(ފަސްވަނަބައި)

މިކްޔާއިލްގެ މޫނަށް ބަލަހައްޓައިގެން އިން ޒާއިރާއަށް ކުއްލިއަކަށް ހިފާލެވުނީ މިކްޔާއިލްގެ އަތުގައެވެ.

"މިކް! ... އަހަރެން ބޭނުން އެނގެން... ބޭނުން އަހަން..." ޒާއިރާއަކަށް ނުބުނެވުނެވެ. މިކްޔާއިލް ޒާއިރާގެ މޫނަށް ބަލައިލިއެވެ. ލޯބިވެތި ގޮތަކަށެވެ.

"އަހާބަލަ! ކީކޭ ބުނަން ތިއުޅެނީ!" މިކްޔާއީލް އިނީ އުފާވެފައެވެ. އެކަން އޭނަގެ ނަޒަރުން ހާމަވެއެވެ. އެ ދެލޮލުގެ ވިދުމުންނެވެ.

ޒާއިރާއަކަށް އެ ވާހަކަ އަހާނެ ގޮތެއް އަދި ފަށާނެ ހިސާބެއް ވެސް ނޭނގުނެވެ.

"އަހަރެން ޒާއި ދެކެ ވަރަށް ލޯބިވޭ! ދުވަހަކު ވެސް އެއްވެސް އެހެން ފަރާތެއް ދެކެ ލޯބި ނުވާ ވަރަށް ލޯބިވޭ! ތިއީ އަހަރެންގެ އަލަތު އަދި އެންމެ ފަހުގެ ވެސް ލޯތްބަށް ވެގެންދާނީ!" އެންމެ ފަހުގެ ޖުމުލަ ބުނެ ނިމުނު އިރު އެ އަޑުގައިވަނީ ރިހުމެކެވެ. އެހެންކަމާއެކު ވެސް އެއަޑުގައިވަނީ ޔަގީންކަމެވެ. ޒާއިރާއަށް މިކްޔާއީލް އާ ގާތްވެވުނެވެ. އަދި މަޑުމަޑުން މިކްޔާއީލް ގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ. ޒާއިރާގެ ހިތުގައި ވަނީ މިކްޔާއީލްއަށްޓަކައި ފުރާފުރިހަމަވެފައިވާ ލޯތްބެކެވެ. އެ ލޯބީގައި ޒާއިރާ ފަނާވެގެންދާންޖެހުނަސް... ޒާއިރާ ދެލޯ މަރައިލިއެވެ.

އެދެމީހުންނަށް އެތާ ތިބެވުނީ ކިހާއިރެއް ވަންދެންކަމެއް ޒާއިރާއަކަށް ނޭނގެއެވެ. މިކްގެ ކޮނޑުގައި ބޯ އަޅައިލެވުނު ހިސާބުން ޒާއިރާއަށް ނިދިޖެހުނީއެވެ. ފަހަރެއްގައި ހިތަށާ ސިކުނޑިއަށާ ހަށިގަނޑަށް ލިބުނު ހަމަ ޖެހުމެއްގެ ސަބަބުން ނިދުނީއެވެ. އެހެންނަމަވެސް ސިއްސައިގެން ގޮސް ޒާއިރާއަށް ދެލޯ ހުޅުވައިލެވުނުއިރު ކުރިމަތިން ހިޔަނިތަކެއް ހަރަކާތް ކުރިހެން ހީވިއެވެ. ޒާއިރާއަށް ބައްދައިގަނެވުނީ މިކްގެ ގައިގައެވެ. މޫނު ފޮރުވައިލެވުނީ މިކްގެ ކަރުދޮށުގައެވެ. އަދި އަނގައިން ބިރުވެރި ހަޅޭކެއްގެ އަޑުވެސް ބޭރުވާން އުޅުނެވެ. އެހެންނަމަވެސް ބިރުން ގޮސް ޒާއިރާގެ އަޑު ބޭރެއްނުވިއެވެ.

