ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާން ފަށައިފިއެވެ.
މިއީ ހުޅުމާލެއަށް ނަވާރަ އަހަރު ފުރުން ފާހަގަ ކުރުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން، އާބަންކޯ އާއި ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އަހަރު ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ސްކްރީނިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.
އާބަންކޯއިން ބުނީ މިއަދުގެ ޕްރޮގްރާމު ކުރިއަށްދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު އެކެއް އަދި ރުއްގަނޑު ތިނެއް ސަރަހައްދުގައި ކަމަށެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދުމަށާއި އާންމުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް އާބަންކޯއިން ބުނެ އެވެ.
ރުއްގަނޑު އެކެއް ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ބަލަމުންދާނީ ހިތުގެ ބަލިތަކުގެ ހިރާސްތަކެވެ. އޭގެ ތެރޭގައި ހަކުރު ޓެސްޓާއި، ބީޕީ އަދި ބީއެމްއައި ބަލައި، މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެ އެވެ. ރުއްގަނޑު ތިނެއް ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓަރުން ކުރިއަށްގެންދާނީ ޗައިލްޑް ނިއުޓްރިޝަން އާއި ޑެންޓަލް ޗެކަޕެވެ.
"ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި މިކަން ކަމަށް އާންމުން އަހުލުވެރި ކުރުވުން،" އާބަންކޯ އިން ބުންޏެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަސް ފާހަގަކުރުމަށްޓަކައި އާބަންކޯ އިން ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.