރުވަހެއް އަދި މިހާތަނަކަށް އޭނާގެ ނޭފަތަކަށް ދުވައިފައި ނުވާކަމެވެ. ފެންނަމުން ދިޔަ އަލިފާން ބޯޅަ ކަނިބުރުވަމުން އަލިވަމުން އައިސް އެ ފެންގަނޑު ކައިރީ ހުރި ގަހެއްގެ ބުޑަށް ތިރިކޮށް ލައިފައިެއެވެ. އެހެން އިރުކޮޅަކު ކަނި ބުރުވަން އޮވެ އޮވެފައި ކުއްލިއަކަށް އަލިގަނޑު ފެންބޮތްކެއް ފަޅައިގެން ދާހެން ބުރައިގެން ހިނގައްޖެއެވެ. އޭރު ވެސް އެދުވާ މީރުވަހެއް ދުވަދުވަ ހުއްޓެވެ.

ސުބުހާނަﷲ! އެހެރީ ކާކުބާ ؟ މާތްކަލާތްކޯ!.. މިފެންނަނީ ކޮންފަދަ ކަމެއް ބާ؟ އެހެރަ ފެންނަނީ އިންސާނެއް ބާ؟ ނޫނީ ކޮންމެވެސް އެހެން އެއްޗެއް ބާ؟

ސިއްދީގު ހިތަށް އަރަމުން ދިޔައެވެ. އެތާނގައި މިހާރު އެހުރީ ރީތި ހުދު ބިއްލޫރި ފާޑުގެ އަލިގަދަ ފޭރާމެއް އަޅައިގެން ހަމަގައިމު ވެސް އިންސާނެއް ނޫނެވެ. އެ އަންހެންކުއްޖާ އަޅައިގެން ހުރި ދިއްލިފައިވާ ފޭރާން ހީވަނީ ބިއްލޫރިގަނޑެއް ދިޔާ ކޮއްލާފައި އެ އަންހެންކުއްޖާގެ ބަނިޔާދަން ހަށިގަނޑުގައި ތަތް ކޮއްލާފައި ހުރި ހެންނެވެ.

އެހެނަސް ކުޑަ މިންވަރަކަށް ވެސް އެ ރީތި ހަށިގަނޑުގެ އައުރައެއް އެ ވިދައި ބަބުޅާ ދަޅައަމުން ދާ ބިއްލޫރި ފޭރާމުގެ އެތެރެއިން ފެންނާކަށް ނުހުރެއެވެ. އެ އަލިގަދަ ފޭރާމް އެއީ ދުވަހަކު ވެސް ސިއްދީގު ދެކިފައިނުވާ ފަދަ ވައްތަރެއްގެ ހެދުމެކެވެ.

(ނުނިމޭ)