"ކީއްވީ!" މިކް ޒާއިރާ އޭނަގެ އުނގަށްލައި ފޮރުވައިލި ކަހަލައެވެ. ގައިމު ޒާއިރާއަށް ކުރެވުނީ އެ އިހުސާސެވެ. މިކްގެ ސުވާލަށް ޒާއިރާ ޖަވާބު ދިނުމުގެ ކުރިން މަޑުމަޑުން މޫނު އަނބުރާލާ ފުރަގަހަށް ބަލައިލިއެވެ. އޭރު އެއްވެސް ތަފާތު ކަމެއް ޒާއިރާއަކަށް ފާހަގައެއް ނުކުރެވެއެވެ. އެހެންނަމަވެސް އޭރުވެސް ޒާއިރާގެ މޭ ނޭގިނެގިފައި ޖެހުމެއް ނުހުއްޓެއެވެ.

"މިކް! ޒާއި ބިރުގަނޭ އެބަ! ހިނގަ ދާން!... ކިހާ އިރެއްތަ! އަދިވެސް ބަންގި ނުގޮވަނީތަ!" ޒާއިރާ ހުރީ ހާސްވެފައެވެ. އޭނައަށް ވާހަކަދެއްކުނީ ވެސް ވަރަށް ސިއްރުންނެވެ.

"ހިނގަ ދާން!" ޒާއިރާގެ އަތުގައި ހިފާ ކޮޅަށް ނަގަމުން މިކްޔާއީލް ވެސް ތެދުވެއްޖެއެވެ. ކުރިއަށް ހިނގައިގެންފައި އަނެއްކާ ވެސް ޒާއިރާ އެނބުރިލިއެވެ. މިކްޔާއީލް ޒާއިރާގެ މިހަރަކާތް ފާހަގަ ކުރެވިގެން ޒާއިރާގެ މޫނުގެ އެއްފަރާތުގައި ހިފާ ކުރިމައްޗަށް އަނބުރައިލިއެވެ. އަދި ޒާއިރާގެ ފުރަގަހުން އަތް ގެންގޮސް އުނަގަނޑުގައި މަޑު މަޑުން ހިފަހައްޓައިލިއެވެ. ޒާއިރާ ކުރިއަށް ހިނގައިގަތެވެ.

"މިކް!" އަނެއްކާ ވެސް ޒާއިރާ އުޅުނީ ކޮންމެވެސް އެއްޗެއް ބުނާށެވެ! އެކަމަކު ހުއްޓައިލިއެވެ.

"ޒާއި!" މިކްޔާއީލް ހިފެހެއްޓީ ޒާއިރާގެ ދަތްދޮޅީގައެވެ. އަދި މައްޗަށް ހިއްލާލަމުން ކުޑަކޮށް ގުދުވެލާ ޒާއިރާގެ ތުންފަތާ ދިމާލަށް ތިރިވެލިއެވެ. އެކަމަކު ބޮސް ދިނީ ޒާއިރާގެ ނިތުގައެވެ. މިކްޔާއީލްގެ ހޫނުކަން ނިތަށް ލިބުމުން ޒާއިރާއަށް ބައްދައިލެވުނީ މިކްޔާއީލްގެ މެދުހަށީގައެވެ. އެހެން އިރުކޮޅަކު އެމީހުން ތިއްބެވެ. އެވަގުތު ކުއްލިއަކަށް ކައިރީގައި ހުރި ރުކަކުން ކާއްޓެއް ވެއްޓިގެން އައިސް އެމީހުންނާ ދާދިގާތުގައި ޖެހުނު އަޑަށް ޒާއިރާ އަނެއްކާ ވެސް ދިޔައީ ސިއްސައިގެންނެވެ.

މިކްޔާއީލް ހިފީ ޒާއިރާގެ އަތުގައެވެ. އަދި ކުރިއަށް ފިޔަވަޅުތައް އަޅަމުން ހިނގައިގަތެވެ. އެ ފިޔަވަޅުތައް ވަރަށް އަވަހެވެ. ކަމެއް ގޯސްވެއްޖެއޭ މިކްޔާއީލް ނުބުންޏަސް އެކަމުގެ އިޙުސާސް ޒާއިރާއަށް ކުރެވުނެވެ. ނުބުންޏަސް އޭނަގެ މޭ ނެގިނެގިފައި ޖެހެމުން ދިޔައެވެ. ގެއާ ހަމައަށް ދެވެންދެން ވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ.

