ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް އިކްނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ ރައީސް ސާލިހް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ފައްޔާޒް ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އެމްޑީޕީއިން މުޅިރާއްޖެއަށް މިކުރާ ދަތުރުގައި ޕާޓީގެ ދިދަ ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމުތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެ. އިރާދަ ކުރެއްވިޔާ އެމްޑީޕީއިން އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނަން" ފައްޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އެމްޑީޕީއިން މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަށާފައި ދަތުރަކީ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރާ ދަތުރެކެވެ. މިދަތުރުގައި ރަށްރަށުން މިޓީމުތަކާ މަންދޫބުން ދަނީ ގުޅެމުންނެވެ.

އެއްބުރުން އެމްޑީޕީއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސް ސާލިހާއި ދެބޭފުޅުން މެދުގައި އުފެދިފައިވާ ހިޔާލުތަފަތުވުންތަކުގެ ސަބަބުން ޕާޓީގެ އެތެރޭގައި ވަނީ ބޮޑެތި ބައިބައިވުންތަކެއް އުފެދިފައެވެ. އަދި ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ މެމްބަރުންގެ ތެރެއިން 12 މެމްބަރުން އެމްޑީޕީއިން މިނިމުނު ހަފްތާގައި ވަކިވެވަޑައިގެންފައެވެ. މި 12 މެމްބަރުންނަކީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދު ކަރައްވާ މެމްބަރުންނެވެ.