ގޭގެ ފުޅަލިއާ އަރާހަމަވުމުން މިކްޔާއީލް އެދުނީ ޒާއިރާ އަވަހަށް ގޮސް ނިދާލުމަށެވެ. އޭގެ ކުރިން މޫނާ ދެއަތާ ރަނގަޅަށް ދޮވެލަން ބުންޏެވެ. ޒާއިރާ ބަލައިލީ މިކްގެ މޫނަށެވެ. ސުވާލުގެ ނަޒަރަކުންނެވެ.

"ތުނޑީ ވެލިގަނޑުގައި އިށީނދެގެން ތިބެފަ ނު މިއައީ! .... ލޮނުގެ އަސަރު ހުންނާނެނު!" އޯގާތެރިކަމާއެކު މިކްޔާއިލް ދެއްކި ވާހަކަ ގަބޫލުކުރެވިގެން ޒާއިރާ ބޯ ޖަހައިލިއެވެ.

މަޑުމަޑުން ގޮސް ސިޓިންރުމުގެ ދޮރުގައި ޒާއިރާ އަތްޖައްސައިލިއެވެ. ދޮރު ހުޅުވިގެން ދިއުމުން ޒާއިރާ މަޑުމަޑުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އޭގެ ކުރިން އެނބުރި މިކް ކޮބައިތޯ ބަލައިލިއެވެ. މިކް އެއް ފެންނާކަށް ނެތެވެ. ނަމާދުކުރުމަށް އަވަހަށް ދިޔައީކަންނޭގެއެވެ. މިރޭ ބަންގީގެ އަޑެއް ވެސް ޒާއިރާއަކަށް ނީވެއެވެ.

ސިޓިންގްރޫމު ހުރަސްކޮށް އެތެރެއަށް ގޮސް ހަމަ އެހާ ސިއްރުން ކޮޓަރީގެ ތަޅުގައި ހިފާ އަނބުރައިލިއެވެ. ކޮޓަރި ވެސް ހުޅުވިގެން ދިޔައީ އުންމީދުކޮށްގެން ހުރިފަދައިން އެއްވެސް އަޑެއް ބަޑެއް ނީވިއެވެ. އެތެރެއަށް ވަދެ މަލާކުގެ މޫނަށް ޒާއިރާ ބަލައިލިއެވެ. މިރޭ ފަތިސް ނަމާދުކުރުމުގެ ޚިޔާލެއް އޭނަގެ ނެތެވެ. މާ ބޮޑަށް ކަންނެތްކަން އިހުސާސްވީއެވެ. މިރޭ ހީވާގޮތުން މަލާކު އެއޮތީ ފަތިސްނާމަދަށް ނުތެދުވާންވެގެންނެވެ. ނުގޮވާނީއެވެ. ޒާއިރާ ފާޚާނާއަށް ވަދެ މޫނާ ދެއަތާ ދެފައި ވެސް ދޮވެލިއެވެ. މިކްޔާއީލް ބުނި ފަދައިންނެވެ. ދެން ގޮސް އެނދަށް އަރާ އޮށޯވެއްޖެއެވެ.

އެރޭގެފަހުން އެ ރަށުގައި ޒާއިރާ ހޭދަ ކުރި އެއްވެސް ދުވަހަކު ރޭގަނޑު މިކްޔާއީލް ޒާއިރާ ގޮވައިގެން އަތިރިމައްޗަކަށް ނުދެއެވެ. ޖެހިގެން އައި ދެ ރޭ އެދެމީހުން ބައްދަލުކުރީ ފުޅަލީގެ ދޮރުމަތިންނެވެ. އިރުކޮޅަކަށެވެ. ފަތިސްނަމާދު ބަންގީގެ އަޑު އިވެން ފެށުމުން މިކްޔާއީލް ދަނީއެވެ. ދެވަނަ ރޭ އެންމެ ފަހުން ނުހުރެވިގެން ޒާއިރާ އެކަމާ ސުވާލުކުރިއެވެ. މިކްޔާއީލްގެ ޖަވާބަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެދެމީހުން ބައްދަލުވާނީ މިކްގެ ގެއިން ކަމަށެވެ. ޒާއިރާއަށް އެ ގޮތް ވަރަށް ކަމުދިޔައެވެ. އޭރުން މިކްގެ އާއިލާ އާއި ވެސް ބައްދަލުވާނެތީއެވެ.

ފަހު ދުވަހަކީ ޒާއިރާއަށް ވަރަށް ބުރަކޮށް އުޅެން ޖެހުނު ދުވަހެކެވެ. ނޭވާއެއްލާނެހާ ވެގުތުވެސް ނުލިބި މެންދުރު ވަންދެން މަސައްކަތް ކުރަން ޖެހުނެވެ. އެ ދުވަހުގެ ޕްރޮގްރާމް ހަމަޖެހިފައިވާގޮތުން އެދުވަހުގެ މެންދުރު ފަހުއޮތީ އަތޮޅު ކައުންސިލާ ބައްދަލުކޮށް އެމީހުން ކުރަމުން އައި މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމާ އަތޮޅު ކައުންސިލުން އެމީހުންގެ މަސައްކަތަށް އިތުރަށް ދެވޭނެ އެހީތެރިކަމަކީ ކޮބައިތޯ ބަލާ ޚިޔާލު ބަދަލުކޮށް އެކަމަށް ތައްޔާރުވުމުގެ ބައްދަލުވުމެވެ.

ކަންތައްތައް ރޭވިފައިވާ ގޮތަށް ކުރިއަށް ދާނަމަ ހަވީރު ފަސްގަޑި ތިރީހަށް އެ ބައްދަލުވުން ނިންމާލާފަ އެމީހުންނަށް ގެއަށް ދެވޭނެއެވެ. އެހެންނަމަވެސް ކަންތައްވީ ރޭވިފައިވާ ގޮތަކަށް ނޫނެވެ. ފުރަތަމަ ދިމާވި މައްސަލައަކީ ކައުންސިލްގެ ރައީސް ހުރީ އެހެން ރަށެއްގައި ކަމަށް ވެފައި ރައީސް ރަށަށް ވަޑައިގަންނަވަން އޮތީ މެންދުރުފަހު ތިނެއްޖާހާކަންހާއިރަށް ކަމަށް އޮތަސް ރައީސް ދަތުރުކުރެއްވި ލޯންޗްގެ އިންޖީނަށް ދިމާވި މައްސަލައަކުން ދަތުރު ލަސްވުމެވެ. އަދި ކައުންސިލް ރައީސަށް ރަށަށް ވަޑައިގެންނެވުމުން ބަނދަރުން ގެއަށް ވަޑައިގެންނެވި ވޭނުގެ ފުރޮޅު ފަޅައިގެން ދިޔައީއެވެ. އެހިސާބުން ކައުން ސިލުން ބޭފުޅަކު ވަޑައިގެން ސައިކަލުގައި ރައީސް ކައުންސިލަށް ގެންނަވަން އުޅުއްވިއެވެ. ޒާއިރާމެންގެ މީޓިންގެ ގަޑި ޖެހިފައި އޮތުމުންނެވެ. އެހެންނަމަވެސް ލޮނާ ތަތްތެޅިފައި ހުންނެވުމުން ގެއަށް ދުރުވެ ހެދުން ބަދަލުކުރައްވަން ރައީސް ބޭނުން ފުޅުވީއެވެ. އެހުރިހާ ކަމަކުން ނިމިގެން ރައީސަށް އެ ބައްދަލުވުމަށް ވަޑައިގެންނެވުނު އިރު ހުރީ ފަސްގަޑި ބައިވެފައެވެ.

ދެން ވެސް ދިމާވީ ކުޑަކަމެއް ނޫނެވެ. އެއްވެސް ކަމަކާ ނުލާ ކައުންސިލް އޮފީހުގެ ޕްރޮޖެކްޓަރގެ މައްސަލަ ޖެހިގެން އެކަން ހައްލު ނުކުރެވި ވެސް ފަނަރަ ވަރަކަށް މިނިޓް ދިޔައެވެ. އެމީހުންނަށް އެމީޓިން ފެށުނުއިރު އިރުއޮއްސި ހައެއްޖަހަން ހުރީ ފަނަރަވަރަކަށް މިނިޓަށް ވެފައެވެ.

މިހުރިހާ ކަމަކާ ޒާއިރާ ހުރީ ނުލާހިކު ހިތްހަމަ ނުޖެހިފައެވެ. މިކަހަލަ ކަންކަން ނުލާހިކު ޕޮޒިޓިވްކޮށް ވިސްނާ ޒާއިރާ، ކުދި ކިޔާތީ މަލާކު ހުރީ ވަރަށް ލަދުންނެވެ. އެއްފަހަރަކު އެހެން ބުނަން ވެސް ބުނެވުނެވެ.

"ވަޓްސް ރޮންގ ވިތުޔޫ ޒައި!" ހަމަ އެކަނި ޒާއިރާއަށް އިވޭ ވަރަށް މަލާކު ބުންޏެވެ.

"ބީ ޕޭޝެންޓް، ޕްލީޒް!" މަލާކު އިތުރުކޮށްލިއެވެ. ޒާއިރާ ހިމޭން ވިއެވެ. ތެދެކެވެ. މިއީ ކުރިން އޭނަ އުޅުނު ގޮތެއް ނޫނެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ!

ކަނޑައެޅިފައިވާ ކަންކަމާ މަޝްވަރާކޮށް ނިމިގެން މަލާކުމެންނަށް ކައުންސިލް އޮފީހުން ނިކުމެވުނުއިރު ގަޑިން ހަގަޑި ބައިވެ ހިނގައްޖެއެވެ. ޒާއިރާގެ މޫޑް މުޅިން ގޯސްވެ މަލާކު ދެކެ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މަލާކް އަޅައެއް ނުލައެވެ. ދެމީހުން ނިކުމެގެން ގެއާ ދިމާއަށް ދާން ހިނގައިގަތެވެ. އެހެންނަމަވެސް ކައުންސިލްގެ ރައީސް ކައުންސިލުގެ ވެހިކަލުގައި އެމީހުން ގެއަށް ލައިދޭން ހުށަހެޅުމުން އެމީހުން އެރީ ކައުން ސިލްގެ ވެހިކަލަށެވެ.

ދުއްވަމުން ދިޔަ ވެހިކަލަށް ފުރަތަމަ ހުއްޓުން އައީ ވެހިކަލުގެ ކުރިމަތިން މީހަކު ހުރަސްކުރިހެން ޑްރައިވަރަށް ހީވުމުންނެވެ. އެހެންނަމަވެސް އެއީ ޑްރައިވަރަށް ހީވި ހީވުމެއް ކަމަށް ނިންމާ އަނެއްކާވެސް ވެހިކަލް ދުއްވައިލީއެވެ. އޭގެ އިރުކޮޅެއް ފަހުން މަގުގެ އެއްފަރާތުގައި ހުއްޓިގެން ހުރި މިކްޔާއީލް ޒާއިރާއަށް ފެނިއްޖެއެވެ. އިންތަނުން ތެދުވެވި ޒާއިރާއަށް ގޮވައިލެވުނީ މިކްޔާއީލް އަށެވެ.

"މިކް!" ޒާއިރާގެ އަނގައިން ބޭރުވި ލަފްޒާއެކު މަލާކުއަށް ބަލައިލެވުނީ ޒާއިރާއަށެވެ. އޭރު ޒާއިރާ ވޭނުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލާ ފަހަތަށް ބަލައިލަނީއެވެ. މަލާކު ވެސް ބަލައިލިއެވެ. އެކަމަކު އެއްވެސް މީހަކު އެތަނަކުން މަލާކުއަކަށް ނުފެނުނެވެ.

"ޑްރައިވަރ، މަޑުކޮށްލަފާނަން!" ޒާއިރާއަށް އެހެންބުނެވުނީ އަމުރަކަށް ވުރެ ބޮޑަށް އާދޭހުގެ ރާގެއްގައެވެ.

ޒާއިރާ އެދުނުގޮތަށް ޑްރައިވަރ ވެހިކަލް މަޑުކޮށްލިއެވެ.

ޒާއިރާ އިށީނދެ އިން ފަރާތުގެ ދޮރުފަތް ކަހާލުމަށްފަހު ފައިބަން ފެށުމުން މަލާކުއަކަށް ނީދެވުނެވެ. ހިތްހަމަ ނުޖެހި އިނަސް ޒާއިރާ ވެހިކަލުން ފައިބާ ބޭނުމަކާ ބެހޭގޮތުން މަލާކު ސުވާލު ކުރިއެވެ.

"ޒައި، ކޮންތާކަށް! ކީއްކުރަން...."

"މަލު ދޭ! އަހަރެން އެބައަންނަން!" މަލާކުގެ ވާހަކަ މެދު ކަނޑާލުމަށްފަހު ޒާއިރާ ހިނގައިގަތީ ފަސްދީ އައި ދިމާއަށެވެ. ހީވަނީ ވަރަށް ލަސްވެފައި ހުރިހެންނެވެ. މަލާކްއަށް ދެއަތަކަށް ބޯ ހޫރާލެވުނެވެ. ހަދާނެ ގޮތެއް ނުނިމި މަލާކް އިންދާ ޑްރައިވަރ ވެހިކަލް ދުއްވައިލީއެވެ. މަލާކު ވެސް ބޭނުންވީ ޒާއިރާ ދާތަކަށް ޒާއިރާއާ އެކު ދިއުމަށެވެ. އެހެންނަމަވެސް ޒާއިރާ އެ ގޮތް ބޭނުން ނުވާކަން އެނގޭތީ އިނީއެވެ.

ޒާއިރާއަށް ކޮންމެވެސް ބަދަލުތަކެއް އައިސްފިއެވެ. މިހާރަކަށް އައިސް ޚިޔާލަކަށް ގެއްލިފައި ހުރުމާ މާ އުފާވެރިކޮށް މީހާ ފެނުމާ މަލާކުއާ ވަކިން ގިނަ ވަގުތު ހުންނަކަން ފާހަގަވުމާ ވާހަކަ މަދުވުމާ މިފަދަ ކިތަންމެ ކަމެކެވެ. އަދި ހަމަ އެއާއެކު ކުރީ ރޭ ވެސް މަލާކު ކައިރީ ނުބުނެ ދިޔަތަނެއް އަދިވެސް ނުބުނާ ހަނދާން ވެސް މަލާކުއަށް އައީ އެ ވަގުތުއެވެ. އަނެއްކާ މިރަށުން.... އައި ޚިޔާލަކުން މަލާކުއަށް އިޙުސާސްވީ އުފާވެރިކަމެވެ. އޭނަގެ ރަޙުމަތްތެރިޔާ ކުއްޖަކާ ރައްޓެވީކީ ނޫންބާވައެވެ.

ވެހިކަލުން ފޭބި ޒާއިރާ ތަންކޮޅަކަށް ހިނގިއިރު ވެސް މިކްޔާއީލް އެއް ނުފެނުނެވެ. މުޅި އެހިސާބުގައި އާވާރައެއްހެން ޒާއިރާ ހިނގިއެވެ. މިކްޔާއީލް ފެނޭތޯއެވެ. މިކްޔާއީލްއާ ދިމާ ނުވުމުން ޒާއިރާގެ ކެތްތެރިކަން ކޮޅުން ލިއެވެ. ދެން ހަނދާނެ ގޮތް ޒާއިރާގެ ޚިޔާލުގައި ކުރަހައިލީ ވަރަށް އަވަހަށެވެ. އޭނާ އެހެރީ ގޮތްދޫކުރާކަށް ނޫނެވެ. މިކްޔާއީލް އޭނާއަށް ފިލަ ފިލައިގެން އުޅެން ވީ ކީއްވެހެއްޔެވެ! ޔަގީނުންވެސް އިރުކޮޅެއް ކުރިން މި ވެހިކަލާ ދިމާއަށް ބަލަހައްޓައިގެން މަގުގެ އެއް ފަރާތުގައި ހުރީ މިކްޔާއީލް އެވެ.

ޒާއިރާ ހިނގައިގަތެވެ. އެނބުރި އައިކޮޅަށެވެ. ދެފައި ކުރިއަށް ބާރުލާފައި ޒާއިރާ ދިޔައީ މިކްޔާއީލްގެ ގެއާ ދިމާއަށެވެ. އެއީ މިކްޔާއީލް އާ ބެހޭގޮތުން ޒައިރާއަށް ހަމަ އެކަނި އެނގޭ މައުލޫމާތެވެ. އެގެ ފާހަގަ ކުރަނީ އެގޭގެ ގޯތިތެރޭގައި ހެދިފައި ހުންނަ ބޮޑު ސިންގާ ޖަންބުގަހުންނެވެ. އެހެންނޫނަސް އެއީ ޒާއިރާމެން އުޅޭ ގެއާ ވެސް އެހާ ދުރު ނޫން ހިސާބެކެވެ.

ބާރަކަށް ހިނގާފަ ދިޔަ ޒާއިރާއަށް އެގެއަށް ވަދެވުނުއިރު އަދި އިޝާނަމާދަށް ބަންގި ނުގޮވައެވެ.